އަދާލަތު ޕާޓީ އިން ޖުހޫރީ ޕާޓީއާ އެކު ކޯލިޝަންހެދީ 25 މިލިޔަން ރުފިޔާ އަށް ކަން ނުރަސްމީކޮށް އެނގިފައިވާ ކަމަށް ޕީޕީއެމް އިން އިން ބުނެފި އެވެ.

އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޢަބްދުއްރަހީމް ވިދާޅުވީ އަދާލަތުން ވަނީ ދެފަހަރެއްގެ މަތިން ޕީޕީއެމްއާ އެކު ކޯލިޝަން ހަދާނޭ ކަމަށްބުނެ ދެފަހަރު ވެސް އޮޅުވާލާފައި ކަމަށެވެ.

"ނުރަސްމީކޮށް އަޅުގަނޑުމެންނަށް އެނގިފައި އޮތީ ޖުމްހޫރީ ޕާޓީ އިން އެބޭފުޅުންނަށް 25 މިލިޔަން ރުފިޔާ ހުށަހަޅުއްވާފައި އޮތް ކަމަށް. ހަމަ އަޅުގަނޑުމެންގެ ބައްދަލުވުންތަކުގައި ވެސް ސީދާ އަދަދު ވިދާޅު ނުވި ކަމުގައިވީ ނަމަވެސް، އަދާލަތު ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން އެބަހުރި ވިދާޅުވެފައި، ޖުމްހޫރީ ޕާޓީން ވަރަށް ބޮޑެތި އަދަދުގެ ފައިސާ އަދާލަތު ޕާޓީ އަށް ހުށަހަޅުއްވާފައި އެބަ ހުރި ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ އެ ފައިސާ ދިނީ ޕާޓީއަށޭ ނުވަތަ ވަކި ބޭފުޅަކަށޭ. ދެން ރޭގެ އެބޭފުޅުންގެ އެ ނިންމުމަށް ބަލައިލާ އިރު އަޅުގަނޑުމެންނަށް މި އިނގެނީ ފައިސާގެ އަދަދެއް އެއްވެސް ވަރަކަށް އެބައްދަލުވުމުގައި ހާމަ ކުރައްވާފައި ނުވާ ކަމަށް. ދެން އަދާލަތުން ފުޅާ ކޯލިޝަނާއެކުވީ އެއްބަސްވުން އުވާލުމަށް ފަހު ވިދާޅުވީ އަޑި ނޭނގޭ ކަންތައްތަކެއް ކުރިއަށް ގެންދަވާ ވާހަކަ. އެހެންވީމާ އަޅުގަނޑަށް ހީވަނީ މި ކަންކަމުގައި ވެސް އެފަދަ ކަމެއް ވެދާނެހެން."

އަބްދުއްރަހީމް ވިދާޅުވީ، އަދާލަތާ އެކު އެންމެ ފުރަތަމަ ކޯލިޝަން ހަދަންވެގެން މަޝްވަރާތައް ކުރެވުނުއިރު ވެސް އެ ޕާޓީގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް އައި ކަމަށާއި އަދި އެ ހުށަހެޅުންތަކަށް ޕީޕީއެމް އިން އެއްބަސް ވެސް ވެފައިވާނޭ ކަމަށެވެ.

"އަޅުގަނޑުމެންނާ ފުރަތަމަ އެބޭފުޅުން ވާހަކަ ދެއްކެވި އިރު އެބޭފުޅުން ހުށަހެޅުއްވީ، މިހާރު އެބޭފުޅުންނަށް މި ސަރުކާރުގައި އަދާކުރަށްވަމުން ގެންދަވާ ދެ ވަޒީރު ކަން. އެއީ އިސްލާމިކް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ. އޭގެ އިތުރުން އަޅުގަނޑުމެންނާ އެބޭފުޅުން ކޯލިޝަން ހަދައިފި ނަމަ އެޑިޔުކޭޝަން މިނިސްޓްރީ ލިބިދާނެތޯ. އެއީ ފުރަތަމަ ފަހަރު. އަޅުގަނޑުމެން ދެންނެވިން އާދޭހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން ދެންނެވިން އެޑިޔުކޭޝަން މިނިސްޓްރީ ހަވާލު ކުރެވޭނީ ދެ ޕާޓީން އެއްބަސްވާ ބޭފުކަށޭ. ވަކި އެބޭފުޅުން ހުށަހަޅުއްވާ ބޭފުޅަކަށް ވުމުގެ އިތުރަށް، އެ ބޭފުޅަކީ އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ބޭފުޅަކަށް ވާން ޖެހޭނެއޭ."

އަދާލަތުން ޕީޕީއެމްއާ ކޯލިޝަން ހަދާ ނަމަ އެ ޕާޓީ އަށް ކޯލިޝަން ސަރުކާރެއްގެ 25 އިންސައްތަ ދިނުމަށް ހުށަހެޅުމުން އެކަމަށްވެސް ޕީޕީއެމް އިން އެއްބަސްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ވިދާޅުވި އެވެ. އަދި ރަނިން މޭޓަކަށް އަދާލަތު ޕާޓީގެ ބޭފުޅަކު ހުރުމަށް ވެސް އެ ޕާޓީން ހުށަހެޅުއްވި ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވި ރަނިންމޭޓުގެ ވާހަކަ. އަޅުގަނޑުމެން ދެންނެވިން، ތިކަމާ ޖެހޭނީ ވާހަކަ ދައްކާށޭ. އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، މިކަހަލަ ކަންތައްތައް ނިންމޭނީ، ޕާޓީގެ ކައުންސިލުން ނިންމައިގެނޭ. އެހެންވީމާ ތިޔަ ބޭފުޅުން ލިޔެކިޔުމުން ހުށަހެޅުއްވީމާ އަޅުގަނޑުމެން ކައުންސިލަށް ގެންދާނަމޭ. އަޅުގަނޑުމެންނަށް ވަރަށް އުއްމީދު އެބައޮތޭ، އިރާދަ ކުރެއްވިއްޔާ ހަމަ ކައުސިލުން ވެސް ނިމޭނޭ ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނާއިބު ރައީސް ވިދާޅުވީ އެފަހަރު އަދާލަތުން ވަރަށް ބޮޑު ޔަގީންކަމެއް ދީފައި ގޮސް އޭގެ ދެވަނަ ދުވަހު އަޑުއިވުނީ ރައީސް ވަހީދު އުފެއްދެވި "ގައުމައިގެން ކުރިއަށް" ކޯލިޝަނާ ގުޅުނު ވާހަކަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އަދާލަތުން ރައީސް ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވަކިވުމަށް ފަހު، ޕީޕީއެމްއާ ގުޅެން ފުރަތަމަ ވާހަކަ ދެއްކެވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެފަހަރު ވެސް ހަމަ ކުރިން ދެއްކެވި ފަދަ ވާހަކަތަކެއް އަދާލަތުން ދެއްކެވި ކަމަށެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވެސް އެ މަޝަވަރާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ކަމަށެވެ.

"މުއިއްޒު ވިދާޅުވި ތިމަންނަމެން ވަހީދާއެކުގައި ކޯލިޝަން ހެދީ ވެސް ސަރުކާރުގެ 20 ޕަސެންޓަށޭ. ދެން ގާސިމް ވެސް ދެއްވަން ވިދާޅުވަނީ 20 ޕަސެންޓޭ. އެހެންވީމާ ޕީޕީއެމްއިން ކިތައް ޕަސެންޓް ދޭނަންތޯ. އަޅުގަނޑުމެން ދެންނެވިން، 20-25 އާއި ދޭތެރޭގެ އަދަދަކަށް އަޅުގަނޑުމެންނަށް ވެސް ދޭން އެއްބަސް ވެވިދާނެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނާއިބު ލީޑަރު ވިދާޅުވީ އަދާލަތުން ޕީޕީއެމްއާ ގުޅެން ނުނިންމީ ޕީޕީއެމްގެ އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށާއި އެކަމަކު ދަންނަވަން ޖެހޭނީ "އަދާލަތު ޕާޓީއަކީ ދައްކާ ވާހަކަ އާއި އަމަލާ ދިމާވާ ޕާޓީއެއް ނޫނޭ" ކަމަށެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، އަންނަ ހޮނިހިރު ދުވަހުގެރޭ ޕީޕީއެމްގެ ޖަލްސާއެއް އާޓިފިޝަލް ބީޗްގައި އޮންނާނޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.