މި އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަ ވަނީ ވަކި ޕާޓީއެއްގެ ޓިކެޓްގައި ނުވާތޯ އެމަނިކުފާނަކީ ރައްޔިތުންގެ ކެންޑިޑޭޓު ކަމަށް ރިޔަސީ އިންތިހާބަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ފޯމާ އެކު ހިމަނަން ޖެހޭ 1500 މީހުންގެ ސޮއި ހޯދެއްވުމުގެ މަސައްކަތް މިރޭ ހިލާލީގޭގައި ކުރިއަށް ދިޔަ ވަގުތު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ވަކި ޕާޓީއެއްގެ ޓިކެޓްގައި ނިކުމެވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"މިހާރު އަޅުގަނޑު ދެކެނީ އަޅުގަނޑަކީ ރައްޔިތުންގެ ކެންޑިޑޭޓު ކަމަށް. ވަކި ޕާޓީއެއްގެ ކެންޑިޑޭޓެއް ނޫން ކަމަށް. އެހެންވީމާ އަޅުގަނޑާ އެކީގައި މަސައްކަތްކުރާ ހުރިހާ ޕާޓީތަކަށް ހަމަހަމަކަމާ އެކީގައި ކަންތައް ކޮށްދެވޭނެ. ވަކި ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވެއްޖެ ބައެއް އެހެން ޕާޓީތަކަށް ހީވެދާނެ އަޅުގަނޑުކުރިމަތިލާ ޕާޓީއަކަށް ބުރަވެވިދާނެއޭ. މިހާރު އެހެންވީމާ އަޅުގަނޑަށް ހީވަނީ މިއީހެން އެންމެ ރަނގަޅު ގޮތަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު މާލޭގެ ބައެއް ގޭގެއަށް ފޯމް ހިއްޕަވައިގެން ވަޑައިގެން ސޮއި ކުރެއްވުމުގެ ކަންތައް ކުރިއަށް ގެންވާނެ ކަމަށާއި އަންނަ އާދިއްތަ ނުވަތަ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ޑރ. ވަހީދު ދިރިއުޅުއްވާ ހިލާލީގޭގައި ސޮއި ކުރުމުގެ ހަރަކާތް މިރޭ 9:30 ފެށިގެން ކުރިދާއިރު އެކި އާންމުނާއި ސިޔާސީ އިސް ބޭފުޅުން ވަނީ މިރޭ ސޮއި ކުރައްވައިފަ އެވެ.


އަންނަ ހުކުރު ދުވަހު އައްޑޫ ސިޓީ އަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އައްޑޫ ސިޓީގައި ވެސް ބައެއް ގެތަކަށް ވަޑައިގެން ސޮއި ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އާދާލަތު ޕާޓީ "ގައުމައިގެން ކުރިއަށް ފުޅާކޯލިޝަނުން" ވަކިވުމާ ގުޅިގެން ހީނަރު ކަމެއް ނާންނަ ކަމަށާއި އެ ޕާޓީގެ ބޭފުޅުން އެމަނިކުފާނަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވި ބަސްފުޅު މިރޭ ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.