ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން އަނބުރާ ގެންދަވައިފި އެވެ.

ޖުމްހޫރީ ޕާާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދެވި ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު ފުއާދު ގާސިމާއި އެ ޕާޓީގެ ތަރުޒަމާން މޫސާ ރަމީޒު އަދި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ހަމީދު އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ދެ ވަނަ ކޮންގްރެސް ވައިސް ޗެއާޕާސަން މުހައްމަދު ހަލީމް މިއަދު ވިދާޅުވީ އެ ތިން ބޭފުޅުން ނަން އަނބުރާ ގެންދެވީ ޕާޓީގެ މަސްލަހަތަށް އިސްކަން ދެއްވުމުގެ ގޮތުން ކަމަށް އެބޭފުޅުން ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

ހަލީމް ވިދާޅުވީ އެ ތިން ބޭފުޅުންގެ ނަން އަނބުރާ ގެންދެވުން މިހާރު ކުރިއަށްދާ ޑެޕިއުޓީ ލީޑަރުން ހޮވުމުގެ އިންތިހާބްގައި ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ޑެޕިއުޓީ ލީޑަރު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު އަދި އަބްދުﷲ އަމާން ކަމަށެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަނި ކުރިމަތިލައްވާފައިވާތީ އެ މަގާމުގައި ގާސިމް ހުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ވެސް ޑެޕިއުޓީ ލީޑަރުން އިންތިހާބާ އެކު ކުރިއަށް ގެންދާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެެވެ.