20 Mar 2010, 10:33
14:30
އިރާނަށް ހަމަލާ ދީފިނަމަ އެކަމަށް ދައްކަންޖެހޭ އަގު ބޮޑުވާނެ ކަމަށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ޝެއިހް ނައިމް ގައްސާމް އިންޒާރުކުރައްވައިފި އެވެ.
ޝެއިހް ނައީމްގެ މި އިންޒާރު އަމާޒު ކުރައްވާފައި ވަނީ އެމެރިކާއަށާއި އިސްރާއީލަށް. ޝެއިހް ނައީމް ވިދާޅުވެފައި ވަނީ އިރާނަށް ހަމަލަދީފައި ސަލާމަތުން ތިބެވިދާނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި އެކަމުގެ ބަދަލު ވޭންދެނިވި ގޮތަކަށް ހިފާނެ ކަމަށެވެ. މީގެ އިތުރުން ޝެއިހް ނައީމް ވިދާޅުވެފައިވަނީ އިރާނަށް ހަމަލާ ދިނުމަކީ މުޅި ސަރަހައްދުގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކުރުންކަމަށެވެ. ޝެއިހް ނައީމްގެ މި އިންޒާރު އައިސްފައި މިވަނީ އެމެރިކާ އާއި އިސްރާއީލުން އިރާނަށް ބިރުދެއްކުންތައް އިތުރުވެފައިވަނިކޮށެވެ. ލުބްނާނުގެ ހިޒްބުﷲ ޖަމާތަކީ އިރާން ސަރުކާރުގެ މަދަދު ލިބޭ ޖަމާތެކެވެ.