17 Jul 2013, 21:16
ހިލޭ އަންހެނަކާ އެކު ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ސަސްޕެންޑް ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ މެންބަރު ޝުއައިބް އަބްދުއްރަހުމާން ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ އެ ކޮމިޝަންގެ ހަތަރު މެންބަރެއްގެ ވޯޓުން ކަމަށެވެ. ނަމަވެސް އަލީ ހަމީދު ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ޚާއްސަ ކޮމެޓީން ނިންމާފައި ވަނީ އަލީ ހަމީދު ސަސްޕެންޑު ކުރުމަށް ކަމަށެވެ.
ޝުއައިބު ވިދާޅުވީ އަލީ ހަމީދު ސަސްޕެންޑު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު ގާސިމް އިބްރާހީމާއި ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ލަތީފާ ގާސިމާއި ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ކަމަށެވެ. ވޯޓު ނުދެއްވަނީ ޝުއައިބު އަބްދުއްރަހުމާނާއި އަހުމަދު ރަޝީދު އަދި ހައިކޯޓުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.
"ފުރަތަމަ ވޯޓަށް އައްސަވާފައި ވަނީ ސަސްޕެންޑު ކުރަން ނުފެންނަ ބޭފުޅުން ވޯޓު ދެއްވުމަށް. ދެން އެގޮތަށް ފާސްވުމާ އެކު އިތުރަކަށް ވޯޓަށް އައްސަވާފައެއް ނުވޭ. ވޯޓު ނުދެއްވަނީ އަޅުގަނޑު ޝުއައިބު އަބްދުއްރަހުމާން އާއި ކޮމިޝަންގެ އަނެއް ދެ މެންބަރުން ކަމަށްވާ އަހުމަދު ރަޝީދު އާއި އަބްދުﷲ ހަމީދު،" ޝުއައިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލީ ހަމީދު ސަސްޕެންޑު ކުރަން ނުފެންނަ ކަމަށް އެ ބޭފުޅުން ވޯޓު ދެއްވާފައި ވަނީ އެކަށީގެންވާ ހެކި ނެތުމުން ކަމަށެވެ.
މިއަދު ބޭއްވި ޖޭއެސްސީގެ ސިއްރު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ އެ ކޮމިޝަންގެ ނާއިބް ރައީސް އަބްދުﷲ ދީދީ އެވެ. އެއީ ކޮމިޝަންގެ ރައީސް އާދަމް މުހަންމަދު އަބްދުﷲ ޗުއްޓީގައި ހުންނެވުމުގެ ސަބަބުންނެވެ.
އަބްދުﷲ ދީދީ އަކީ އަލީ ހަމީދުގެ މައްސަލަ ބަލަން އެކުލަވާލި ޚާއްސަ ކޮމެޓީގެ ރައީސް އެވެ.
އަލީ ހަމީދު ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ބަލާ ކޮމެޓީގައި ކޮމިޝަންގެ ނާއިބު ރައީސް އަބްދުﷲ ދީދީގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ މެމްބަރު ލަތީފާ ޤާސިމާއި ކޮމިޝަންގެ މެންބަރު އަހްމަދު ރަޝީދުގެ އިތުރުން ކޮމިޝަނުން ބޭރު ދެ ބޭފުޅުންގެ ގޮތުގައި ގާނޫނީ ވަކީލު ހުސައިން ސިރާޖާއި ގާނޫނީ ވަކީލު މުހައްމަދު އަނިލް ކަމަށް ޖޭއެސްސީން ބުންޏެވެ.
އަލީ ހަމީދު ސަސްޕެންޑްކުރަން ނުފެންނަ ކަމަށް ނިންމި މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.