އދ. މަޖިލިސް (ޖުލައި 17): ސޫރިޔާގެ ރައްޔިތުންގެ އިންސާނީ ޙާލަތު މިހާރުއޮތީ 1994 ގައި ރުވަންޑާގެ ހޫޓޫ ދަރިކޮޅުގެ މީހުން ޓުޓްސީންނާ ދެކޮޅަށް ހިންގި ބިރުވެރި ޤަތްލުޢާންމު ތަކަށް ފަހު ރުވަންޑާ އޮތްޙާލަތުގައި ކަމަށް އދ. އިން ސިފަކޮށްފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އިންސާނީ ހަޢްގުތަކާ ބެހޭ އެހީތެރިޔާ އީވާން ސައިމޫނޮވިޗް ވިދާޅުވީ މިއަދު ސޫރިޔާ އޮތީ ބިރުވެރި ޙާލަތެއް ކަމަށާ ސޫރިޔާގައި މަހަކު އެވްރެޖްކޮށް 5000 އެއްހާ މީހުން މަރާލެވޭ ކަމުގަ އެވެ. އަދިޖެހުނުތަނަކުން މީހުން މެރުމާއި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުން ވަނީ ސޫރިޔާގައި ޢާންމުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީވާން ސައިމޫނޮވިޗް ވިދާޅުވީ ސޫރިޔާގެ ރައްޔިތުން އުޅެންޖެހިފައި ވަނީ 1994 ވަނަ އަހަރު ރުވަންޑާގައި ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާތަކާގުޅިގެން އެގައުމުގެ ރައްޔިތުންތަޙައްމަލް ކުރަންޖެހުނު ފަދަ އިންސާނީ މުސީބާތެއްގައި ކަމުގަ އެވެ. މިގޮތުން ރުވަންޑާގެ ރައްޔިތުން ރެފިއުޖީންނަށް ވެގެންދިޔަ މިންވަރަށް ސޫރިޔާގެ ރައްޔިތުން ވެސް މިހާރު ރެފިއުޖީންނަށް ވަމުން ދާކަމަށާ ސޫރިޔާގައި މިހާރު ކުރިޔަށްދަނީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔެ އިން ފެނުނު އެންމެ ބޮޑު އެއްލޭއޮހޮރުވުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އދ. ބުނާގޮތުން ސޫރިޔާގެ 22 މިލިޔަން ރައްޔިތުންގެ ތެރެއިން އިންސާނީ އެހީ ބޭނުންވެފައިވާ 6.8 މިލިޔަން ރައްޔިތުން އެބަތިއްބެވެ. އަދި ސޫރިޔާގެ ގިނަ ސަރަޙައްދުތަކުން ކާބޯތަކެއްޗާއި ބޭސްފަރުވާއާއި ހިޔާވަހިކަން ވަނީ ނެތިގެންގޮސްފަ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އދ.ގެ އިންސާނީ އެހީތަކާ ބެހޭ ވިލަރެސް ވެރިޔާ ވެލަރީ އާމޯސްވެސް ވަނީ ވިދާޅުވެފައެވެ. ސޫރިޔާގައި ކުރިޔަށްދާ ދެއަހަރުވީ އަހްލީ ހަނގުރާމައިގާ މިހާތަނަށް 110000 މީހުން މަރުވެފައިވާ ކަމަށް އދ. ން ލަފާކުރެ އެވެ. (ނޫސްއެޖެންސީތައް)