ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ކުރީގެ ޗެއާމަން ފާރޫގް އުމަރު ރިޝްވަތު ހިފި ކަމަށް ކުރާ ޝަރީއަތުގެ ހުލާސާ ބަޔާން މިއަދު އިއްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ފާރޫގު އުމަރުގެ އެކައުންޓަށް 19،000 ޑޮލަރު (292،980 ރުފިޔާ) 2010 ވަނަ އަހަރު ޖަމާކުކޮށްފައިވާ ކަމަށާއި އެއީ ރިޝްވަތު ކަމަށެވެ.
ނަމަވެސް ފާރޫގުގެ ވަކީލު މުހައްމަދު ފަރީދު މިއަދު ވިދާޅުވީ ފާރޫގެ އެކައުންޓަށް ކޮންމެ މީހަކަށް ވެސް ފައިސާ ޖަމާކުރެވިދާނެ ކަމަށާއި ފާރޫގާ ދެކޮޅަށް ހެކިބަސް ދިނީ "ފާސިދެއް" ކަމަށެވެ.

ދައުލަތުން ފާރޫގުގެ މައްޗަށް ދައުވާ ކުރަނީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ފާރޫގު ހުންނެވި އިރު އެ ކުންފުންޏަށް ހަނޑޫ ސަޕްލައިކޮށްދިނުމަށް ހަވާލުކޮށްފައިވާ ސްރީލަންކާގެ ރޯޔަލް އެޖެންސީގެ ވެރިފަރާތް މަރިމުތު އުދަޔަސުންދަރުގެ ކިބައިން 100,000 ޑޮލަރު ދިނުމަށް ފާރޫގު ޑިމާންޑްކޮށްފައިވާ ކަމަށެވެ.

ފާރޫގު އެގޮތަށް ޑިމާންޑުކުރުމުން އޭނާގެ ނަމުގައި ހޮންކޮން އެންޑް ޝަންގްހާއި ބޭންކިން ކޯޕަރޭޝަން މާލެ ބްރާންޗްގައި ހުޅުވާފައިވާ އެކައުންޓަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ހެޓަން ނެޝަނަލް ބޭންކް ޕަބްލިކް ލިމިޓެޑްގައި ރޯޔަލް އެޖެންސީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން، ޓެލެގްރާފް ޓްރާންސްފާއެއް މެދުވެރިކޮށް 19,000 ޑޮލަރު ފޮނުވާފައި އޮތްކަން އެނގޭ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

ރިޝްވަތުގެ ގޮތުގައި ފާރޫގު ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެ ފައިސާ އޭނާގެ އަތުން ހޯދުމަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ.