މޮސްކޯ (ޖުލައި 17): ފުޅާދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކަށާ އަދި އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމެރިކާ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ހިންގަމުން ގެންދިޔަ ޖާސޫސީ ޙަރަކާތްތައް ބޭޒާރުކޮށްލި އެޑްވަޑް ސްނޯޑެން ރަޝިޔާ އިން ސިޔާސީ ޙިމާޔަތަށް މިހާރު އެދިއްޖެކަން އޭނާގެ ފަރާތުން ކަށަވަރުކޮށްދީފ އެވެ.

ސްނޯޑެންގެ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ރަޝިޔާގެ ރައްޔިތެއް ކަމަށްވާ އެނަތޯލީ ކޮތްޗިރްނާ ވިދާޅުވީ ސްނޯޑެން ރަޝިޔާ ސަރުކާރަށް ހުށަހަޅާފައިވަނީ ސިޔާސީ ވަގުތީ ޙިމާޔަތެއް ކަމުގަ އެވެ. މިޙިމާޔަތް ބޭނުން ވަނީ ލެޓިން އެމެރިކާގެ ގައުމަކަށް އޭނާއަށް ދެވެންދެން ކަމަށާ ރަޝިޔާގައި ދިގުމުއްދަތަކށް ހުންނެވުމަށް ސްނޯޑެން ބޭނުންނުވާ ކަމަށް ވެސް ކޮތްޗިރްނާ ވިދާޅުވި އެވެ. ސްނޯޑެން ރަޝިޔާގެ ވަގުތީ ޙިމާޔަތަށްއެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ރަޝިޔާގެ ފެޑްރަލް އިމިޤްރޭޝަނާ ބެހޭ އިދާރާއަށް ރަސްމީ ސިފައެއްގައި އެތަކެތި އިއްޔެ ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެތަށް ގައުމަކާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދިޔަ ޖާސޫސީ ޙަރަކާތްތައް ބޭޒާރުކޮށްލި ސްނޯޑެންއަކީ އެމެރިކާގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި އެގައުމުގެ ގައުމީ ސަލާމަތާބެހޭ އެޖެންސީގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެމެރިކާ އިން ސްނޯޑެންގެ ޕާސްޕޯޓް ކެންސަލް ކުރުމުން އެއްވެސް އެހެން ގައުމަކަށް ނުދެވި ރަޝިޔާގެ ވެރިރަށް މޮސްކޯގެ ޝިރްމިތިވޯ އެއަރޕޯޓްގެ ޓްރާންސިޓް ސަރަހައްދުގައި އޭނާ ތާށިވެފައި ހުންނަވާތާ މިހާރުވަނީ އެތަށް ހަފްތާއެއްވެފައިވެ އެވެ. އެސަރަހައްދުގައި ހުންނަވައިގެން ސްނޯޑެން އިއްޔެ ވަނީ އޭނާގެ ޙިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމާ ބައްދަލުކުރައްވާފަ އެވެ.

ރަޝިޔާގެ ޙިމާޔަތަށް އެދުމަށް ފަހު އިއްޔެ ސްނޯޑެން ވިދާޅުވީ އޭނާ ރަޝިޔާގެ ކިބައިން އެދެނީ ލެޓިން އެމެރިކާއަށް ދެވެންދެން ރަޝިޔާގައި މަޑުކުރުމަށް ބޭނުންވާ ވަގުތީ ޙިމާޔަތެއް ކަމުގަ އެވެ. ލެޓިން އެމެރިކާގެ ތިން ގައުމެއް ކަމަށްވާ ނިކަރާގުއާ އާއި ބޮލީވިޔާއާއި ވެނެޒުއެލާ އިން ސްނޯޑެންއަސް ޙިމާޔަތް ދިނުމަށް ތައްޔާރަށް އޮތްކަން އެގައުމުތަކުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ސްނޯޑެން އަށް ޙިމާޔަތް ލިބެންއަންނަނީ އެގައުމުތަކަށް އޭނާ އަށް ދެވިގެންކަމަށް ރިޕޯޓްތައް ބުނެ އެވެ. ސްނޯޑެން ހައްޔަރުކުރުމުގެ އަމުރެއް އެމެރިކާ އިން ވަނީ ނެރެފަ އެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުން މިކަމުގައި އެމެރިކާ އަށް އެއްބާރުލުމެއް ނުދެ އެވެ. (ނޫސްއެޖެންސީތައް)