17 Jul 2013, 14:01
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސްޕޯކްސް ޕާސަންގެ މަގާމުގައި ކުރިން ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފު އަނެއްކާ ވެސް އެ މަގާމަށް ހަމަޖައްސައިފި އެވެ.
މަހްލޫފް އެ މަގާމަށް އަލުން ހަމަޖެއްސިކަން އިއުލާން ކުރެއްވީ ޕީޕީއެމްގެ އޮފީހުގައި މިއަދު އެ ޕާޓީގެ އޮފީހުގައި އޮތް ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އަބްﷲ ޢަބްދުއްރަހީމް އެވެ.
އަބްދުއްރަޙީމް މިއަދު ވިދާޅުވީ ޕީޕީއެމް ދޫކުރައްވައި އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން މަހްލޫފު އުޅުއްވާކަމުގެ ވާހަކަ މީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ކަމަށާއި އެކަމަކު އޭރު ވެސް މަހްލޫފް ޕީޕީއެމް ދޫކޮށް އެހެން ޕާޓީއަކަށް ވަޑައި ނުގަންނަވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ޕީޕީއެމްއަށް އޮތް ކަމަށެވެ.
"މިޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ވާހަކައެއް. އަޅުގަނޑުމެންގެ ސްޕޯކްސް ޕާސަން އަހްމަދު މަހްލޫފް ޕީޕީއެމްއާ ވަކިވެގެން ދުރަށްވަޑައިގަންނަވަން އުޅުއްވާ ވާހަކަ. ފުރަތަމަ އެ ހަބަރު ފެތުރިގެން ދިޔަ ދުވަހު ވެސް އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ދެންނެވިން އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތޭ މަހްލޫފް ވަޑައި ނުގަންނަވާނޭކަން. މަހްލޫފް އޭރުގައި ކެމްޕޭނަށް ވަގުތު ދެއްވަންވެގެން އޭރު އެމަގާމުން ވަކިވެވަޑައިގަތީ،" ޕީޕީއެމްގެ ނައިބު ލީޑަރު ވިދާޅުވި އެވެ.
އަބްދުއްރާހީމް ވިދާޅުވީ، މަހްލޫފް ޕީޕީއެމްގެ ސްޕޯކްސް ޕާސަން ކަމުގެ މަގާމުން ދުރުގައި ހުންނަވަން ޕާޓީގެ އިސް ބޭފުޅުން ބޭނުންފުޅު ނުވާތީވެ އޭނާ އަލުން އެނބުރި އެމަގާމަށް ވަޑައިގަތީ ކަމަށެވެ.
"ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަންނަވަނީ، ކެމްޕެއިން ތެރޭގައި އުޅުއްވަމުން ވެސް، ޕާޓީގެ ސްޕޯކްސް ޕާސަނެއްގެ މަގާމުގައި ހަމަ މަހުލޫފް ހުރެދެއްވުން ކަމަށް ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ. އެހެންވީމާ މިހާރު މަހްލޫފް އެކަން ގަބޫލުފުޅު ކުރައްވައި، އަލުން ހަމަ ޕާޓީގެ ސްޕޯކްސް ޕާސަންއެއްގެ ގޮތުން ހަރަކާތްތެރިވާން ފެއްޓެވި ކަމުގެ އުފާވެރި ހަބަރު ދެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.