ރިސޯޓް ތަރައްގީކުރަން އަލަށް ހުޅުވާލި ހަތް ރަށުގެ ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ސަރުކާރަށް ދައްކަން ޖެހޭ އެކުއިޒިޝަން ކޮސްޓް ކުޑަކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވީ އަލަށް ހުޅުވާލި ހަތް ރަށުގެ ބީލަން ކާމިޔާބުވުމުން ސަރުކާރަށް އެއް ފަހަރާ ދައްކަން ޖެހޭ އަދަދު ކުޑަކުރީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ކަމަށެވެ.

"ކުރީ ފަހަރު އިއުލާންކުރި ތިން ރަށުގެ ތަޖުރިބާއަށް ބެލުމަށް ފަހު މިފަހަރު އެކުއިޒިޝަން ކޮސްޓް ކުޑަކުރަން ނިންމީ. މި ބަދަލާ އެކު އިންވެސްޓަރުންގެ ޝައުގުވެރިކަން މިފަހަރު ބޮޑުވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ކުރިން ވެސް ބިޑަށް ހުޅުވާލި ސ. އިސްމެހެލާ ހެރެއަށް މިފަހަރު އެކުއިޒިޝަން ކޮސްޓްގެ ދައްކަން ޖެހޭ އަދަދު ވަނީ އެއް މިލިއަން ޑޮލަރަށް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ގއ. އިން ހުޅުވާލި ރަށުގެ އެކުއިޒިޝަން ކޮސްޓް ދެ މިލިއަން ޑޮލަރަށް ކުޑަކުރިއިރު ނ. އަތޮޅާއި ރ. އަތޮޅުން ހުޅުވާލި ދެ ރަށުން ދައްކަން ޖެހޭ އަދަދު ވަނީ ތިން މިލިއަން ޑޮލަރަށް ކުޑަކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެވްރެޖްކޮށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ނަގަނީ ހަތަރު މިލިއަން ޑޮލަރު. ނަމަވެސް މިފަހަރު އެވްރެޖްކޮށް ކަނޑައަޅާފައި ވަނީ ތިން މިލިއަން ޑޮލަރު. އަދި ކުރިން ހުޅުވާލި ރަށްތަކުގެ ތެރެއިން . މަޑިފުށިން ދައްކަން ޖެހޭ އެކުއިޒިޝަން ކޮސްޓް ވެސް ދެ މިލިއަން ޑޮލަރަށް ވަނީ ކުޑަކޮށްފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެކުއިޒިޝަން ކޮސްޓަކީ ބީލަން ކާމިޔާބުވާ ފަރާތަކުން ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އެވެ.