17 Jul 2013, 17:19
ރަނިންމޭޓަކަށް ކަނޑައެޅުއްވި އިރު ޑރ. މުސްތަފާ ލުތުފީ އަށް އެއްވެސް ޝަރުތެއް ކުރައްވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މުސްތަފާ އަށް އެއްވެސް ޝަރުތެއް ކުރައްވާފައި ނުވާނެ ކަމަށާއި ރައީސް ކަމުގައި އެމަނިކުފާނަށް ނުހުރެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިސްތިއުފާދެއްވަން މުސްތަފާ ނިންމަވާފައި ވަނީ އެމްޑީޕީގެ މެންބަރުންގެ ޝަރުތުތަކާ އެއްގޮތަށް ކަމަށެވެ.
"ނޫން. އެއީ ހަމަ ޕާޓީގެ ޝަރުތުތައް. ޕާޓީން އެދޭގޮތް. ދެން އަޅުގަނޑަކީ އެމްޑީޕީގެ މެންބަރެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން އެދޭގޮތަކީ ރައްޔިތުންގެ ތާއީދާ އެކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުނެންވުން ކަމަށެވެ. ނާއިބު ރައީސް އަށް ރައީސުލްޖުމްހޫރިއްޔާގެ މާގާމުގައި ހުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތްނަމަވެސް ނާއިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ޖެހިއްޖެ ނަމަ އެމްޑީޕީ މެންބަރުން މުސްތަފާގެ އަރިހުން އެދޭގޮތަކީ އިސްތިއުފާދެއްވައި ރައްޔިތުންގެ ތާއީދު އޮތް މިންވަރެއް ބެލުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މުސްތަފާ އަކީ ނަޝީދުގެ ރަނިންމޭޓުކަން އިއްޔެ ރަސްމީކޮށް އިއުލާން ކުރުމާ އެކު އޭނާ ވިދާޅުވީ ބޭވަފާތެރި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރަނިން މޭޓު ކަމަށް ހަމަޖެއްސުމުގެ ކުރިން އެމަގާމަށް ހޮވޭނެކަމުގެ އެއްވެސް އުއްމީދެއް ނުކުރައްވާ ކަމަށާއި އެމްޑީޕީގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ މަގާމެއް ބޭނުންވެގެން ނޫން ކަމަށެވެ.