ރާޅާ އަޅަން މަޝްހޫރު ކ. ތަނބުރުދޫގައި ދިވެހިންނަށް އެއްވެސް ކަހަލަ ހުރަހެއް ނެތި ހިލޭ ރާޅާ އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ވެލްފެއާ ކުންފުނިން ބޭރުގެ ކުންފުންޏަކަށް ސާފިން ބުޓީކް ރިސޯޓެއް ހަދަން ދޫކޮށްފައިވާ ރަށުގައި ދިވެހިންނަށާއި ސަފާރީ ބޯޓުތަކުގައި އަންނަ ޓޫރިސްޓުންނަށް ރާޅާ އެޅުމުގެ ފުރުސަތު ނެތް ކަމަށް ބުނެ ޝަކުވާކުރަމުންދެ އެވެ. އެ މައްސަލައާ ގުޅިގެން ލިވަބޯޑް އެސޯސިއޭޝަންގެ ފަރާތުން ވަނީ ޑިފެންސް މިނިސްޓަރު ނާޒިމާ ބަންޑާރަ ކޮށީގައި މިރޭ ބައްދަލުކޮށްފަ އެވެ.

މީޑިއާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތަނބުރުދޫގައި އިންވެސްޓްމަންޓެއް ކުރުމަށް ސޮއިކުރި އެގްރިމަންޓަކީ ރާޅާ އަޅާ މީހުންނަށް ދެރަވާ ގޮތަށްކޮށްފައިވާ އެގްރިމެންޓެއް ނޫން ކަމަށެވެ.

"މިތަނުގައި އެއްވެސް ކަހަލަ އެކްސްކްލޫސިވިޓީއެއް އެއްވެސް ބަޔަކަށް ދީފައެއް ނޯންނާނެ. އެކަމަކު މިތަނަކީ އަޅުގަނޑުމެން ބަޔަކަށް ތަރައްގީކުރަން ދިން ތަނަކަށްވުމާއެކީގައި މިތަނުގައި ތަރައްގީކުރެވޭ ތަނުގައި މަސައްކަތްކުރާ މީހުންނާއި ލިވަބޯޑު މީހުންނާ ގުޅިގެން މި މަސައްކަތްކުރަން ޖެހޭނީ. އެހެންވީމާ އެތަނުގައި ލިވާ ބޯޑުގެ ރާޅާ މީހުންނަށް ވެސް ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަނބުރުދޫ ފައުންޑޭޝަނުން ރާޅާ އަޅާ ކުދިންނަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައި އެވެ. އަދި އެތަނުގައި އެއީ ރާޅާ އަޅާ ކުދިންނަށް ރަނގަޅަކަށް ހެދިފައި އޮތް އިންވެސްޓްމަންޓެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މި އެގްރިމަންޓް ކުރެވުނު ސީއެސްއާރު ކޮމްޕޯނެންޓެއް ގޮތުގައި އަޅުގަނޑުމެން ހިމަނާފައި އޮންނާނެ ތަނބުރުދޫ ފައުންޑޭޝަންގެ ނަމުގައި ފައުންޑޭޝަނެއް ހަދައި އެތަނުން ރާޅާ އަޅާ ކުދިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން. އޭގެ ތެރޭގައި ރާޅާ އަޅާ ކުދިންނަށް އެތަނުން ފުރުސަތު ދިނުމާއި ހަމަ އޭގެ އިތުރުން ރާޅާ އަޅާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނުކުރުމާއި އެތަނުގައި އެކި ކަހަލަ މުބާރާތްތައް ބޭއްވުމަކީ ސީއެސްއާރު ކޮމްޕޯނަންޓްގެ ތެރޭގައި ހިމެނިފައި އޮތް ކަމެއް،" އެ އެއްބަސްވުމާ ބެހޭ ގޮތުން ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަނުގެ ކަނާތް ފަރާތާއި ވާތް ފަރާތުގައި އޮންނަ ރާޅުގަނޑުގައި ދިވެހިންނަށް އެއްވެސް ޗާޖެއް ނެތި ހިލޭ ރާޅާ އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ ރަށުގައި ރިސޯޓު ހެދުމަށް އުފައްދާ ވަޒީފާތަކުގައި ދިވެހިންނަށް ފުރުސަތު ދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެހެންވީމާ މި އިންވެސްޓްމަންޓްގެ ސަބަބުން ރާޅާ އަޅާ މީހަކަށް އަދި ލިވަބޯޑުގެ ވިޔަފާރިކުރާ މީހަކަށް ލިބޭ އެއްވެސް ގެއްލުމެއް ނޯންނާނެ. މި އެގްރިމަންޓަކީ ވަރަށް ރަނގަޅަށް ލިޔެފައި އޮތް އެއްޗެއް. އަޅުގަނޑަކަށް ހިއެއްނުވޭ ރާޅާ އަޅާ އެއްވެސް ކުއްޖަކު މިކަމާ ކަންބޮޑުވާން ޖެހޭނެ ކަމަކަށް އަދި ލިވަބޯޑުގެ ވިޔަފާރިކުރާ މީހަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެތަން ތަރައްގީކުރާއިރު ދިވެހި ވިޔަފާރިކުރާ މީހަކަށް އަދި ރާޅާ އަޅާ މީހަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި އެކަމުގައި ބައެއް މީހުން ނެގެޓިވްކޮށް ވާހަކަ ދައްކާތީ އެކަމާ ހިތާމަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ތަނބުރުދޫ ތަރައްގީކުރަން އެންމެ ފުރަތަމަ ނިންމީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އަދި އެ ރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އޮތީ 2012 ފެބްރުއަރީ ހަތް ވަނަ ދުވަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ އެގްރިމަންޓްގައި އޮތް ގޮތަށް ސޮއިކުރެވުނު ނަމަ އަޅުގަނޑު މިދެންނެވި އެއްވެސް ކަމެއް ނުލިބޭ ގޮތަށް އޮތީ. ނަމަވެސް އަޅުގަނޑުމެން އައިސް ]އިސްލާހުކުރީ[ އަޅުގަނޑުމެން އެބަ ޖެހޭ ބޭރުގެ އިންވެސްޓަރުންނާއެކު ކޮށްފައި ހުންނަ ކަންތައްތަކާއެކު ކުރިޔަށްދާން. އެހެން ނޫން ނަމަ ވަރަށް ބޮޑަށް ކޮންފިޑެންސް ގެއްލިގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން ބޭނުންވީ ދިވެހިންނަށް ފުރުސަތު ލިބޭ ގޮތަށް އެ އެއްބަސްވުން ބަދަލުކުރުމަށް ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން ބަދަލުކޮށްފައިވާ ސިޓީތައް ދިވެހި ސާފަރުން ބައްދަލުކޮށްފައި އެދުމުން ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކޮށްދެން މީގެ ސަބަބުން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާނެ،" ތަކުރާރުކޮށް މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެއްވެސް ދިވެހި ރާޅާއެޅުންތެރިއަކަށް ހުރަހެއް ނެތި ރާޅާ އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެތަނުގައި އުފެދޭ ރާޅުތަކަށް ބަދަލު އަންނަ ގޮތަށް އެއްވެސް އިންވެސްޓެއް ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެތަނުގެ ފުލް ކޮންޓްރޯލް އަޅުގަނޑުމެންގެ އަތުގައި އޮންނަ ގޮތަށް މި އެގްރިމަންޓް ހެދިފައިވާނީ،" ނާޒިމް ވިދާޅުވި އެވެ.