ދިވެހި ދައުލަތުންދޭ އެންމެ މަތީ ލަގަބު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޢަބްދުއްރަހީމް ވިދާޅުވީ، ދިވެހި ސަރުން އަރުވާ އެންމެ މަތީ "އިއްޒަތް" ރައީސް މައުމޫނަށް އެރުވުމަށް އިއްޔެ ކެބިނެޓުން ނިންމަވާފައިވާ ކަމަށް ވިދާޅުވެ ސަރުކާރުގެ ކެބިނެޓް ސެކްރެޓަރީ އިއްޔެގެ ވަގުތެއްގައި މެސެޖެއް ފޮނުއްވި ކަމަށެވެ.

"އިއްޔެގެ ވަގުތެއްގައި ރައީސް ވަހީދުގެ ކެބިނެޓް ސެކްރެޓަރީ، ފޮނުއްވި މެސެޖެއްގައި އެބަ އޮވޭ، ދިވެހި ސަރުކާރުން އަރުވާ އެންމެ މަތީ އިއްޒަތް، [އެއީ ޣާޒީގެ ލަގަބު] ރައީސް މައުމޫނަށް އެރުވަން ކެބިނެޓުން އިއްޔެ ނިންމެވިކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އެ ނިންމެވުމަކީ ވަރަށް ބޮޑަށް އުފާ ކުރާ ކަމެއް ކަމަށާއި ދިވެހި ރާއްޖޭގެ އެއްވެސް ބޭފުޅަކަށް "ޣާޒީ"ގެ ލަގަބު ލިބިވަޑައިގަންނަވާ ކަމުގައި ވެއްޖިއްޔާ އެ ހައްގުވާ ބޭފުޅަކީ ރައީސް މައުމޫން ކަމަށެވެ.

"އެފަދަ ނިންމެވުމެއް ނިންމެވީތީ، އަދި ކެބިނެޓަށް ހުށަހެޅުއްވީތީ ރައީސް ވަހީދަށާއި ކެބިނެޓަށް ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި އެއްވެސް ބޭފުޅަކަށް [ޣާޒީ]ގެ ލަގަބު ލިބިވަޑައިގަންނަވާ ކަމުގައި ވަންޏާ އެ ހައްގުވާ ބޭފުޅަކީ ރައީސް މައުމޫން."

އަބްދުއްރަހީމް ވިދާޅު ރައީސް މައުމޫނަށް "ޣާޒީ"ގެ ލަގަބު ދެއްވުމަށް ސަރުން ނިންމެވި ނިންމެވުން މިވަގުތު ސިޔާސީ ވެގެން ދިޔަ ކަމުގައިވީ ނަމަވެސް، އެ ނިންމެވުމަކީ މާ ކުރީއްސުރެން ނިންމަން ޖެހިވަޑައިގަންނަވާ ނިންމެވުނމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރައީސް މައުމޫނު ވެރިކަމުން ވަކިވެ ވަޑައިގެންނެވި ފަހުން ދެން ވެރިކަމާއި އެންމެ ފުރަތަމަ ހާވާލުވެވަޑައިގަންނަވާ ބޭފުޅަކު އެންމެ ފުރަތަމަ ނިންމަވަން ޖެހޭ ނިންމެވުމަކީ. ދިވެހި ރާއްޖޭގައި ދެވޭ އެންމެ މަތީ އިއްޒަތް ރައީސް މައުމޫނަށް ދެއްވަން ނިންމަވަން ޖެހޭ ނިންމެވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަން ވަނީ ސަރުކާރުން ވެސް ޔަގީންކޮށްދީފަ އެވެ. ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ އެ ލަގަބު ރައީސަށް އަރުވާނީ މި މަހު 26 ވަނަ ދުވަހު އޮންނަ މިނިވަން ދުވަހުގެ ގައުމީ ޖަލްސާގައި ކަމަށެވެ.