މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ، އިންޑިއާގެ ޓަޓްވާ ގްލޯބަލްއާ އެކު ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އަލުން އެ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

ކުނި އުކާލުމަށް ހަވާލުކުރި ކުންފުންޏާ ދެމެދު ސޮއިކުރި އެއްބަސްވުމަށް އަމަލުކުރުން މަޑު ޖައްސާލުމަށް އެކަމާ ގުޅުން ހުރި ސަރުކާރުގެ އޮފީސްތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ން މިދިޔަ އަހަރު އަންގާފައިވެ އެވެ. ނަމަވެސް އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އެ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ސޮއިކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެކަމަށް ހުއްދަ ދިނީ ދައުލަތަށް ފައިދާވާ ގޮތަށް އެ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން. މިހާރު ވަނީ އަގު ނަގާ އުސޫލްތަކަށް ވެސް ބަދަލުތަކެއް ގެނެސްފައި. އެ ބަދަލުތަކަކީ އަޅުގަނޑުމެންނަށް ގަބޫލްކުރާ ބަދަލުތަކެއް،" އޭނާ ވިދާޅުވި އެވެ.

ޓަޓްވާއާ 2011 ވަނަ އަހަރު ހަވާލުކުރި 49.2 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓްގައި މައްސަލަތަކެއް ހިމެނޭތީ އެންވަޔަރަމަންޓް މިނިސްޓްރީން އެ ޕްރޮޖެކްޓްގެ އެއްބަސްވުން ރިވިއުކޮށްފައިވެ އެވެ.

ކުނި އުކާލުމަށް ޓަޓްވާ އެކު ލެޓާ އޮފް އެވޯޑްގައި މިއަދު ސޮއިކުރީ ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މައިޒާން އަލި މަނިކެވެ. އަދި ޓަޓްވާގެ ފަރާތުން ވެސް އެއް އެއްބަސްވުމުގައި އޮފިޝަލަކު ސޮއިކުރި އެވެ. ނަމަވެސް މިރަސްމިއްޔާތަށް މީޑިއާއަކަށް ދައުވަތެއް ނުދެ އެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ރުކުމާ މުހައްމަދު އަބްދުލް ކަރީމް ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރިއިރު ސަރުކާރުން އެދުނު ގޮތަށް ރެވެނިއު ފަންޑެން ގާއިމުކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ތިލަފުށިން ބިން ކުއްޔަށްދޭން ވެސް ފިނޭންސް އިން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެއްބަސްވެފައި ވަނީ ތިލަފުށިން ދޫކުރާ ބިން ކޮންސެޝަން ނިމުމުން އަނބުރާ ފިނޭންސްއާ ހަވާލުކުރާ ގޮތަށް. މީގެ އިތުރުން ވެސް ފީ ނަގާނެ އުސޫލްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވޭ،" ރުކުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލެޓާ އޮފް އެވޯޑުގައި މިއަދު ސޮއިކުރުމަށް ފަހު ކުރިޔަށް އޮތް 21 ދުވަހުގެ ތެރޭގައި ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.

ސަން އެނގިފައިވާ ގޮތުގައި ކުނި އުކާލަން އަލުން ހަވާލުކުރި އިރު ތިލަފުށިން 22 ހެކްޓަރުގެ ބިން ދިނީ އަހަރަކު 1،200ރ. ގެ ރޭޓަކުންނެވެ.

ޓަޓްވާއާ ކުނި ނައްތާލުމުގެ މަސައްކަތް އަލުން ހަވާލުކުރިއިރު ކުނި އުކާލުމުގެ މައްސަލަ ބޮޑުވެ، ގޮނޑު ބަންދުކޮށް އުފުއްޔަށް ކުނިއަޅަން ވަނީ ފަށައިފަ އެވެ.