17 Jul 2013, 22:54
ދޭދޭ އާއިލީ ގުޅުންތައް ވަރުގަދަކޮށް އެއްބައިވަންތަ އާއިލީ ރޫހު އާލާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އައު ޖެންޑާ މިނިސްޓަރު ޑރ. އާމާލު އަލީ ވިދާޅުވެއްޖެ އެވެ.
ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ ދޭދޭ އާއިލީ ގުޅުންތައް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނީ "އިސްލާމީ ރިވެތި އުސޫލްތައް އާއިލާތަކުގެ މެދުގައި އަށެގެންނެވުމާ އެކު" ކަމަށެވެ.
ޑރ. އާމާލު ވިދާޅުވީ "އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކޮށް ތެދުބަސް ބުނެ އެއްބަޔަކު އަނެއް ބަޔަކު ބަލައިގަނެ، އަމަލީ ގޮތުން އެމީހެއްގެ މަސައްކަތަށް ކެރިފޯރުންތެރިކަން ގެނެސް އިހުލާސްތެރި ހުލްގު ހެޔޮ މުޖުތަމަޢެއް އުފެއްދެ"ވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އައު މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހާއްސަ އެހީ އަށް ބޭނުވާ މީހުން ތިބި، ގުރައިދޫ މަރުކަޒުގައި ތިބި މީހުންނާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް ބޮޑު އިސްކަމެއް އެކަމަނާގެ މިނިސްޓަރު ކަމުގައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރިއަށް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ނުވަތަ ހާއްސަ ސަމާލު ކަމެއް ދޭނީ އެންމެ ނިކަމެތިކޮށް ދެކެވޭ ކުދިން ކޮޅެއް އެބަތިބި، އެއީ ގުރައިދޫގައި. ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރަން،" އާމާލް ވިދާޅުވި އެވެ.
ގުރައިދޫގައި ތިބި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ނައިބް ޝިދާތާ ޝަރީފް ވިދާޅުވީ ގަރައިދޫގައި މީހުން ބައިތިއްބާފައި ހުންނަ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް އެތަނުންދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެތަނަށް ބޭނުންވާ އިތުރު ސާމާނު ގެނެސް ތަން މަރާމާތުކޮށް މުވަޒަފުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވީ މިހާރު ވެސް ގުރައިދޫގައި 160 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި އޭގެ ތެރެއިން 30 މީހުންނަށް މިހާރު މުޖުތަމަޢުގައި އުޅެވޭ ވަރަށް ފަރުވާ ދެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއިން އެއް ވެސް ފަރާތަކާ މިހާތަނަށް އާއިލާއިން ހަވާލުވެފައި ނުވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.