17 Jul 2013, 15:16
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯ ޕްރައިވަޓައިޒް ކުރުމާއި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސާއި މުސާރަ ކުޑަ ކުރަން މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 37،500ރ. ދިނުމަށެވެ. އެއީ މުސާރައިގެ ގޮތުގައި 25،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 12،000ރ. ދިނުމަށެވެ. ބޯޑުގެ ނައިބު ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 35،500ރ. ދިނުމަށް ވެސް ކޮމެޓީން މިއަދު ނިންމި އެވެ. އެއީ މުސާރައި ގޮތުގައި 23،500ރ. ދިނުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި 12،000ރ. ދިނުމަށެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 47،000ރ. ދިނުމަށެވެ. އެއީ މުސާރައިގެ ގޮތުގައި 32000ރ. ދިނުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި 15000ރ. ދިނުމަށެވެ. އެ ބޯޑުގެ ނައިބު ރައީސަށް 35،500ރ. ދިނުމަށް ވެސް ރައީސް ހުށަހަޅުއްވާފައިވެ އެވެ. އެއީ މުސާރަ އަށް 20،500ރ. އާއި ލިވިން އެލަވަންސަށް 15،000ރ. އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގައި ޕާޓައިމްކޮށް މަސައްކަތް ކުރައްވާ ފަސް މެންބަރުންނަށް އެލަވަންސްގެ ގޮތުގައި 8000ރ. ދިނުމަށް ރައީސް ވަހީދު ހުށަހަޅުއްވާފައިވާ ގޮތަށް ކޮމެޓީން ތާއިދު ކުރި އެވެ. ކޮމެޓީގެ މެންބަރުން ކުރިން މަޝްވަރާކޮށްފައި ވަނީ ޕާޓައިމްކޮށް މަސައްކަތް ކުރާ މެންބަރުންގެ އެލަވަންސް 10،000އަށް ބޮޑު ކުރުމަށެެވެ. ނަމަވެސް ރައީސް ވަހީދު ހުށަހެޅުއްވި "ކުޑަ އަދަދު ބޮޑު ނުކުރުމަށް" ކޮމެޓީގެ މެންބަރުން ފަހުން ވަނީ އެއްބަސްވެފަ އެވެ.
ޕްރައިވަޓައިޒް ކުރުމާއި ކޯ ޕްރައިވަޓައިޒް ކުރުމާ ބެހޭ ގާނޫނު އަށް ވަނަ މާއްދާގައި ބުނެފައި ވަނީ ބޯޑުގެ މެންބަރުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. މާލިއްޔަތު ކޮމެޓީން ޕްރައިވަޓައިޒޭޝަން ބޯޑަށް ކަނޑައެޅި މުސާރަ އާއި އިނާޔަތްތައް މަޖިލީހުން ފާސް ކުރުމަށް އަންނަ ހަފްތާގައި ތަޅުމަށް ހުށަހަޅުއްވާނެ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވި އެވެ.
ހަތަރު އަހަރުގެ މުއްދަތައް ޕްރައިވަޓައިޒޭޝަން ބޯޑަށް އައްޔަން ކުރި މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މި އަހަރުގެ އެޕްރީމް މަހު އެވެ. ޕްރައިވަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ހަތް މެންބަރުނަށް މަޖިލީހުން ރުހުން ހޯދުމަށް ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް އައްޔަން ކުރައްވާފައިވާ މެންބަރުންނަކީ ނަލަހިޔާ ހޮޓެލްގެ އެއް ޑިރެކްޓަރު މުހައްމަދު އަމްޖަދާއި، އަބްދުﷲ ޝަފީއު، ހަސަން އިބްރާހިމް، އަލީ ފާރިސް، ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް، އަހުމަދު އަފްރާހު އަދި މުހައްމަދު ޔާސިރެވެ.