17 Jul 2013, 12:03
ނޭޕާލްގައި މީގެ ދެދުވަސްކުރިން ނިމިގެންދިޔަ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖަށް ރިހި މެޑަލް ހޯދައިދިން ގައުމީ ވޮލީބޯޅަ ޓީމް މިއަދު އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
ނޭޕާލުން މިއަދު އައި ގައުމީ ވޮލީބޯޅަ ޓީމް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އައުމުން ކުޅިވަރާބެހޭ ވުޒާރާއިން ވަނީ އެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި ގައުމީ ދިދައިން ޒީނަތްތެރި ކުރެވިފައިވާ ދޯންޏެއްގައި ހުޅުލެއިން މާލޭ އެއްނަންބަރު ފާލަމަށް ވޮލީބޯޅަ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން ފޭބުމުން އެތަނުން ވެސްވަނީ އެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ގައުމީ ވޮލީބޯޅަ ޓީމަށް މަރުހަބާ ދެންނެވުމަށްޓަކައި މާލޭ އެއް ނަންބަރު ފަލާމްގައި ކުޅިވަރާބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)އާއި އެ ވުޒާރާގެ ބައެއް އިސް ވެރިންނާއި، ވޮލީބޯލް އެސޯސިއޭޝަންގެ އިސް ވެރިންގެ އިތުރުން ރާއްޖޭގެ އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ އާއިލާގެ މެންބަރުންނާއި އަދި ވޮލީބޯޅައަށް ލޮބިކުރާ ބައެއް ރައްޔިތުން ހާޒިރުވިއެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި ފުރަތަމަ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖެ ވާދަކުރީ އަވައްޓެރި ސްރީ ލަންކާއާއެވެ. އަދި ފައިނަލްގައި ލަންކާ އަތުން ރާއްޖެ ބަލިވީ ފުރަތަމަސެޓުން 25-22ން، ދެ ވަނަ ސެޓު 25-19 އިން އަދި ފަހު ސެޓް 25-23 އިންނެވެ.
ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރަހައްދީ ފެންވަރުގައި ވޮލީބޯޅައިން ކުރިއެރުންތަކެއް ރާއްޖެ ހޯދާފައި ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނީ ނިމިގެން ދިޔަ މުބާރާތުގެ ކާމިޔާބަކީ ރާއްޖެއަށް ވޮލީބޯޅައިގައި ލިބެންހުރި ކާމިޔާބުތަކުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ރަނގަޅު ކާމިޔާބުތަކެއް ހޯދޭނޭ ކަން ރާއްޖޭގެ ކުޅުންތެރިން ދައްކުވައި ދީފި ކަމަށެވެ. އަދި ގައުމީ ޓީމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ފިޓްކޮށް ހުރިނަމަ މިއަށްވުރެ ނަތީޖާ ރަނގަޅުވީސް ކަމަށް ކޯޗު ބުންޏެވެ.
ނޭޕާލުގައި ނިމިގެންދިޔަ މުބާރާތުގެ ބެސްޓް ލިބަރޯ ކުޅުންތެރިއަކަށް ގައުމީ ޓީމްގެ ޖުނައިދު ޢަބްދުﷲ ހޮވުނުއިރު އެންމެ މޮޅު ސްޕައިކަރަކަށް ހޮވުނީ ޢަލީ ހުޒާމް އެވެ.