17 Jul 2013, 10:02
ފާއިތުވި ކޮންމެ އަހަރަކު ރޯދަމަހާ އެކު ބާޒާރުގެ ތަކެތީގެ އަގު އެތައް ގުނައެއް އުފުލެ އެވެ. އާއްމުކޮށް ރޯދަމަހާ އެކު އަގުތައް މައްޗަށް ދަނީ ކާބޯތަކެތީގެ ބާވަތްތަކުންނެވެ. މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ބާޒާރުގައި ވިއްކި ބައެއް ތަކެތީގެ އަގު ރޯދަ މަސް އައުމާ އެކު ވަނީ 50 ޕަސެންޓަށް ވުރެ ބޮޑުވެފަ އެވެ. ތަކެތީގެ އަގު ބޮޑުވި އިރު ބައެއް ބާވަތްތައް ވަނީ ހުސްވެފަ އެވެ.
މިފަހަރު ރޯދަމަސް ފެށުނު އިރު އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ފިޔަ އާއި އަލުވި އަދި ބިހުގެ އަގު ވަނީ އެތައް ގުނައެއް ބޮޑުވެފަ އެވެ. އޭގެ އިތުރުން ކަނޑުމަހުގެ ބާވަތްތަކާއި މޭވާ އާއި ތަރުކާރީގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
ރޯދަމަހުގެ ބައެއް ބާވަތްތަކުގެ އަގު މައްޗަށް ދިޔަ ނުދިނުމަށް އެސްޓީއޯ އާއި އަމިއްލަ ބައެއް ވިޔަފާރިވެރިން ވެސް ރޯދައަށް ބޭނުންވާ ތަކެތި އެތެރެކޮށްފައިވެ އެވެ. ނަމަވެސް ރޯދަމަސް ފެށުމާ އެކު އާއްމުކޮށް ބޭނުންކުރާ ގިނަ ބާވަތްތައް މަދުވެ އެތަކެތީގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. ހާއްސަކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު ވަނީ 50 ޕަސެންޓަށްވުރެ މައްޗަށް އަރައިފަ އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލްކޮށް ވިޔަފާރިކުރާ ރެޑްވޭވް ފިހާރައިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މިފަހަރު ރޯދައާ ދިމާކޮށް ފިޔާ އަލުވި އަދި ބިހުގެ އަގު މައްޗަށްދިޔައީ އެތަކެތި އާއްމުކޮށް އެތެރެކުރާ ފަރާތްތަކުން މާބޮޑު ސަމާލުކަމެއް ނުދިނުމުން ކަމަށެވެ.
"އަޅުގަނޑަށް ހަމަކެރިގެން ބުނަން ކެރޭ މިފަހަރުގެ ވިޔަފާރިވެރިންގެ ސަޕޯޓް ނެތީއޭ. ރެޑްވޭވް އެކަންޏެއް ތަކެތީގެ އަގުހެޔޮނުކުރެވޭނެ. ބާޒާރުމަތީގައި ވިޔަފާރިކުރާ ބޮޑެތި ވިޔަފާރިވެރިންގެ އެހީތެރިކަން ނެތި މިކަމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ބާޒާރުމަތީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނިތަކުން ރޯދައާ ދިމާކޮށް ފިޔާ އަލުވި އަދި ބިސް އެތެރެކުރި ނަމަ އެ ތަކެތީގެ އަގު އެހާ ބޮޑުނުވާނެ ކަމަށެވެ.
"އަމިއްލަ ބޯޓު ފަހަރު ގެންގުޅޭ ކުންފުނިތަކުން އިންޑިއާ އިން ފިޔާ، ބިސް، އަލުވި ގެނައި ނަމަ ފިޔާ ކިލޯއެއްގެ އަގު 40ރ. އަކަށް ނާރާނެ. އެހެން ނަމަވެސް އާއްމުކޮށް މިދިޔަ އަހަރު ވިއްކި އަގަށް، ހެޔޮކޮށް ބައެއް ބާވަތްތައް މިހާރު ވެސް ރެޑްވޭވުން ވިއްކަނީ،" އޭނާ ބުންޏެވެ.
ރެޑްވޭވުން ބުނީ މިފަހަރުގެ ރޯދައާ ދިމާކޮށް ކުކިން އޮއިލް ދެ ލީޓަރު ފުޅީގެ ހަ ކޮންޓެއިނަރު ގެނައި ކަމަށެވެ. އަދި ކުރިން 55ރ.އަށް ވިއްކި ދެ ލީޓަރުގެ ތެޔޮ ފުޅިއެއް 45ރ. އަށް ހެޔޮކޮށްފައިވާ ކަމަށް ވެސް އެ ފިހާރައިން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތިން ފިހާރަައަށް ދުވާލަކު 50 ބަސްތާ ފިޔާ އަދި 50 ކޭސް ބިސް ގުދަނުން ދޫކުރަން. ނަމަވެސް އެއީ އަޅުގަނޑުމެންް ބޭނުންވާ މިންވަރެއްނޫން. އަޅުގަނޑުމެން ވެސް މި ވިއްކަނީ ރޯދައަށް އަމިއްލައަށް އެތެރެކޮށްގެން،" އެ އޮފިޝަލް ބުންޏެވެ.
ބާޒާރުގައި ފިޔާ ކިލޯ އެއްގެ އަގު 40ރ. އަށް މިހާރު އުފުލިފައިވާ އިރު އެސްޓީއޯ އާއި ރެޑްވޭވްއިން ފިޔާ ކިލޯއެއް ވިއްކަނީ 10ރ. އަށެވެ. އެކަމަކު ލިމިޓިކޮށް މީހަކަށް ކިލޯއެކެވެ.
އެސްޓީއޯ އިން ގެނައި ފިޔާ ރަށު ތެރޭގެ ބައެއް ފިހާރަތަކުން ހޯލްސޭލްކޮށް ގަނެގެން ބޮޑު އަގުއަގުގައި ވިއްކަމުންދާތީ އެ ކުންފުނިން ވަނީ ފިޔާ ވިއްކުން ކޮންޓްރޯލްކޮށްފަ އެވެ.
"އަޅުގަނޑުމެން ރޯދަމަހަށް ގެނައި ފިޔާ ޝިޕްމަންޓް ޕާޓްނާޝިޕް ވިޔަފާރިވެރިންނަށް ހޯލްސޭލް ކުރަމުން ގެންދިޔައީ. އެ ފަރާތްތަކަށް ޕްރޮފިޓް މާޖިންއެއް ލާފައި ވިއްކޭ އަގެއްގައި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން ޝަކުވާ ލިބިފައިވޭ، ހޯލްސޭލްކޮށް އެސްޓީއޯ އިން ގަތުމަށް ފަހު ވިޔަފާރިވެރިން އަގުބޮޑުކޮށް ފިޔާ ވިއްކަމުންދާ ވާހަކަ،" އެސްޓީއޯގެ ޑިރެކްޓަރު އިބްރާހީމް ޝަރީފް ދާދިފަހުން ވިދާޅުވި އެވެ. "މިހާރު ގެނެސްފައި ހުރި ފިޔާ ޝިޕްމަންޓް ހުސްވާން ކައިރިވެފައި ހުރުމުންނާއި އަދި ބާޒާރުގައި އަގު ބޮޑު ވުމުގެ ސަބަބުން އަޅުގަނޑުމެން މިހާރު މިވަނީ ހޯލްސޭލް ކުރުން ހުއްޓާލައިފައި. އެހެން ނަމަވެސް އެސްޓީއޯ ސްޕަމާޓާއި އަދި އެސްޓީއޯ އަތޮޅުތަކުގެ ފިހާރަތަކުން މިހާރު ވެސް ވަކިވަކި ފަރުދުންނަށް ކިޔުޖެހިގެން ދޫކުރާ އުސޫލުން ފިޔާ އަގުހެޔޮކޮށް ގަންނަން ލިބޭނެ."
ޝަރީފް ވިދާޅުވީ، އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ތަކެތި ވީހާވެސް ހެޔޮ އަގެއްގައި ފޯރުކޮށްދެވޭތޯ ކަމަށާއި އެގޮތުން މި މަހުގެ 21 ވަނަ ދުވަހު، ފިޔާގެ އާ ޝިޕްމަންޓެއް އެސްޓީއޯއަށް ގެންނާނެ ކަމަށެވެ.
ބާޒާރުމަތީ ފިހާރައަކުން ވާހަކަ ދެއްކި މީހަކު ބުނީ މިފަހަރު ރޯދައާ ދިމާކޮށް ތަކެތީގެ އަގު މައްޗަށް ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ޑޮލަރު ލިބުން ދަތިވުން ކަމަށެވެ.
"މިފަހަރު ރޯދަސް އައިރު ޑޮލަރުގެ އަގު 17.50ރ. އަށް ހުރީ. އެހެންވެ މިފަހަރު މުދާ ގެނައި އަދަދު މަދުވެފައި ވަނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރިން ބޭންކު ތެރެއިން އަޅުގަނޑުމެންނަށް ޑޮލަރު ގަންނަން ލިބޭތޯ. ނަމަވެސް އެކަން ކާމިޔާބުނުވީމަ ބޮޑު އަގުގައި ޑޮލަރު ގަނެގެން އެންމެ ފަހު ވަގުތު މުދާ އެތެރެކުރީ،" އޭނާ ބުންޏެވެ.
ރޯދަމަސް އައިއިރު މިފަހަރު ބާޒާރުގައި އެންމެ ބޮޑަށް އަގު ހެޔޮވެފައި ވަނީ އޮރެންޖެވެ. ކުރިން ފަސް ރުފިޔާ އަށް ވިއްކި އޮރެންޖެއްގެ އަގު ވަނީ ދެ ރުފިޔާ އަށް ހެޔޮވެފަ އެވެ.
މާލޭ ތެރޭގައި ހިންގާ ކުޑަ ފިހާރައެއްގެ ސޭޓަކު ބުނީ އޮރެންޖް އަގުވެފައި ވަނީ ހޯލްސޭލްކޮށް އޮރެންޖް ވިއްކާ ތަންތަނުން ގެނައި އަދަދު އިތުރުވުމުން ކަމަށެވެ.
"އެކަމަކު ރޯދަމަސް ނިމެންދެން މިއަގުގައި ވިއްކޭނެ ހެނެއް ހިއެއްނުވޭ. ރޯދަމަސް ފެށުނު އިރު ވެސް އޮރެންޖްގެ އަގު ވަނީ ހެޔޮވާން ފަށާފައި،" އޭނާ ބުންޏެވެ.
ރޯދަމަހުގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ އަސާސީ ދިހަ ބާވަތެއްގެ އަގު ބޮޑުވިޔަ ނުދިނުމަށް އެސްޓީއޯ އާއި ސަރުކާރުގެ ކުންފުނިތަކާ އެކު މަޝްވަރާކުރި ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
ސަންއާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިދިޔަ ހަފުތާގައި ވިދާޅުވީ ރޯދަމަހުގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ އަސާސީ ދިހަ ބާވަތެއްގެ އަގު ބޮޑުވިޔަ ނުދިނުމަށް އެސްޓީއޯ އާއި ސަރުކާރުގެ މަސް ކުންފުނިތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އަހުމަދު ވިދާޅުވީ އެސްޓީއޯ އާއި ފެލިވަރު ފިޝަރީޒް އަދި ކޫއްޑޫ އާއި މިފްކޯ އަދި އަމިއްލަ މަސް ކުންފުނިތަކުން ރޯދަ މަހު މެދުނުކެނޑި މަހުގެ ބާވަތްތައް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާކުރަމުން އަންނަ ކަމަށާއި އެސްޓީއޯގެ ޕާޓްނަރުންގެ ގޮތުގައި ތިބި 200 ފިހާރައިން މަހާއި އަސާސީ ބާވަތްތައް އެއް އަގެއްގައި މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރޯދަމަހާ އެކު މާލޭގެ މަސްމާރުކޭޓުގައި މަހުގެ ބާވަތްތަކުގެ އަގު ވެސް ވަނީ އިންތިހާއަށް އުފުލިފަ އެވެ. މިއީ ފަހަކަށް އައިސް ކޮންމެ ރޯދަމަހެއްގެ ވެސް އާއްމުކަމަކަށް ވަނީ ވެފަ އެވެ. ބާޒާރުގައި ތަކެތީގެ އަގު ހެޔޮކުރެވޭނީ ވިޔަފާރިވެރިން އެކަމަށް މަސައްކަތްތަކެއްކޮށްގެންނެވެ. މިދިޔަ އަހަރު އެ މަންޒަރު ފެނުނު ނަމަވެސް މިފަހަރު ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން އެކަމެއް ނުފެނެ އެވެ.