17 Jul 2013, 14:35
ގއ. ނިލަންދޫގެ ކަރާދަނޑުތަކަށް ބަޔަކު ގެއްލުންދިން މައްސަލަ ތަހުގީގުކޮށް ބެލުމަށް ފުލުހުންގެ ޓީމް އެ ރަށަށް ދިއުން ލަސްވެގެން ދަނޑުވެރިންތަކެއް ނުކުމެ ރަށު ކައުންސިލް އިދާރާ (ފޮޓޯ) ބަންދުކޮށްފި އެވެ.
ގާތްގަނޑަކަށް 350 ވަރަކަށް ދަނޑުވެރިން ހަރަކާތްތެެރިވަމުން އަންނަ ނިލަންދޫގެ ދަނޑުތަކަށް މިއަދު ހެނދުނު ހެނދުނާ ދަނޑުވެރިންތައް ދިޔައިރު އެމީހުންގެ ދަނޑުތަކަށް ބަޔަކު ވަނީ ވަރަށް ބޮޑަށް ގެއްލުންދީފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. އަދި ގިނަ އަދަދެއްގެ ކަރާތަކެއް ދަނޑުތަކުން ކަނޑައިގެން ގޮސް މާދުރުގައި ވަލުތެެރޭގެ ސަރަހައްދެއްގައި ބަހައްޓާފައި ހުރި ކަމަށް ވެސް ކައުން ސިލުން ބުންޏެވެ.
އެ ރަށު ކައުންސިލްގެ ނައިބް ރައީސް އާސިފް މުހައްމަދު މިއަދު ވިދާޅުވީ ދަނޑުވެރިންގެ ތެރެއިން ގާތްގަނޑަކަށް 80 ވަރަކަށް ދަނޑުވެރިން ނިކުމެ 10:30 އެހާކަންހާ އިރު ރަށު ކައުންސިލް ބަންދުކުރީ އެ މައްސަލަ ބެލުން ލަސްވަމުންދާތީ އެކަމާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ.
"ފުލުހުން ތިބި މަރުކަޒާއި މިރަށާއި އޮންނަލެއް ކައިރިވެފައި ފުލުހުން އަންނަލެއް ލަސްވެގެން އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުން ކައުންސިލް އިދާރާ ބަންދުކުރީ. ދަނޑުވެރިން އިރުއިރުކޮޅާ އަހަމުންހެން ދިޔައީ ކޮބާ ކޮން އިރަކުންހޭ އަންނަނީ ފުލުހުން. އެންމެ ފަހުން ދަނޑުވެރިންގެ ތެރެއިން ބަޔަކު އެދުނީ ތިމަންނަމެން ބޭނުމޭ ކައުންސިލް ބަންދުކުރަން. އެހެންވެ އަޅުގަނޑުމެން ނުކުތީމާ އެމީހުން ބަންދުކުރީ،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުވެރިންގެ ތެރެއިން ބަޔަކު އައިސް ކައުންސިލް އިދާރާ އަށް އެ މައްސަލަ ހުށަހެޅީ ހެނދުނު 8:30 އެހާކަންހާއިރު ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ ކުރިން ކައުންސިލްގެ އިދާރާ އިން ދަނޑުތަކަށް ގޮސް އެކަންތައްތައް ބަލާފައިވާ ކަމަށެވެ. އަދި ދަނޑުތަކުން ކަނޑައިގެން ގެންގޮސް ބަހައްޓާފައި ހުރި ކަރާތައް ވެސް މިހާރު ހުރީ ކައުންސިލްގެ އިދާރާގެ ތެރެއަށް ގެންގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ޓީމް އެ ރަށަށް 12:15 އެހާކަންހާ އިރު ގޮސް މައްސަލަ ބަލަން ފެށުމުން 1:30ގައި ދަނޑުވެރިން އަލުން ރަށު ކައުންސިލްގެ އިދާރާ ހުޅުވާފައިވާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާރު ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.