އިންޓަނެޓުގައި ކަންކަން ހިއްސާކޮށް އެއްބަޔަކު އަނެއްބަޔަކު ގުޅުވައިދިނުމަށް އެންމެ މަޝްހޫރު ވެބްސައިޓް ކަމަށްވާ ފޭސްބުކުގައި 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ނުވަދެވޭނެކަމަށް ބުނެ އިއުލާނެއް އެރުވުމަށް އިންޑިޔާގެ ދިއްލީ ހައިކޯޓުން ފޭސްބުކުގެ މައްޗަށް އަމުރުކޮށްފިއެވެ.

އެ އަމުރުކުރަމުން ދިއްލީ ހައިކޯޓުން ބުނެފައިވަނީ "(ފޭސްބުކަށް) ހެދިދާނެ ގޮތެއް، 13 އަހަރުން ދަށުގެ ކުދިންނަށް ވަނުން މަނާކަމަށް ލިޔެ ފަވާފައިވާ އަކުރުން ހޯމްޕޭޖަށް (ވެބްސައިޓުގައި އެންމެ ފުރަތަމަ ފެންނަ ސަފްހާ) އެރުވުން. މިހެން ހެދުމުން އެއްވެސް ގެއްލުމެއް ނެތް،" މިހެންނެވެ.

ފޭސްބުކުގެ ގާނޫނީ ވަކީލު ޕަރަގް ޓްރީޕަޓީ ވަނީ ކޯޓުގެ އަމުރަށް ތަބާވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މި މައްސަލަޔާ ގުޅިގެން ދިއްލީގެ ހައިކޯޓުން ވަނީ ފޭސްބުކް ފަދަ އިންޓަނެޓް ސައިޓުތައް ބޭނުންކޮށްގެން ކުޑަކުދިންގެ ނަހަމަ ފައިދާނެގުމާ ދެކޮޅަށް ހުރި ގާނޫނުތަކަކީ ކޮބައިތޯ ސާފުކޮށްދިނުމަށް އިންޑިޔާ ސަރުކާރުގައި އެދިފައެވެ.

"އިންޑިޔާގައި ކުޑަކުދިން ފޭސްބުކު ބޭނުންކުރުމުގެ ގާނޫނަކީ ކޮބާ؟ އެއީ 13 އަހަރުތަ؟ ނުވަތަ 16 އަހަރު ތަ؟ ނުވަތަ 18 އަހަރު ތަ؟ ނޫނީ އެފަދަ ގާނޫނެއް ނެތީތަ؟ އިންޑިޔާގައި ފޭސްބުކު ބޭނުންކުރުމުގެ ޝަރުތުތަކަކީ ކޮބާ؟" އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ކައުންސިލާ ދިއްލީ ކޯޓުން ސުވާލުކުރިއެވެ. ޖަވާބަކަށް އެ ކައުންސިލުން ބުނެފައިވަނީ އެމެރިކާގައި އެފަދަ ވެބްސައިޓުތައް ބޭނުންކުރެވެނީ 13 އަހަރުން މަތިވުމުން ކަމަށެވެ.

ކައުންސިލުގެ ޖަވާބަށް ރައްދުދެމުން ދިއްލީ ކޯޓުން ބުނެފައިވަނީ އިންޓަނެޓު ބޭނުންކުރާ ކުޑަކުދިން ރައްކާތެރިކުރުމަށް އިންޑިޔާގައި ގާނޫނެއް ނެތުމަކީ ގައުމު އަދުގެ ތަހުޒީބުން ފަހަތުގައި އުޅޭ ކަމުގެ ނިޝާނެއް ކަމަށާއި ދުނިޔެ ވަނީ އިންޑިޔާއަށްވުރެ މާ ކުރީގައިކަމަށެވެ.

މި މައްސަލަ ފެންމަތިވީ އިންޑިޔާގެ ސިޓީއެއް ކަމަށްވާ ގުރުގައޮގައި ދާދިފަހުން 100 އަށް ވުރެ ގިނަ ކުޑަކުދިން ޕާޓީއެއް ބާއްވައި، އަހުލާގީ ގޮތުން ދަށް ކަންތައްތަކެއް ކުރަމުން ދަނިކޮށް އިންޑިޔާ ސިފައިންނަށް ފެނުނު މައްސަލައާ ގުޅިގެންނެވެ. އެކުދިން ޕާޓީ އިޝްތިހާރުކޮށް ރާވައި ހަދާފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ.

މި މައްސަލަޔާ ގުޅިގެން އާއްމު މުޖުތަމައުގެ މަސްލަހަތާ ގުޅޭ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް އެ މައްސަލަ ހުށެހެޅީ އިންޑިޔާގެ ބަރަޓިޔަ ޖަނަތަ ޕާޓީގެ ކުރީގެ މަންދޫބެއް ކަމަށްވާ ކޭ.އެން ގޯވިންދަޗަރިޔާ އެވެ. އޭނާ މި މައްސަލަ ހުށަހަޅަމުން ކޯޓުގައި އެދިފައި ވަނީ ކުޑަކުދިން ފޭސްބުކު ފަދަ ވެބްސައިޓު ތަކުގައި އެކައުންޓު ހުޅުވުމަކީ އިންޑިޔާގެ ގާނޫނުގައި މަނާކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ފޭސްބުކުން ޖަވާބެއްގެ ގޮތުގައި ބުނެފައިވަނީ އެމީހުންގެ ހިދުމަތް ބޭނުންކުރުމުގެ ޝަރުތުތަކުގެ ތެރޭގައި "13 އަހަރުން ދަށުގެ ކުއްޖަގު ފޭސްބުކް އެކައުންޓެއް ހުޅުވުމަކީ، އަދި ފޭސްބުކު ބޭނުންކުރުމަކީ މަނާކަމެއް" ކަމަށް ސާފުކޮށް ލިޔެފައިވާނެކަމަށެވެ.

ފޭސްބުކުން ބުނި ގޮތުގައި ކަންތައްތައް ހިއްސާކުރުމުގައި (ފޮޓޯ، ވީޑިއޯ، އަދި އެހެނިހެންވެސް މައުލޫމާތު) އެ ވެބްސައިޓުން ކުޑަކުދިންނަށް ހުއްދަދީފައިވާ މިންގަނޑުތައް ބޮޑެތިމީހުންނާ ތަފާތުވާނެ ކަމަށެވެ. އެމީހުން ބުނީ ބޮޑެތި މީހުންނަށް މުޅި ފޭސްބުކާ ވެސް ކަންކަން ހިއްސާކުރުމުގެ އިހްތިޔާރު އޮންނައިރު 13 އަހަރުން މަތީގެ ކުޑަކުދިންނަށް ހުއްދަ ދީފައި އޮންނާނީ ހަމައެކަނި އެމީހުންގެ ރައްޓެހިންނާ، ރައްޓެހިންގެ ރައްޓެހިންނާ، އެކުދިންގެ ސްކޫލްފަދަ "ނެޓްވަރކް" ތަކާ މައުލޫމާތު ހިއްސާކުރުމަށް ކަމަށެވެ.