ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމް އިތުރަށް ވަރުގަދަކޮށް ހުނަރު އިތުރު ކުރުމަށްޓަކައި ބްރެޒިލްގެ ފަންނީ އެހީ ހޯދުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ނޭޕާލްގައި މީގެ ދެދުވަސް ކުރިން ނިމިގެންދިޔަ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުޅެ، ރާއްޖަށް ރިހި މެޑަލް ހޯދައިދިން ގައުމީ ވޮލީބޯޅަ ޓީމް މިއަދު މާލެއައުމުން ޓީމަށް މަރުހަބާ ދެންނެވުމަށްޓަކައި އެއްނަންބަރު ފާލަމަށް ވަޑައިގެން ހުންނަވައި ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ، އަންނަ އަހަރުގެ މާޗުމަހުގައި ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ކުރިން ތަމްރީންތައް ފެއްޓޭވަރު ވާނެ ކަމަށެވެ.

"ބްރެޒިލްއަކީ ފުޓްބޯޅައިގެ އިތުރުން ދުނިޔޭގައި ވޮލީބޯޅައިގައި ވެސް އެންމެ ފުންނާބު އުސް އެއް ގައުމު. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މިއަދު އަޅުގަނޑުމެން ކާމިޔާބު ހޯދައިގެން އައި މުބާރާތުގެ ދެވަނަ މުބާރާތް އަންނަ އަހަރުގެ މާޗްގައި ސްރީލަންކާގައި ފެށުމުގެ ކުރިން، ވޮލީބޯލް އެސޯސިއޭޝަނާވެސް މަޝްވަރާ ކޮށްގެން އެ މުބާރާތަށް ތައްޔާރު ވުމަށްޓަކައި، ބްރެޒިލްގެ ފަންނީ މާހިރުން ގެނެސްގެނެވޭތޯ،" މުންދު ވިދާޅުވި އެވެ.

ރާއްޖެއާއި ބްރެޒިލްއާ ދެމެދު ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމަށްޓަކައި މީގެ ދުވަސްކޮޅެއް ކުރިންވަނީ އެމްއޯޔޫއެއްގައި ސޮއި ކޮށްފަ އެވެ. ކުޅިވަރާބޭހޭ ވަޒީރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ބްރެޒިލްގެ ކުޅިވަރާބެހޭ ވުޒާރާއާ އެންމެ ބޮޑަށް ވާހަކަ ދެކެވެމުންދަނީ އެންމެ އިސްކަމެއް ދީގެން ވޮލީބޯޅައަށް ކަމަށާއި، އަދި އޭގެ ފަހުން ފުޓްބޯޅައިގެ ކަންތައް ތަކުގައި އެހީތެރިކަން ހޯދުމަށްޓަކައި ކަމަށެވެ.

"ބްރެޒިލްގެ ފަންނީ މާހިރުންގެ އިރުޝާދާއި، އަޅުގަނޑުމެންގެ ކޯޗުންގެ ލަފަޔާއި އެކުގައި އަޅުގަނޑު ދަންނަވާނީ، ތަފާތު އެހެން ރަހަތަކެއްގެ ވޮލީ ބޯޅައިގެ ހުނަރުތަކެއް އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބިގެން ދާނެޔޭ،" މުންދު ވިދާޅުވި އެވެ.
މުންދު އިތުރަށް ވިދާޅުވީ ނިމިގެންދިޔަ އެ މުބާރާތުގައި ރާއްޖޭގެ ވޮލީބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ތަކެއް އަނިޔާގައި ތިބުނމުގެ ސަބަބުން ޓީމުގެ އަސްލު ފެންވަރު ދައްކާލެވިފައި ނުވާ ކަމަށާއި އެހެން ކަމުން އަންނަ އަހަރުގެ މާޗުމަހުގައި ލަންކާގައި އޮންނަ މުބާރާތުން ރަން ވަނައެއް ހޯދުން އެއީ އެންމެ ބޮޑު އުންމީދު ކަމަށެވެ.

"މި މުބާރާތުގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބުގެ މިންވަރު ވަޒަން ކޮށްލެވޭނޭ އިތުރު ކަމަކީ، އަޅުގަނޑުމެންގެ ގައުމީ ޓީމުގެ އެންމެ ހުނަރުވެރި ބައެއް ކުޅުންތެރިން ތިބީ ކޮންމެވެސް ވަރެއްގެ އިންޖަރީގައިވެސްމެ،" މުންދު ވިދާޅުވި އެވެ. "މާނައަކީ އަޅުގަނޑުމެންގެ ފުލް ސްޓްރެންތްގައެއް ނޫނޭ މި ކުޅުނީކީ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ މާޗްމަހުގައި ބޭއްވޭ ދެވަނަ އެޑިޝަންގައި، މިފަހަރު ފައިނަލްގައި އަޅުގަނޑުމެން މިކުޅުނު ސްރީ ލަންކާއާއި އަދި އެހެނިހެން ގައުމުތައްވެސް ބީޓްކޮށްފައި އަޅުގަނޑުމެން ހަމަ ވޮލީގައިވެސް ރަންވަނަ އިރާދަކުރެއްވިޔާ މިއަންނަ އަހަރުގެ މުބާރާތުގައި ހޯދުން."