އެސްޓީއޯ އިން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކުރި ކަންތައްތަކާ މެދު ހިއްސާދާރުންނަށް ފެންނަ ނުފެންނަ ގޮތް ބަލަން އަލުން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ ހިއްސާދާރުންނަށް ފެންނަ ނުފެންނަ ގޮތް ބަލަން އަލުން އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) ނުވަތަ ހާއްސަ ގޮތަކުން ކުރާ އާއްމު ޖަލްސާއެއް މާދަމާ ރޭ ބާއްވަން ނިންމީ މިދިޔަ މެއި މަހު ބޭއްވި ޖަލްސާއަށް އަސާސީ ގަވައިދާ ހިލާފަށް ޕްރޮސީ ހުށަހަޅާފައިވާތީ ކަމަށެވެ.

"އަސާސީ ގަވައިދުގައި އޮންނަނީ އެކަކަށް އެންމެ ގިނަވެގެން ގެނެވޭނީ 100 ޕްރޮކްސީ ކަމަށް. އެކަމަކު އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާއަށް 300 ޕްރޮކްސީ ވެސް ބައެއް މީހުން ގެނެސްފައި އެބަހުރި. އެހެންވެ އެ މައްސަލަ ހައްލުކުރަން އަޅުގަނޑުމެންގެ ލޯޔަރު ލަފާދިނީ އަލުން އީޖީއެމް އެއް ބާއްވަން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ ހާއްސަ ޖަލްސާގައި އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކުރި ހުރިހާ ކަމަކަށް އަލުން ހިއްސާދާރުންނަށް ފެންނަ ނުފެންނަ ގޮތް ބަލާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ކަމެއް އަލުން ފާސްކުރަން ޖެހިއްޖެ އިތުރު އީޖީއެމްއެއް ބާއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މީގެ ކުރިން ދުވަހަކު ވެސް ދިމާވި މައްސަލައެއް ނޫން. މިފަހަރު މި މައްސަލަ ދިމާވީ ގިނަ އަދަދެއްގެ ބަޔަކު ޕްރޮކްސީ ހިފައިގެން އައުމުން. ކުރިން އެވްރެޖްކޮށް އަންނާނީ 60 ވަރަކަށް ޕްރޮކްސީ މީހަކު ހިފައިގެން. މިފަހަރު އެހާ ގިނަ އަދަދެއް ގެނައިމަ މި މައްސަލަ ދިމާވީ. ދެން މި މައްސަލަ ހައްލުކުރެވެން އޮތީ ކޯޓަށް ގޮސްގެން ނުވަތަ ޖަލްސާއެއް ބާއްވަން. އެކަމަކު ކޯޓަށް ގޮސްފި ނަމަ ދިގުލައިގެން ދާނެތީ މިގޮތަށް ނިންމީ،" ޝާހިދު ވިދާޅުވި އެވެ.

ހާއްސަ ޖަލްސާ މާދަމާ ރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބާއްވާއިރު، ހިއްސާދާރުންނަށް ފައިދާ ބަހާނެ މިންވަރާއި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.