17 Jul 2013, 10:06
ދިރާގު ދިވެހި ލީގުގެ ލީގު ތާވަލުގައި ރޭ ކްލަބް ވެލެންސިޔާ ކޮޅަށް، އަލީ އަޝްފާގު (ދަގަނޑޭ) ޖަހައިދިން ދެލަނޑުން، 2-0ން މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ލީގު ތާވަލުގައި އެ ކްލަބް ދަމަހައްޓަމުން އަންނަ ލީޑު އިތުރަށް ފުޅާ ކޮށްފި އެވެ.
ލީގުގައި މިހާތަނަށް ނިއު ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު އެ ކްލަބަށް ވަނީ 51 ޕޮއިންޓް ލިބިފަ އެވެ. އަދި ލީގުގައި މިހާތަނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ލީގު ނިންމާލި ވީބީ އައްޑޫ އެފްސީ 2010 ވަނަ އަހަރު ގާއިމް ކޮށްފައިވާ 53 ޕޮއިންޓުގެ ރެކޯޑް މުގުރައިލާން ނިއުއަށް މިހާރު ބޭނުންވަނީ އެންމެ 3 ޕޮއިންޓެވެ. ނިއުއަށް ލީގުގައި ބާކީ އަދި ދެ މެޗު ކުޅެން ޖެހެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު އަޝްފާގު ކާމިޔާބު ކުރީ މެޗުގެ ފަސް ވަނަ މިނިޓުގަ އެވެ. އޭނާ އެ ކަނޑު ކާމިޔާބު ކުރީ މުހައްމަދު އުމެއިރު ތަނަވަސްކޮށްދިން ފުރުސަތެއް ވެލެންސިޔާގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފުގައި ނިއުއިން އިތުރު ލަނޑު ޖަހާނޭ ފުރުސަތުތައް ތަނަވަސް ކުރިނަމަވެސް ވެލެންސިޔާގެ ގޯލަށް އިތުރު ބޯޅައެއް ވައްދައި ނުލެވި އެ ހާފް ނިމުނީ 1-0ން ނިއު ކުރީގައި އޮވެގެންނެވެ.
ރޭގެ މެޗުގެ ދެވަނަ ލަނޑު ދަގަނޑޭ ކާމިޔާބު ކޮށްދިނީ 57 ވަނަ މިނިޓްގައި އުމެއިރު ވެލެންސިޔާ ހާފްތެރެއިން ދަގަނޑޭއަށް ދިން ޕާހެއް، ވެލެންސިޔާގެ ޑިފެންޑަރާއި ގޯލްކީޕަރުވެސް ކަޓުވާލާފައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ. އެ ލަނޑާއެކު ދަގަނޑޭ ޖެހި ލަނޑުގެ އަދަދު 2009 ވަނަ އަހަރު އޭނާ ގާއިމްކުރި 39 ލަނޑުގެ ރެކޯޑާ މިހާރު ހަމަވީ އެވެ.
ރޭގެ މެޗުން ބަލިވުމުން ވެލެންސިޔާ އޮތީ 21 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. 34 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތް އިރު 17 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮތީ ކްލަބް އީގަލްސް އެވެ.
ދިވެހި ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑު އެވެ. އެ މެޗުގައި ވާދަކުރާނީ، 23 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޮތް ބީޖީ ސްޕޯޓްސް އާއި، 18 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ. މެޗު ފަށާނީ ރޭގަނޑު 10:00ގަ އެވެ.