17 Jul 2013, 14:18
ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު މަރާލިކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ކުރި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިޔުމަށް ފަހު އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.
ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގ. އިރުފާ އަހުމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ނައުޝާދާއި ފައިސަލާއި 18 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިވެގެން މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ޖަހާ އެހާކަންހާން ހާއިރު ނ. މާފަރު ހިތްފަސޭހަ ގެއަށް ވަދެ، ހަސަން އަބޫބަކުރު ނިދާފައި އޮއްވާ އެ ތިން މީހުން އޭނާ ހިފަހައްޓައި އެމީހުންގެ ތެރެއިން ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި 18 އަހަރުން ދަށުގެ ކުއްޖާ ހަސަން އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިއުލެޝަން ޓޭޕުން ދެއަތް ބަނދެ އޭނާ ރަހީނު ކޮށްފައިވާ ކަމަށެވެ.
އެ މީހުންގެ އެ އަމަލުތަކުގެ ސަބަބުން ހަސަން އަބޫބަކުރު މަރުވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވި އެވެ.
އެ ދެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން އެ ދެ މީހުން ވެސް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން ފައިސަލް ބުނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކާ ނުލައި ކަމަށެވެ. ނަމަވެސް ނައުޝާދު ބުނީ ގާނޫނީ ވަކީލަކު ހަމަޖައްސަން ހަފްތާއެއްގެ މުއްދަތު ބޭނުންވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒް ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ފައިސަލްގެ ގާނޫނީ ވަކީލާ އެކު މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުން ކަމަށެވެ. އަދި އޭގެފަހުން ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގައިގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް ދައުލަތުން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރި އެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ ތަހުގީގުގައި ކުށަށް އިއުތިރާފުވެ ދީފައިވާ ބަޔާނެއްގެ މައްޗަށް ބުނާކޮށެވެ. އެހެންކަމުން ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށާއި ތަހުގީގު ބަޔާނަށް އެ ކުއްޖާ އިންކާރުކޮށްފައިވާތީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.