17 Jul 2013, 16:33
މި އަހަރު ރޯދަ މަހުގެ ފަހު ދިހައަކަށް އަޅަންވާ އިރަށް އުމްރާގެ އަޅުކަން ކުރުމަށް ސައުދީ އަރަބިއްޔާ އަށް ދާން ބޭނުންވެފައިވާ ގިނަ ބަޔަކަށް ވިސާ ލިބުމުގައި ދަތިތަކަކާ ކުރިލާން ޖެހިއްޖެ އެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުންނާއި އަމިއްލަ ގޮތުން އުމްރާ އަށް ދާން ބޭނުންވާ ބައެއް ފަރާތްތަކަށް ވެސް ސައުދީން ވިސާ ނުލިބިގެން އެކަމުގެ ޝަކުވާ ގެންދަނީ ކުރަމުންނެވެ.
ސަން އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އޭނާ ޖެހިޖެހިގެން ރޯދަ މަހުގެ ފަހު 15ގައި އުމްރާއަށް ދާތާ ތިން އަހަރު ވެފައިވާ ކަމަށާއި އެގޮތުން މި އަހަރު ވެސް އުމްރާއަށް ދާން ބޭނުންވެގެން ވިސާ އަށް އެޕްލައިކޮށްގެން ވިސާ އަދިވެސް ނުލިބޭ ކަމަށެވެ.
ލަންކާގައި ހުންނަ ސައުދީގެ އެމްބަސީން ވިސާ ހޯދުމަށް ދިޔަ ދިވެސްސަކު މިއަދު ބުނީ އޭނާ ވިސާ ހޯދުމަށް ދިޔައިރު ލަންކާ މީހުންނަށް، މިއަދު އެދޭ މީހުންނަށް މާދަމާ ވިސާ ޖައްސައިދޭ ކަމަށެވެ. ނަމަވެސް ދިވެހިންނަށް ވިސާ ލިބޭ ގޮތަށް ހަމަޖެހިފައި ވަނީ ފަހު ފަނަރާގައި ކަމަށާއި އެމްބަސީގެ ވިސްނުމަކީ އެ މުއްދަތުގައި ފުރާ ބަޔަކަށް ވިސާ ލިބުމުގައި އަދި ލަސްނުވުން ކަމަށެވެ.
"އަސްލުގައި ޝަކުވާތައް ކުރުވެމުންދަނީ އެންމެން ވެސް ބޭނުންވަނީ ދާން. ނަމަވެސް އެންމެންނަށް ވެސް އެބަފެނޭ ހަރަމްފުޅު އޮތް ގޮތް. މިސްކިތުން ދެބައި ކުޅަ އެއްބައި އެވަނީ ތަޅާލާފައި، ހަރަމް ފުޅު ބޮޑު ކުރުމަށް. އެހެންވެ ސައުދީން ވިސާ ހިފަހައްޓައިގެން އުޅެނީ،" ސަންއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް މިދުވަސްވަރު ވިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅެނީ، މައްކާގެ ހަރަމްފުޅު މަރާާމާތު މަސައްކަތްތަކެއް ކުރަމުން ގެންދާތީ ކަމަށާއި ސައުދީ ސަރުކާރުން ދުނިޔޭގެ ހުރިހާ ގައުތަކަކަށް ވެސް ވިސާ ދުވަސް ކޮޅަކަށް ބްލޮކް ކޮށްފައި ވާތީ ކަމަަށެވެ.
ޝަހީމު ވިދާޅުވީ ވިސާ ދޫކުރުން ބްލޮކް ކޮށްފައި އޮތުމަށް ފަހު މަދުމަދުން ނަމަވެސް ވިސާ ދޫކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަންކަން ހައްލުކުރުމަށް ޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
"ހަރަމްފުޅުގެ މަރާމާތާއި ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާތީ ސައުދީ އަރަބިއްޔާ އިން ގައުމުތަކަށް ވިސާ ދިނުން ދުވަސް ކޮޅަކަށް ބްލޮކް ކޮށްލާފައި އޮތުމަށް ފަހު މަދުމަދުން [ވިސާ] ދޫކުރުން ފަށައިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި ވަނީ،" ޝަހީމް ވިދާޅުވި އެވެ.
ސައުދީ ސަރުކާރުން ހަރަމްފުޅުގެ ޖާގަ ބޮޑު ކުރުމަށް ކޮންްސްޓްރަކްޝަންގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ އުމްރާާ ލަސްކުރުމަށް ނުވަތަ ފަސްކޮށްލުމަށް ސާއުދީން އެދިފައިވާ ކަމަށް ރައީސް ވަހީދު ވެސް ވަނީ އުމްރާ ދަތުރުފުޅަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ.