17 Jul 2013, 11:00
އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. އިސްލާމުދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ރޯދަމަސް އައުމުން އުޑުގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވޭ ހުއްޓެވެ. އެހެން ރިވާޔަތެއްގައިވާ ގޮތުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވޭ ހުއްޓެވެ. އަދި ޝައިޠާނުން ހިލިހިލާ އެޅުއްވޭ ހުއްޓެވެ. އެހެން ރިވާޔަތެއްގައިވާ ގޮތުން ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވޭ ހުއްޓެވެ." (އަލްބުޚާރީ: ކިތާބުއްސައުމި)
ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިޙަދީޡުގައި އުޑުތަކާއި، ސުވަރުގެއާއި، ނަރަކައާއި، ޝައިޠާނުންނާ ބެހޭގޮތުން އައިސްފައިވާ ބަސްފުޅުތަކުގެ މުރާދަކީ ރަހުމަތުގެ ދޮރުކޮޅުތައް ހުޅުއްވައިލެވޭނެ ކަމަށް އެއޮންނަ ބަސްފުޅެވެ. އާދެ، ރަޙުމަތުގެ ގިނަގުނަ ދޮރުކޮޅުތަކެއް ހުޅުއްވައިދެއްވުމެވެ. މާތްﷲ ގެ ރަޙުމަތްފުޅު އަދައިގެން އުޅޭ މީހަކަށް އެކަން ހޯދައިގަނެވޭނެ އިތުރު މަގުތައް ތަނަވަސްކޮށް ދެއްވުމެވެ.
ރަމަޟާން މަހުގެ ފައިދާތަކާ ބެހޭގޮތުން މިހަދީޡްފުޅުގައި ބަޔާންކުރައްވާފައި އެވާ ފައިދާ ތަކަކީ މިޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ އޮޓޮމެޓިކުން ލިބޭނެ ފައިދާތަކެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ބަޔާންވެ އެނގޭ ޢަމަލުތަކެއް އެޢަމަލުތައް ކުރަންޖެހޭ ގޮތަށް ކުރުމުން ލިބޭ ފައިދާއެވެ. އާދެ، ރޯދަހިފުމުގައި އެކުލެވެންޖެހޭ ރޫޙާ އެކު ރޯދަ ހިފައިފިނަމަ ރޯދަވެރިޔާއަށް ލިބޭނެ މަންފާތަކެވެ. އެރޯދައިގެ ސަބަބުން މާތްﷲ ގެ ރަޙުމަތް ޙައްޤުވާ ފަދަ ސިފަތަކެއް ރޯދަވެރިޔާގެ ކިބައިގައި އަށަގަތުމެވެ. މިގޮތާ ޚިލާފަށް ރޯދަހިފާ މީހާއަށް ލިބޭނީ އިސްލާމުދީނުގެ ނަބިއްޔާގެ އެހެން ޙަދީޡު ފުޅެއްގައި ބަޔާންކުރައްވާފައިވާ ނަތީޖާއެވެ. އެޙަދީޡު ފުޅުގައިވަނީ:
"ރޯދަވެރީންކުރެ ބައެއް މީހުންނަކީ އެބައިމީހުންގެ ރޯދައިގެ ސަބަބުން ބަނޑުހައިކަމާއި ފެންބޮވައިގަތުން ފިޔަވައި އެހެންކަމެއް ލިބޭނެ ބައެއް ނޫނެވެ." (އައްނަސާއީ، އިބްނުމާޖާ)
އަނަސުބިންމާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.
"ދެއަންހެނަކު ރޯދަހިފިއެވެ. އެދެމީހުން އެއްތަނެއްގައި ތިބެ އެހެންމީހުނަށް ޣީބަ ބުނެހެދިއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައަށް އެކަން އެނގިވަޑައިގަތުމުން ޙަދީޘް ކުރެއްވިއެވެ."
"އެދެމީހުން ރޯދައެއް ނުހިފައެވެ. އެދެމީހުންގެ ރޯދަ ރޯދަޔަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ އެހެނީ އެދެމީހުން ރޯދަޔަށް ތިބެ ޣީބަ ބުނެ އެހެން މީހުންގެ މަސްކައިފިއެވެ." އެހެން ރިވާޔަތެއްގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުން އަންނަނިވި ގޮތަށް ރިވާވެގެން ވެއެވެ.
"އެދެމީހުން ވަނީ އެބައިމީހުންނަށް މާތްﷲ ޙަލާލުކުރެއްވި ކަންތަކާމެދު ރޯދަޔަށެވެ. އަދި އެދެމީހުން އެދެމީހުންނަށް ޙަރާމް ކުރެއްވި ކަންތައްތަކުން ރޯދަ ވީއްލައިފިއެވެ." (މަޖްމަޢުއް ޒަވާއިދު: ކިތާބުއް ޞިޔާމި)
އިސްވެދިޔަ ޙަދީޘް ފުޅުުން އެނގޭގޮތުގައި ރޯދަވެރިޔާއަށް މަނާވެގެން ވަނީ ހަމައެކަނި ރޯދަޔަށް ހުރެ ކެއިން ބުއިމާއި ޖިންސީބޭނުންތައް ފުއްދުންފަދަ ކަންކަމެއްނޫނެވެ. އެކަންތައްތަކުގެ އިތުރަށް ވެސް ރޯދަ ބާޠިލުވާ އެތައްކަމެއް އެބަވެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ، ނެތިމޮށުމާއި، ދެބައޮޑުވުމާއި މިފަދަ ބަދުއަޙްލާޤީ އެތައް ކަންތައްތަކެކެވެ. ރޯދަޔަށް ހުންނައިރު ކައިބޮއި ނެހެދިކަމުގައި ވިޔަސް ރޯދަވެރީންނަށް މަނާކުރައްވާފައިވާ އަޚްލާޤީ ކުށްތަކަށް އަރައިގަންނަކަމުގައި ވާނަމަ އެފަދަމީހެއްގެ ރޯދަޔަކީ ވެސް މާތްﷲ އެދިވޮޑިގެންވާ ފަދަ ރޯދަޔަކަށް ނުވާނެއެވެ. އެފަދަ ރޯދަޔަކުން ލިބޭނެ ނަތީޖާއަކީ ހައިހޫނުކަމާއި ކަރުހިއްކައިގަތުމުގެ ވޭނެވެ.
ރޯދަ ގެއްލޭނެ އެއްގޮތަކީ ރޯދަވެރިޔާ ރޯދަޔަށް ހުރެ ކުރުން މަނާކުރައްވާފައިވާ މާއްދީ ކަމެއް ކުރުމެވެ. ކެއިން ބުއިންފަދަ ކަމެއް ކުރުމެވެ. ހަމައެފަދައިން ރޫޙާނީ ގޮތުންނާއި އަޚްލާޤީ ގޮތުން ރޯދަވެރިންނަށް މަނާ ކަންތައްތަކެއް ވެސް ހުރެއެވެ.
މިސާލެއްގެ ގޮތުން ދަންނަވާނަމަ ދޮގުހެދުމާއި، މަކަރުޙީލަތް ހެދުމާއި، ރުޅިގަދަކުރުމާއި، އަވައްޓެރީންނަށް އުނދަގޫކުރުމާއި، އިސްލާމީ އުއްމަތަށް ގެއްލުންހުރި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމާއި، ހުތުރުވާހަކަތައް ދެއްކުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، މިފަދަ ކަންތައްތަކެވެ. ރޯދަވެރިޔާއަށް މަނާކުރައްވާފައިވާ ރޫޙާނީ އަދި އަޚްލާޤީ ކަމަކަށް އަރައިގަތްކަމުގައި ވިޔަސް އެރޯދަޔަކީ ރޯދަ ހިފަންވީ ގޮތަށް ހިފި ރޯދަޔަކަށް ނުވާނެއެވެ. އެރޯދަ ވާނީ ބާޠިލު ރޯދަޔަކަށެވެ. ނުކައިނުބޮއެ ހުރެމެ އޭނާވާނީ ރޯދައިގެ ޘަވާބުން މަޙްރޫމު ވެގެންނެވެ. ރޯދަޔަކީ ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރެ ކުރެވޭ އަޅުކަމަކަށް ވާފަދައިން ރޯދަޔަކީ ބަދުއަޚްލާޤީ ކަންތައްތަކާ ވެސް ދުރުހެލިވެގެން ހުރެ ކުރެވޭ އަޅުކަމެކެވެ.