މާފުށީ ޖަލުގައި ރަހީނު ކުރި ޑީޕީއާރްއެސްގެ ދެ އޮފިސަރަކު، އެމީހުންނަށް ދީފައި ވަނީ ހިމާޔަތް ކަމަށް ޝަރީއަތުގައި ހެކިބަސްދެމުން ބުނެފި އެވެ.

މާފުށީ ޖަލުގެ ޔުނިޓް 10 ގައި ގައިދީން ބައިތިއްބާފައި ވަނިކޮށް 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރޭ 8:15 އެހައިކަންހާއިރު ގައިދީން އެތަނުން ނުކުމެ ޑީޕީއާރްއެސްގެ ތިން އޮފިސަރަކު މާފުށީ ޖަލުގެ ޔުނިޓް ދޭއްގެ ކޮރިޑޯ މަތީގައި ހިފަހައްޓާފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ހަ މީހުންގެ މައްޗަށް ހެކިބަސް ދެމުން އެ ދުވަހު ރަނީހު ކުރެވުނު ޑީޕީއާރްއެސްގެ ދެ އޮފިސަރަކު ބުނީ އެ ދެ މީހުން ޔުނިޓް ދޭއްގެ ކޮރިޑޯ މައްޗަށް ގެންގޮސްފައި ވަނީ ހިމާޔަތް ދިނުމުގެ ގޮތުން ކަމަށެވެ. އެ ދެ މީހުން އެގޮތަށް ހެކިބަސްދީފައި ވަނީ ދައުވާ ލިބޭ ދެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

އެ ދެ މީހުން އެގޮތަށް ބުނިނަމަވެސް ހެކިބަސް ދިން އަނެއް ދެ މީހުން ބުނީ ޑީޕީއާރްއެސް އޮފިސަރުން މާފުށީ ޖަލުގެ ޔުނިޓް ދޭއްގެ ކޮރިޑޯ މަތީގައި ރަހީނު ކުރެވުނުކަން އެނގުނު ކަމަށާއި ނަމަވެސް އެއީ ކޮންބައެއް ކަމެއް ނޭނގޭ ކަމަށެވެ.

ރަހީނު ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ މ. ކަދުރުމާގޭ ހޫދު އަބްދުއްރަހީމާއި ގ. އުފުރިޔާ އިސްހަގު ހަލީމާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 786 މައުޖޫދު ރިޔާޒާއި ހ. ސާނީވޭ މުހައްމަދު އަޒުލީނާއި ގ. ދޮންބަގީޗާގޭ އަލީ ރިޟްވާން އުސްމާންގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 618 އަބްދުﷲ މުއާޒު ސައީދުގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ މިއަދު ހާޒިރުނުކުރެވޭ މީހާގެ ހެކިބަސް ނެގުން ކަމަށެވެ.