ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި އަދި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމްގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އިންތިހާބު ކޮށްފި އެވެ.

މިއަދު ދަރުބާރުގޭގައި އޮތް ޖޭޕީގެ ދެވަނަ ގައުމީ ކޮންގްރެސްގައި ހަތަރު ނާއިބު ލީޑަރުގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވައި ވާދަކުރެއްވި އެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވުމަށް ފަހު ތިން ބޭފުޅަކު ވޯޓު ނެގުމުގެ ކުރިން ނަން އަނބުރާ ގެންދެވި އެވެ.

މުޅިއަކު 94 މަންދޫބުންގެ މެދުގައި ނެގި ވޯޓުގައި ޑރ. ޑީޑީ އަށް 80 ވޯޓު ލިބިވަޑައިގެންނެވި އިރު އިލްހާމަށް ލިބިވަޑައިގެންނެވީ 81 ވޯޓެވެ. އަދި އަމީން އިބްރާހިމަށް 78 ވޯޓުލިބިވަޑައިގެންނެވި އިރު ޑރ. ހުސެއިން ރަޝީދަށް ލިބިވަޑައިގެންނެވީ 63 ވޯޓެވެ.

ޑިޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލައްވައިގެން ފެއިލްވެވަޑައިގެންނެވި މޫސާ އަންވަރަށް 38 ވޯޓުލިބިވަޑައިގެންނެވި އިރު އަބްދުﷲ އަމަން އަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

ޖުމްހޫރީ ޕާާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދެވި ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު ފުއާދު ގާސިމާއި އެ ޕާޓީގެ ތަރުޒަމާން މޫސާ ރަމީޒު އަދި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ހަމީދު އެވެ.

ޖޭޕީގެ ލީޑަރު ކަމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހިމް ގިނިގަންޏާ ކުރިމަތިލެއްވުމުން އެ މަގާމަށް އޭނާ އައު ދައުރަކަށް ހޮވުމަށް ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި 94 ވޯޓުން ގާސިމް އެ މަގާމުގައި ހުންނަން ފެންނަށް ކަމަށް ވޯޓު ދެއްވާފައިވެ އެވެ.

ޖޭޕީގެ ގައުމީ ކޮންގްރެސްގައި އަސާސީ ގަވާދަށް ހުށަހެޅުނު 37 އިސްލާހްގެ ތެރެއިން 34 އިސްލާހެއް ވަނީ ފާސްކޮށްފަ އެވެ. ކޮންގްރެސް ނިންމުމުގެ ގޮތުން ބާއްވާ ޖަލްސާ އޮންނާނީ މިރޭ ދަރުބާރުގޭގަ އެވެ.