އެމްޑީޕީން ވަކިވެ ވަޑައިގެންނެވީ، ރާއްޖޭގެ ތައުލީމީ ނިޒާމަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކަކީ އެކަމުގެ ސަބަބުން އިސްލާމްދީނާއި ދިވެހި ގައުމު ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ބަދަލުތަކެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް އިއްޔެއާ ހަމައަށް އެ ޕާޓީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ޝެއިހު އާދަމް ނަސީމް (ބީއޭ ނަސީމް) ވިދާޅުވެއްޖެ އެވެ.


އެމްޑީޕީން ވަކިކޮށް ދެއްވުމަށް އެދިވަޑައިގެން ޝެއިހު ނަސީމު އިލެކްޝަންސް ކޮމިޝަނަށާއި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީއަށް އިއްޔެ ފޮނުއްވާފައިވާ ދެ ސިޓީގައި ވެސް އެކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.


އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަށް ޝެއިހު ނަސީމު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ސަރުކާރުން ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކަކީ އެކަމުގެ ސަބަބުން އިސްލާމްދީނަށާއި ދިވެހި ގައުމު ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ކަންތައްތަކެއް ކަމަށް ފެނިވަޑައިގަންނަވާތީ، އިއްޔެއިން ފެށިގެން އެމްޑީޕީގެ މެންބަރުކަމުން ވަކިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، "ތައުލީމަކީ މުޖުތަމައެއް ހެޔޮ ގޮތުގައި ތަރައްގީވެ، ކުރިއަރާ ދިއުމުގެ އެންމެ މުހިއްމު މަސްދަރުކަމަށްވާ ހިނދު އަދި އިސްލާމީ މުޖުތަމައެއްގައި އެތަނެއްގެ ތައުލީމު ބިނާވެފައި އޮންނަން ޖެހޭނީ އިސްލާމް ދީނުގެ ހަމަތަކާއި ފުށުނާރާ ގޮތަށް ކަމަށް ވާހިނދު އަދި މުޖުތަމައަށް ހުރިހާ ގޮތަކުން ފައިދާ ކުރަނިވި ގޮތަށް ކަމުގައިވާ ހިނދު އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ތައުލީމީ ނިޒާމު ރާވައި ތަންފީޒު ކުރަމުން ދަނީ، އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ހުށަހެޅުންތަކާއި އާއްމު ރައްޔިތުންގެ އިހްލާސްތެރި ޝުއޫރުތަކާ ހިލާފަށް ކަމަށް އަޅުގަނޑު ގާބޫލު ކުރާ" ސަންއެފްއެމް އަށް ކޮޕީ ލިބިފައިވާ ސިޓީގައި ނަސީމު ވިދާޅުވެފައިވެ އެވެ.  


އަދި ނަސީމު ވިދާޅުވެފައި ވަނީ އެކަންކަން އެހެން ހުރުމާ އެކު، އަދި ކުރިން ދެންނެވި ސަބަބުތަކަށް ޓަކައި އެމްޑީޕީގެ މެންބަރެއް ކަމުގައި ހުންނެވުމަށް ޒަމީރު ތަންނުދޭތީ، އެމްޑީޕީގެ މެންބަރުކަމުން އިއްޔެ އިން ފެށިގެން ވަކިވެވަޑައިގެންނެވީ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރުންގެ ރަޖިސްޓްރީން ނަން އުނިކޮށްދިނުމަށް ވެސް ޝައިހު ނަސީމުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.