ވިހޭ އިރު މޫނުމައްޗާއި ބޮލާވީ ހިސާބުގައި އާދަޔާ ޚިލާފު ބޮޑު ލަފެއް ހުރި ކުއްޖާގެ ބޭސްފަރުވާއަށް ހިނގާ ހުރިހާ ޚަރަދެއް ދެއްވަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް އަދި ސަން ފައުންޑޭޝަންގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ނިންމަވައިފި އެވެ. އެ ކުއްޖާގެ ބައްޕަ އަހުމަދު ޝަރީފު ވަނީ މިއަދު ސަން އަށް އެކަން ޔަގީންކޮށްދީފަ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު އަހުމަދު ޝަރީފަށް ލިބުނު ދަރިފުޅު، އާއިޝަތު ޝަނާޔާ ޝަރީފުގެ މޫނުގެ އޮޕަރޭޝަން ކުރުމަށާއި ފަރުވާ އެއްކޮށް ނިންމުމަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
ސަން އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ޝަރީފު މިއަދު ބުނީ މިހާ ތަނަށް އެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބިފައި ވަނީ 250،000 ރުފިޔާ ކަމަށެވެ.

"މިކަން ހިނގި ފުރަތަމަ ދުވަހު ވެސް ސިޔާމް އަމިއްލަ އަށް އަޅުގަނޑަށް ގުޅުއްވި. އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން އަމިއްލަފުޅަށް ގުޅުއްވައި ދަރިފުޅުގެ ހާލު ބައްލަވަމުން ގެންދެވީ. ދެތިން ފަހަރު ބައްދަލުވެސް ކުރައްވައިފި. އެންމެ ފަހުން ރޭ އަޅުގަނޑާ ބައްދަލު ކުރައްވައި އަޅުގަނޑުގެ ކޮނޑުގައި ފިރުމާލައްވާފައި ވިދާޅުވީ ޝަރީފު އެއްގޮތަކަށް ވެސް ދެރަ ނުވާށޭ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް މާތްﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނޭ. ހިތްވަރު ގަދަ ކުރާށޭ، ސިޔާމު ދެކެނީ ޝަރީފަކީ ޢާއިލާގެ މީހެއް ގޮތުގައޭ ވެސް ވިދާޅުވި،" ފެންކަޅިވެފައި ހުރެ ޝަރީފު ކިޔައިދިނެވެ.

ޝަރީފު ބުނީ ދަރިފުޅުގެ ފަރުވާގެ ކަންކަމަށް ހިނގާ ޚަރަދާ މެދު ފިކުރު ބޮޑު ނުކުރުމަށް ޝިޔާމް އެދިވަޑައިގެންނެވި ކަމަށާއި ވީ އެންމެ އަވަހަކަށް ދަރިފުޅު ގޮވައިގެން ފުރުމަށް ވެސް އެދިވަޑައިގެންނެވި ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަ އިރު ދަރިފުޅުގެ ފަރުވާގެ ކަންތައްތައް ކުރިޔަށް ދާގޮތް ގަވައިދުން އަންގަމުން ގެންދަން ވެސް ސިޔާމް އެދިވަޑައިގެންނެވި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ބުނީ ސިޔާމް އެހީތެރި ވެދެއްވާނެކަން އަބަދުވެސް އެނގޭ ކަމަށާއި އެހެން ނަމަވެސް މި ގޮތަށް ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްދެއްވަން ނިންމަވައިފާނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ.

"ސިޔާމްގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮތް. އެކަމަކު ދަރިފުޅުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަކަށް ހީއެއް ނުކުރަން. ސިޔާމް އެހެން ވިދާޅުވުމުން ބުނާނެ އެއްޗެއް ވެސް އަޅުގަނޑަކަށް ނޭނގުނު. ސިޔާމް ވިދާޅުވީ މި ކަމުގަ އަޅުގަނޑުގެ ފަރާތުން އެއްވެސް ބަދަލެއް ބޭނުމެއް ނޫނޭ. އަޅުގަނޑުގެ ދަރިފުޅަށް އަވަސް ޝިފާ އަށޭ އެދިވަޑައިގަންނަވަނީ. ދެން އެދެނީ ހެޔޮދުއާ ކޮށްދިނުމޭ،" ޝަރީފު ކިޔައިދިނެވެ.

ޝަރީފު ބުނީ މި ވާހަކަތައް މީޑިއާއަށް ދޭން ސިޔާމް ބޭނުންފުޅު ނުވާ ކަމަށާއި އެހެން ނަމަވެސް މީޑިއާ މެދުވެރިކޮށް ވަރަށް ގިނަ ފަރާތްތަކަކުން މި ކަމުގައި އެހީތެރިވެދެމުން ގޮސްފައިވާތީ މިކަން މިހެން ހަމަޖެހިގެން ދިޔުމުން އެ ހުރިހާ ފަރާތްތަކަށް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރާތީ މީޑިއާއާއި ހިއްސާ ކުރީ ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ފަރުވާ އަށް ބޭނުންވާ އެހީ ހޯދައިދިނުމަށް ވަރަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންގޮސްފައި ވަނީ. އެހެންވީމާ މިކަން މިގޮތަށް ހަމަޖެހިގެން ދިޔުމުން އެ ފަރާތްތަކަށް އެނގުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. މި މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކަށާއި މީޑިއާ އިން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޝަރީފު ބުންޏެވެ.

ޝަރީފު އިތުރަށް ބުނީ އިއްޔެ އާއި ހަމަޔަށް އައި އިރު މި ކަމަށް އެހީ ލިބޭތޯ ރާއްޖޭގެ ވަރަށް ގިނަ ފައިސާވެރިންނާ އެކި ގޮތްގޮތުން މުއާމަލާތް ކޮށްފައި ވާނޭ ކަމަށާއި އެހެން ނަމަވެސް އެފަދަ އެއްވެސް ފަރާތަކުން އެހީއެއް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ހެޔޮ ދުއާ އަބަދުވެސް ސިޔާމާއި ސިޔާމްގެ އާއިލާ އާއި އެކުގައި ވާނެ،" ޝަރީފު ބުންޏެވެ.