17 Jul 2013, 12:26
މާލެއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ހުޅުލެއާއި ގުޅީފަޅާއި ތިލަފަޅާއި ވިލިގިނލީގެ އިތުރުން މާލޭ މަގަކުން ގުޅާލާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ މެދުހެންވޭރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށެއްގެ ރައްޔިތުންގެ އުންމީދުތައް ގުޅިފައި ވަނީ މާލެ އާއި ކަމަށާއި އެހެން ކަމުން މާލެ ރަނގަޅު ގޮތުގައި ތަރައްގީ ކުރެވެން ޖެހޭނެ ކަމަށެވެ. އެގޮތުން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މާލެއިން ބިން ހުސްކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލެ އާއި ގުޅީފަޅާއި، ތިލަފަޅު ހިއްކާ ނިމުމުން މޭލެއަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށެވެ.
"މާލޭގެ ގޯތި ގެދޮރުގެ ދަތިކަން ފިލުމަށްޓަކައި 12،000 ގެވަޅު އެބަ ބޭނުންވޭ. އަޅަގަނޑަށް ލަފާކުރެވޭ ގޮތުގައި 12،000 ގެވަޅަކީ މި ސަރަހައްދުން ހޯދިދާނެ މިންވަރެއް. އަޅުގަނޑުމެނަށް ހުޅުމާލެއާއި، ގުޅީފަޅާއި އަދި ތިލަފަޅު ހިއްކާ ނިމުނީމާ މާރަނގަޅަން ވެސް އެބައޮތް 12000 ވުރެ އިތުރަށް ވެސް ޖާގަ ހޯދެން. ތަން ހޯދެން. އަޅުގަނޑުމެންގެ އަމާޒަކީ މާލެއާއި ހުޅުލެ، މާލެއާއި ވިލިގިއްޔާއި، ގުޅީފަޅާއި، ތިލަފަޅު މި ހުރިހައި ސަރަހައްދެއް ގުޅާލެވި އެއީ ގިރާވަރު ދެކުނު ކަނޑައްސުރެފެށިގެން އައްޔާ ހަމައަށް ގޫޅާލެވޭ މަގެއް އަޅުގަނޑުމެން އެޅުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ އެފަދަ މަޝްރޫއަކީ ރާއްޖެއަށް ނުހިންގޭނެ މަޝްރޫއެއް ނޫން ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމަށްޓަކައި ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވެނީ 100 މިލިޔަނެއްހާ ޑޮލަރު ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކަމަށެވެ. އެގޮތުން ގުޅީފަޅާއި ހުޅުމާލެއާއި ތިލަފަޅު ހިއްކައިގެން ބިންވިއްކައިގެން ވެސް އެކަމަށްޓަކައި ފައިސާ ހޯދޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ މެނިފެސްޓް މުޅިން ނެރޭއިރު އޭގެ ތަފްސީލްތައް ދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މާލޭގެ މަގުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މަގުތައް މިހާރު ހުރިގޮތަކީ ހިނގާ މީހުންނަށާއި އަދި މަގުތައް އެހެން ވެސް ކަންކަމުގައި ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތީލާން ޖެހޭ ގޮތަކަށް ކަމަށެވެ. އެހެން ކަމުން މާލޭގެ މަގުތައް މިހާރަށް ވުޔެ ރަނގަޅަށް ޒަމާނީ ފެންވަރަށް ހެދެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރެއް ހަދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ރިޔާސީ ކެންޑިޑޭޓުންނަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އަމިއްލަ ގޮތުން ވާދަ ކުރައްވާތީ އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ. އެގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމެވުމުން އެމަނިކުފާން ވާދަ ކުރެއްވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ބޭނުންވާ 1500 މީހުންގެ ވޯޓް ރައީސް ވަހީދަށް ނުލިބޭނެތީ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާން އެދިވަޑައިގެންނަވާ ގޮތަކީ ރައީސް ވަހީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ކަމަށާއި އެއްބުރުން ކިހިލި ޖަހައިގެން ބަލި ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާންގެ ފުތަމަ ވަޢުދު ފުއްދާނެ ކަމަށާއި އެއީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓް ނެރޭއިރު އެމަނިކުފާންގެ ނަން އޮތުން ކަމަށެވެ.