(13 ޖުލައިގެ އަދަދާއި ގުޅޭ)

ޝަހާމާ އަތުގައި ހުރި ތަބަކާއެކު އެނދުގެ މަގަތުގައި އިށީންދެލައިގެން ސޫޕްތަށީގެ މަތި ނެގިއެވެ. ބޭރުން ރާވިދު ގޮވައިލީ އެވަގުތުއެވެ. "މިހާ އަވަހަށް ކީއްކުރަންބާ ބައްޕަ އެ ގޮވަނީ؟" ޝަހާމާ ދޮރާއި ދިމާއަށް ބަލައިލާފައި ތެދުވެ ތަބައް ބެހެއްޓީ އެނދުމަތީގައެވެ. ދޮރު ލެއްޕި އަޑަށް އިޔަން ނިކުމެގެން އައިސް ކުރިންވެސް ހުރި ތަނުގައި ހުއްޓިލައިފިއެވެ. "މަންމަ އެބުނީ ތެދެއްތަ؟" އިޔަންގެ ތޫނު ނަޒަރުން ބަލައިލުމުން ޒޯހާ އަނެއްކާވެސް ކަންބޮޑު ވާގޮތް ވެއްޖެއެވެ. "ކާން ދޯ ތިއުޅެނީ؟" އިޔަންއަށް ސޫޕް ތަށި ފެނިގެން ބުނެލައިފިއެވެ. ޒޯހާ ގަދަކަމުން އުޅެވެސް ތުންފަތަށް ހިނިތުންވުމެއް ވެރި ނުކުރެވުމުން ކުޑަކޮށް ބޯ ހަލުވާ ލައިފައި އާއެކޭ ބުނެލިއެވެ. "އޯލްރައިޓް. އަހަރެން އައި ބޭނުންވެސް ފުދުނީ. ޒޯހާގެ ހާލު ބަލައިލެވިއްޖެ. ދެން ރަނގަޅަށް ކައިގެން ބޭސް ކާތި އިނގޭ." އިޔަން ކޮޓަރިން ނިކުނަން ވެގެން ތަންކޮޅަކަށް ގޮއްސައި އަނެއްކާ ހުއްޓި ބަލައިލިއެވެ. ޒޯހާ ބަލަހައްޓައިގެން އިނދެފައި ކުއްލިއަކަށް އިސްޖަހަލީ އިޔަން ބަލައިލީމައެވެ.

"މާދަމާވެސް އަހަރެން ޒޯހާގެ ހާލު ބަލައިލަން ބޭނުން ވެއްޖެއްޔާ ކިހިނެއް ހަދާނީ؟ ބަލިވެ އޮވެގެން ފޯނާއި ހިސާބަށް ނުދެވޭނެ ދޯ؟ މިރޭވެސް އަހަރެން އައީ ގުޅާލައިފަ. ޒޯހާގެ މަންމަ ކަންނޭނގެ ބުނީ ބަލިވެ އޮތް ވާހަކަ. ފޯނާއި ހަމައަށް ނުދެވޭނެ ވާހަކަ." އިޔަންގެ ވާހަކައިން ޒޯހާއަށް ލިބުނީ އަނެއްކާވެސް ހައިރާން ކަމެކެވެ. އިޔަން އެއައީ ފޯންވެސް ކޮށްފައި ހެއްޔެވެ؟ އަނެއްކާ މަންމަ ހީކުރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. އޭނާ އަށް ފޯނު ކުރާ ފިރިހެން އެކުވެރިން ނުވެސް އުޅޭނެއެވެ.

"އަހަރެން ނަންބަރ ދިނިއްޔާ ޒޯހާ ގުޅާނަންތަ؟" ޒޯހާއަށް ޖަވާބު ނުދެވިފައި އިންދާ އަނެއްކާވެސް ވާހަކަ ދެއްކީ އިޔަން އެވެ. ޒޯހާ އެއީ މިވަގުތު މަންމަން ކުއްޖެކޭ އެއްފަދައެވެ. ހައިރާން ކަމާއި ކަންބޮޑުވުން އެކުވެގެން އެމޫނު އިހުނަށްވުރެ މައުސޫމު ވެފައި އަޅައިގަންނަ ގޮތެއް ހުރި ކަމުގައި އިޔަންއަށް ގަބޫލު ކުރެވުނެވެ. ކައިރިވެލައިފައި ނޭފަތުގައި ކޮށްޓާލައި ތޮޅެލަން އިޔަންގެ ހިތް އެދުނެވެ. އެހިޔާލުން އެކަނިވެސް ހިނިތުން ވެ ލެވިއްޖެއެވެ. އެކަމަކު ޒޯހާއަށް ވާ ގޮތަކީ އެފަދަ ކޮންމެ ހަރަކާތަކުން މާބޮޑަށް ކަންބޮޑު ވަނީއެވެ. އިޔަންއަށް ނޭނގުނީ އެކަންބޮޑު ވުމާއި އެކުވެސް ޒޯހާ އެތެރެ އެތެރެއިން އިހްސާސް ކުރަމުން ދިޔަ ފޮނި މީރުކަމެވެ. އިޔަންގެ މޫނު ފެނިގެން، އިޔަން އޭނާ ދެކިލަން އައިސްގެން ހިތް އުފާވެފައިވާ މިންވަރެވެ.

އިޔަން ބަލަން ހުރެލައިފައި ލިޔާ މޭޒު ކައިރިއަށް ގޮސް އެތަނުން ފޮތެއްގައި ފަންސުރުން މޯބައިލް ނަންބަރު ލިޔެލިއެވެ. ނިކުނަންވެގެން ދޮރާއި ހަމައަށް ކިރިޔާ ދެވުނު ތަނާ ތަޅު އެނބުރެން ފެށިތަން ފެނުނެވެ. އަވަސް އަވަހަށް ފާރާއި ގާތަށް ޖެހިލެވުނެވެ. ޝަހާމާ ދޮރު ހުޅުވައިލުމުން އިޔަން ހުރީ ރަނގަޅަށްވެސް ދޮރާއި ފާރާއި ދޭތެރޭ ނިވާ ވެފައެވެ. ޝަހާމާ އިށީންދެފައި ދޮރާއި ފުރަގަސްދީގެން އިނދެ ޒޯހާއަށް ކާންދޭން ފެށުމުން އިޔަން ފުރުސަތުގެ ބޭނުން ކޮށްފައި ނިކުމެގެން ދިޔައެވެ. ނަސީބަކުން ރަވީދުވެސް ފެންނާކަށް ނެތެވެ. ޒޯހާގެ އެއްބަނޑުގައި ދޮށްޓަށް ހުރި ނީޒާއަށް އިޔަން ފެނުނީ ގެއިން ނިކުންނަނިކޮށް ފުރަގަހުންނެވެ.

މަގުމައްޗަށް އިޔަން ނިކުތް އިރު ކުރިއާ ޚިލާފަސް ވާރޭ ތުނި ކޮށްލައިފި އެވެ. އިޔަން ކޯޓުގެ ޒިބު އަޅުވައި ހުޑްވެސް ބޮލުގައި އަޅާލައިގެން ގޮސް ސައިކަލަށް އަރައި ނައްޓައިލި އެވެ. ގެއަށް ގޮސް ވަންއިރު ރޭގަނޑުގެ ކެއުމަށް ތަށިމަތި ތައްޔާރު ކުރަން ޝާފިޔާ އުޅުނީ ނަޝީދު ގެނަ ތައިލެންޑް ކުއްޖާ ގޮވައިގެންނެވެ. އިޔަން ގޮސް ވާރޭކޯޓު ބާލާފައި ޝާފިޔާއަށް ގޮވައިލި ތަނާ މިއާ އައި ނައިތަނެއް ނޭނގި އޭގައި ހިފައިފިއެވެ. "ގެނޭ އަހަރެން އަތަށް!" އިޔަންއަށް މިއާ އެތަނަށް އައިކަންވެސް އެނގުނީ ވާހަކަ ދެއްކީމައެވެ. "ހާދަ ރަނގަޅޭ." އިޔަން ލުއި ހީލުމަކާއެކު ބަލައިލުމުން މިއާ ފެނުނީ އެސްފިޔަތައް ތިރިކޮށްލައިގެން ހުއްޓައެވެ. މިއާ އިޔަންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ކޯޓު އަތަށް ލައިގެން ބާރު ބާރަށް ގޮސް ލޯމަތިން ގެއްލުނެވެ. އިރުކޮޅަކުން ފަހަރަކު މީހަކު ނިކުމެގެން އައިސް ކާކޮޓަރި އާއި ދިމާއަށް ދާން ފެށިއެވެ. އިޔަން ސޯފާގައި އިށީންދެލައިގެން އިންދާ މަންމަ ގޮވައިލުމުން ތެދުވެއްޖެއެވެ. މިއާ ވަނީ އެންމެ ފަހުންނެވެ. ދިމާ ކުރިމަތީގައި އިށީންދެވެސް މިރޭ އެކުއްޖާ އިނީ އިޔަންއަށް ނުބަލަން ހުވާކޮށްގެން ކަހަލައެވެ. އިޔަންއަށް އެކަން އަޖައިބަކަށް ވިއެވެ. އެކަމަކު އެންމެންގެ ތެރޭގައި ވުމުން އެއްޗެއް ބުނާ ހިތެއް ނުވިއެވެ. މިއާ ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނިއްޔާ ކަންތަކާ ޖެހުނީއެވެ. ގަޔަށް ބޮލައި އަރައި ބޮލުގެ އިސްތަށިގަނޑަށްވެސް ދަމާނެއެވެ. އެކަމަކު އަނެއްބައި ފަހަރަށް ލޯބިން ހީވާނީ އެހެންފަދަ ކަމެއް ހެންނެވެ. އުމުރަށް ވުރެވެސް ކުޑަކަމަށް އިޔަންއަށް ގަބޫލު ކުރެވެނީ މިއާގެ އެ ޅަ މިޒާޖުގެ ސަބަބުންނެވެ. އެކަމަކު މިހާރު ހީވަނީ ހަމަ ކުއްލި އަކަށް ބޮޑުވެއްޖެ ހެންނެވެ. ފާއިތުވެ ދިޔަ ގަޑިއެއްހާއިރު ތެރޭގައި މިއާގެ ފަރާތުން ފެނުނީ އުމުރުން ވީ ސޯޅަ އަހަރު ތެރޭގައި ދުވަހަކުވެސް ނުފެންނަ ކުލަ ތަކެކެވެ.

ކެއުމުގެ ވަގުތުގައި ވެސް މިއާ އިނީ ބަސްމަދުވެފައެވެ. ޒަމީހާ ނޫނީ ކޮންމެވެސް ބޮޑު މީހަކު އެއްޗެކޭ އެހިއްޔާ ނޫނީ ވާހަކައެއް ނުދައްކައެވެ. އެއިން ކޮންމެ ފަހަރަކުވެސް ޖަވާބު ދީފައި ހުއްޓާލަނީއެވެ. މީގެ ކުރިން މިއާ އަބަދުވެސް ކަންކަމުގައި އަމިއްލަ ހިޔާލު ހުށަ އަޅަން ވަރެއް ދައްކައިލައެވެ. މިއަދު ހީވަނީ އެހެން މީހުންނަށް ފެންނާނީ އެންމެ ރަނގަޅަށޭ ހިތުލައިގެން އިން ހެންނެވެ. ނަޝީދު، ޗުއްޓީ ހަދާލަން އެންމެން ރާއްޖެ ތެރޭގެ ރަށަކަށް ދާ ވާހަކަ ފަށައިގެން ކުރިއަށް ދިޔައިރު އެންމެން ދާންވީ ރަށްތަކުގެ ނަން ކިޔެއެވެ. އެކަމަކު މިއާ އެވަގުތުވެސް އަމިއްލަ ހިޔާލު ފާޅެއް ނުކުރެއެވެ.

އިޔަން ނިދުމުގެ ކުރީން މިއާގެ ކޮޓަރިއަށް ވަދެލަން ގަސްތު ކޮށްގެން އެދިމާއަށް ދިޔައެވެ. ސިޓިން ރޫމްގައި ބައްޕަ އާއި ބޮޑުބޭބެ ވާހަކަ ދައްކާއަޑު އެހިސާބަށްވެސް އިވެއެވެ. އިޔަން ގޮސް ހުއްޓިފައި ފިކުރެއްނެތި ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. ޑްރެސިންޓޭބަލް ކައިރީ ފުނާ އަޅަން ހުރެފައި މިއާ އެނބުރި ބަލައިލީ އެއަޑަށެވެ. ދެވަނަ ސިކުންތުގައި މިއާ ދެލޯ ބޮޑުކޮށްފައި ބަލައިލީ އެއްފަހަރު އިޔަންއަށް އަނެއް ފަހަރު ލައިގެން ހުރި ކުރު ހެދުމަށެވެ. ކޮނޑަށްވެސް ދެ ވާކޮޅު ހުރެފައި ނިވާކަން ކުޑައެވެ. އެކަމަކު އިޔަންގެ ކުރިމަތީ ކުރިންވެސް އޭނާ އެފަދަ ހެދުން ލައިގެން އުޅެއެވެ. "މިއާ! އަހަރެން....." އިޔަންގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދީ މިއާ ދުވެފައި ގޮސް ފާޚާނާއަށް ވަދެ ދޮރު ޖަހައިފިއެވެ. އިޔަންއަށް ހީވީ މިއާ ކޮންމެވެސް އެހެން ކަހަލަ ސަމާސައެއް ކުރަނީ ކަމުގައެވެ. ހިނި އައީ އެހެންވެއެވެ.

"މިއާ! އަހަރެން ވާހަކައެއް ދައްކާށޭ މިއައީ. އެއްޗެއް އަހަންވެގެން އަސްލު." އިޔަން އާދައިގެ ވަރަށްވުރެ ބާރަށް ބުނެލައިފައި ގޮސް ޑްރެސިން ޓޭބަލް ކައިރިއަށް ހުއްޓުނެވެ. އަތުރާފައިވާ ރީތިވާ އެއްޗެހިތަކާއި ގަހަނާގެ އިތުރަށް ދެ ފޮޓޯ ފްރޭމް ހުއްޓެވެ. އެއް ފްރޭމްގައި އިޔަންގެ ކޮނޑަށް އަރައިގެން މިއާ އޮތްވައެވެ. އަނެއް ފްރޭމްގައި އިޔަން ދާދި ފަހަކުން ނަގާފައިވާ ފޮޓޯއެކެވެ. އިޔަން ހައިރާންވީ އޭގައި އެކަނި އޭނާ ހުރީމައެވެ. އެފޮޓޯ ނެގިއިރު ދާދި ކައިރީގައި މިއާވެސް ހުރިކަން އޭނާ ރަނގަޅަށް ހަނދާން ހުއްޓެވެ.

"ނުނިކުންނާނަންތަ؟" އިޔަން ފްރޭމްތަކަށް ބަލަން ހުރެފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ. މިއާ ޖަވާބެއް ނުދިނުމުން ގޮސް ކައިރިއަށް ހުއްޓިފައި ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލި އެވެ. އެތެރޭގައި މިއާ ހުރީ މޫނުގައި ދެއަތްވެސް އަޅާލައިގެންނެވެ. އެސިފައިގައި ހުއްޓާ އިޔަން ވަނުމުން އޭނާ ލަދުގަތް މީ ފުރަތަމަ ފަހަރެވެ. ހިތްވެސް މީ ހާދަ އަޖައިބެއްފަދަ މަސްކޮޅެކެވެ. އެހިތުގައި އިހްސާސްތަކެއް އުފެދެން ސިކުންތުކޮޅެއްވެސް ފުދެއެވެ. މަންމަގެ ވާހަކައަށްފަހު އިޔަން ދެކެ މިހާ ލަދުގަނެފާނެ ކަމަށް ޚުދު މިއާވެސް ވިސްނައިފައެއް ނެތެވެ.

"އެންމެ ރަނގަޅޭ. އަހަރެން ދަނީ." މިއާ ނުނިކުންނާނެ ކަން ޔަޤީން ވުމުން އިޔަން ނިކުމެގެން ދިޔައީ އަނެއްކާވެސް ބޭރަށެވެ. މޯޑު މެސެޖްކޮށްފައި ކޮފީއަކަށް ދާން އެދުނީ ކުޑަ އިރުކޮޅެއް ކުރިންނެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހޭލައިފައި އިޔަން ފުރަތަމަވެސް ބަލައިލީ ފޯނެވެ. ފެންވަރާލައިގެން ނިކުމެ ސޯޓަކާއެކު ޓީޝާޓެއް ބޮލަށް މަހާލައިގެން ކޮޓަރިން ނިކުތެވެ. ބައްޕަ ނުވައެއް ޖަހާއިރަށް އޮފީހަށް ދިއުމުން ގޭގައި އެއްވެސް ބިރެއް ނެތެވެ. އިޔަން ސޯފާއަށް ވެއްޓި ގަނެގެން އިނދެފައި ކޮފީއެއް ގެންނަން ގޮވައިލީ ޝާފިޔާ އަށެވެ. އިރުކޮޅަކުން މިއާ ތަބަކެއްގައި ކޮފީ މަގެއް ބަހައްޓާލައިގެން އަންނަތަން ފެނިގެން އިޔަންއަށް އިޚުތިޔާރަކައި ނުލައި ކޮޅަށް ތެދުވެވުނެވެ. މިއާ އަކީ އަމިއްލަ ކަންތައްވެސް ނޯކަރުންނާއި ޝާފިޔާ ލައްވައި ކުރުވާ ކުއްޖެކެވެ. ޅަވެފައި އަދި މުއްސަދި ވީމައި ކުރަން ބޭނުންވެސް ނުވަނީއެވެ. "މަންމަ ނެތީތަ؟" އިޔަން ހައިރާންކަމުގައި އަހާލައިފިއެވެ. "މަންމަ މަސައްކަތެއްގައި." މިއާ މިފަހަރުވެސް ޖަވާބު ދިނީ އިސްޖަހައިލަމުންނެވެ. "ދެން ކޮބާ ނޯކަރު ކުއްޖާ؟" އިޔަން ކޮފީ މަގުގައި ހިފާފައި އަނެއްކާ އެހިއެވެ. މިއާ އެކޮފީ މަގު ގެންނަން ޖެހުނު ސަބަބެއް އޮޅުން ފިލުވަން އޭނާ ބޭނުމެވެ.

"އަހަރެން ގެނައީމަ ކަމުނުދިޔައީތަ؟" މިއާގެ ލޮލުން ކަރުނައިގެ އަސަރު ފައުޅު ވިއެވެ. "އަހަރެން ނުބުނަމެއްނު ތިހެނެއް. އެކަމަކު މިގޭގައި މިކަންކަން ކުރަން މީހުން ތިއްބައި މިއާ ކުރާކަށް އަހަރެން ބޭނުމެއް ނޫން." އިޔަން ބުނާނެ އިތުރު އެއްޗެއް ނޭނގިގެން ގޮސް ސޯފާގައި އިށީންދެލިއެވެ. އިޔަން ކޮފީ މަގުން އެތި ފޮދެއް ރަހަ ބަލާލައިފައި އަނގައަށް ގޮތެއް ހަދައިލެވުނެވެ. މިއާ އެނބުރިފައި ދާންވެގެން ހިނގައިގަތް އިރު ތެމިފައިވާ އެސްފިޔަތައް ފެނުނަތީ އިޔަންއަށް އެކޮފީގެ ކަމުނުދާ ވާހަކަ ބުނާކަށް ނުކެރުނެވެ. ދެން ފަށާނީ ރޯން ކަންނޭގެއެވެ.

"އަދިވެސް ކޮފީތަ؟ މިހާރު ދިހައެއް ޖަހަން ކައިރި ވަނީ. ދެން ސައިބޯނެ ވަގުތެއް އަންނާނެ؟" ޝާފިޔާ ފައްޖަހާފައިވާ އަންނައުނު ތަކެއް ހިފައިގެން އިޔަންގެ ކޮޓަރިއަށް ދާން ނިކުމެފައި އިޔަން ފެނިގެން ވާހަކަ ދެއްކިއެވެ. "މަންމަ ނިކަން ބުނެބަލަ. މިއާއަށް ކިހިނެއް ވެގެން އެއުޅެނީ؟" އިޔަން ކޮފީ މަގު ބަހައްޓާފައި ތެދުވެގެން އައިސް މަންމަ ކައިރީ އަހައިލިއެވެ. "ކަމެއް ވެއްޖެތަ؟" ޝާފިޔާއަށް އިޔަން ބުނި އެއްޗެއް ނުވިސްނުނެވެ. "ނޭނގެ މަންމާ. އެކުއްޖާގަނޑު ނިކަން ފާޑަކަށް މިހާރު އުޅެނީ. ވާހަކައެއްވެސް ނުދައްކާ. އަބަދު އިސްޖަހައިގެން ބަސްމަދުވެފަ އިންނަތަން ފެންނަނީ. ދެންމެ އަހަރެން މަންމައަށް ގޮވީމަ އަމިއްލަ އަކަށް ކޮފީއެއްވެސް ހަދައިގެން ގެނެއްސި. މީހަކު އަޅެ އެއްޗެކޭ ބުނީތަ؟ ޒަމީހާ ދައްތަ އެއްޗެކޭ ބުނީބާ؟" އިޔަން ވާހަކަ ދައްކަމުން ޒަމީހާމެން މީހަކަށް އިވިދާނެތީ ވަށައިގެން ލޯ ހިންގައިލިއެވެ. ނަސީބަކުން އިވޭ ހިސާބުގައި އެކަކުވެސް ނެތެވެ.

"ހެހެ.. އެކުއްޖާވެސް އަބަދު އެއްގޮތަކަށް ނޫޅޭނެއެއްނު ދަރިފުޅާ." ޝާފިޔާ ހިނިގަނޑެއް ޖަހާލައިފައި އެވާހަކަ މާ ސީރިއަސްކޮށެއް ނުނެގިއެވެ.

ޝާފިޔާ ގޮސް ކޮޓަރިއަށް ވަން ފަހުން އިޔަން ސޯފާ އާއި ދިމާއަށް ދަނިކޮށް މޯބައިލް ރިންގް ވާން ފެށިއެވެ. މޯބައިލާއި ގާތަށް އިޔަންއަށް ދެވުނީ ކުޑަކޮށް ދުވެލައިފައެވެ. ސްކްރީނަށް އަރާފައިވާ ނަންބަރު ފެނިފައި ކުރިއަށްވުރެ ހިތް އަވަސްވިއެވެ. "ހަލޯ." އިޔަން ފޯން ކަންފަތުގައި ޖަހާފައި ނިކުމެލީ ގޯތި ތެރެއަށެވެ. ގަސްތަކުގެ ތެރޭގައި ހިނގާލައިފައި ގޮސް ގަރާޖުގައި ހުރި ސައިކަލުގައި ޒާތަކަށް އިށީންދެލިއެވެ. "ޒޯހާ!" އެކޮޅުން ޖަވާބެއް ނައުމުން އިޔަން ގޮވައިލިއެވެ. އެކަމަކު ޒޯހާ ދެންވެސް އަނގައަކުން ނުބުންޏެވެ. އިޔަންގެ ތުންފަތުގައި ހިނިތުން ވުމެއް ދުވެލިއެވެ. ޒޯހާ ލަދުރަކި ކަމުން އަނގައިން ބުނަން ނުކެރިގެން އުޅެނީއެވެ. އެވަރުންވެސް އޭނާގެ އެދުމަށް ފޯން ކޮށްފިއެވެ.

"ހާލު ކިހިނެއްތަ؟" ބޭސް ކެއިން ދޯ؟" އިޔަންގެ ސުވާލު ތަކަށް ޒޯހާ ދެމުން ދިޔަ ހިމޭންކަން އެއީ އާއެކޭ ކަމަށް ނިންމައިގެން ވާހަކަ ކުރިއަށް ގެންދިޔައެވެ. ވަރަށް ބޭނުން ދެކިލަން. މިރޭވެސް ތިގެއަށް ދަންތަ؟" އިޔަންއަށް އެހެން ބުނެލިއިރުވެސް އިނގެއެވެ. ޒޯހާއަށް މިފަހަރު އަނގައިން ނުބުނެ ހުންނާކަށް ނުކެރޭނެއެވެ. "ނޫން.ނޫން. މަންމަމެނަށް ފެނިދާނެ." ޒޯހާ އަވަސްއަވަހަށް ދެކޮޅު ހަދައިފިއެވެ. "ދޮންތަ ރޭގައި ބުނި އިޔަން ނިކުންނަނިކޮށް ފެނުނު ވާހަކަ. އެންމެން ކައިރީ އެހި އެއީ ކާކުކަން ނޭގިގެން." ޒޯހާ އިތުރަށްވެސް ބުނެލިއެވެ. ކަންފަތުގައި އެރީތި އަޑު ޖެހިލުމުން އިޔަންއަށް އިނދެވުނީ ހިތާއި ދިމާލު މޭގައި އަތް އަޅާލައިގެންނެވެ.

"ދެން ކިހިނެއް ހަދާނީ؟ ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން ބޭނުން ޒޯހާ ދެކިލަން." އިޔަން ބޭނުންވީ ގަދަކޮށްލާށެވެ. "އަހަރެން ހިގައިދާނަން އިޔަން ބުނި ތާކަށް." އިރުކޮޅެއްގެ ހިމޭން ކަމަށްފަހު ޒޯހާ ބުނެލި އަޑު އިވުނެވެ. އެއިވުނީ ޒޯހާގެ އަޑު ބާވައޭވެސް އިޔަން ހިތަށް އެރިއެވެ. ހާދަ ގަބޫލު ނުކުރެވެއެވެ.

"ބަލިވެ އުޅެނިކޮށް ކިހިނެއް ދާނީ؟ އަހަރެން ބޭނުމެއް ނުވެއޭ ޒޯހާއަށް އިތުރު ތަކްލީފެއް ޖައްސާކަށް." އިޔަންއަށް އެވަގުތުވެސް ޒޯހާގެ ހާލާއިމެދު ވިސްނައިލެވިއްޖެއެވެ. ޒޯހާ ދިނީ އެކުވެރިއެއްގެ އެޑްރެހެވެ. އެޖަވާބުންވެސް އިޔަންއަށް އެނގުނީ އަމިއްލަ ހާލަށްވުރެ ބޮޑަށް ބައްދަލު ކުރަން ޚުދު ޒޯހާވެސް ބޭނުންވެފައި ހުރި ކަމެވެ. ރޭގަނޑު ހަތެއް ޖަހާއިރަށް ބައްދަލުވާން ގަޑި ކިޔައިފައި އިޔަން ދެމީހުން ވަކިވެލިއެވެ. ތުންފަތުގައި ވި ހިނިތުން ވުމާއެކު އިޔަން އިރުކޮޅެއް ވާންދެން ފޯނަށް ބަލަން އިނެވެ. ސްކްރީނުންވެސް ޒޯހާފެ ސޫރަ ފެނިލި ކަހަލައެވެ. އިޔަން ފޯނު ކައިރިކޮށްލައިފައި ތުންފަތް ޖައްސައިލެވުނެވެ. އިރުކޮޅަކުން ދާންވެގެން އެނބުރި ލައިފައި އިޔަން ދިޔައީ ސިއްސައިގެންނެވެ. ދާދި ކައިރީގައި ރަވީދު ބޭ ހުރީ ބަލަހައްޓައިގެންނެވެ. އިޔަންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ވާހަކަ ދައްކަން އުޅެގެން ފުރަތަމަ އަނގައިން އަޑެއް ނުނިކުތެވެ. ރަވީދުބެއަށް އޭނާ ދެއްކި ވާހަކަތަށް އިވޭނެ ބާވައެވެ؟
(ނުނިމޭ)