ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް މާދަމާ ރޭ އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެ ޕާޓީގެ ނާއިބު ލީޑަރު އިލްހާމް އަހްމަދު ވިދާޅުވީ ގާސިމް އިބްރާހީމްގެ ރަނިންމޭޓް މާދަމާ ރޭ އިއުލާން ކުރެއްވުމަށް އެ ޕާޓީން ނިންމަވާފައިވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ ގާސިމްގެ ރަނިންމޭޓަކަށް ކަނޑައަޅާ ބޭފުޅަކީ އެކަމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ގާސިމްގެ ރަނިންމޭޓުކަން ހުށަހަޅުއްވާފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ޝަހީމް ކުރިން ވިދާޅުވެފައި ވަނީ އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާކަމަށާއި ގާސިމް އެގޮތަށް ހުށަހަޅުއްވައިފި ނަމަ އެކަމާ މެދު ގޮތެއް ނިންމާނީ އަދާލަތު ޕާޓީން ކަމަށެވެ.

ގާސިމްގެ ރަނިންމޭޓް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވައްރު ހަމަޖައްސަވާ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ރޭހުގައި ވާދަކުރެއްވި އުމަރު ނަސީރު ގާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އުމަރު ވަނީ ޖޭޕީގެ ކޮންގްރެސްގެ ޖަލްސާގައި މިރޭ ބައިވެރިވެވަޑައިގެންފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރަނިންމޭޓް އިއުލާންކޮށްފައި ނުވަނީ ހަމައެކަނި ގާސިމެވެ.