އިނާޔަތްތަކާއެކު ސްޓެލްކޯގެ ވަޒީފާއިން ވަކިވުމަށް ހުޅުވައިލި ފުރުސަތުގައި ވަކިކުރި 38 މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި ސްޓެލްކޯއިން އެއްބަސްވެފައިވާ ގޮތާ ހިލާފުވެ އޮޅުވާލާފައިވާ ކަމަށް އޭގެތެރެއިން ބައެއް މުވައްޒަފުން ބުނެފި އެވެ.  


ސްޓެލްކޯ ރިޑަންޑަންސީ ޕެކްޖެގެ ދަށުން ވަކި ކުރި ބައެއް މުވައްޒަފުން ބުނީ ރިޑަންޑަންސީ ޕެކެޖެއްގެ ދަށުން ވަކިވުމުގެ ފުރުސަތުގެ ތެރެއިން ވަޒީފާއިން ވަކި ކުރި އިރު ހުށަހެޅި އިގްރާރުގައި ކުރިން ވާހަކަ ދެކެވިފައި ނުވާ ދެ ކަމެއް ހިމަނައި ސްޓެލްކޯއިން އޮޅުވާލާފައިވާ ކަމަށެވެ.


"ވަކިކުރުމުގެ އިގުރާރެއް ދިން އިރު އޭގައި އޮންނަނީ ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި ސްޓެލްކޯގެ ވަޒީފާއަކަށް ކުރިމަތި ނުލެވޭނެ ކަމަށް. އޭގެ އިތުރުން  ބުނެފައި އޮންނަނީ ވަކިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތިއޭ. އެކަމަކު މީގެ ތެރެއިން ގިނަ މުވައްޒަފުންނަކީ މަޖުބޫރު ކުރުވައިގެން ވަކިވި މީހުން،" ސްޓެލްކޯއިން ހުށަހެޅި އިގްރާރުގައި ސޮއިކުރަން ދެކޮޅު ހަދާފައިވާ މުވައްޒަފަކު ބުންޏެވެ.
ސްޓެލްކޯ ރިޑަންޑަންސީ ޕެކޭޖްގެ ދަށުން ވަޒީފާއިން ވަކިވާ މުވައްޒަފުންގެ އިގްރާރުގެ އެއްވަނަ ނަމްނަރުގައި ބުނަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ތައާރަފުކޮށްފައިވާ ރިޑަންޑަންސީ ޕެކޭޖްގެ ދަށުން  4 ނޮވެމްބަރު 2010ގައި ސްޓެލްކޯގެ ވަޒީފާއިން ވަކިވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް ނެތި އަމިއްލައަށް ގަބޫލު ކޮށްގެން އެކަމަށް އެދިގެން ކަމަށެވެ.


އިގްރާރުގެ ދެ ވަނަ މާއްދާގައި ބުނަނީ ރިޑަންޑަންސީ ޕެކޭޖްގެ ދަށުން ސްޓެލްކޯގެ ވަޒީފާއިން ވަކިވުމަށްފަހު ވަކިވި ތާރީހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް ސްޓެލްކޯގެ އެއްވެސް ވަޒީފާއަކަށް ކުރިމަތި ނުލާނެ ކަމަށާއި ކުރިމަތި ލީނަމަވެސް މި މުއްދަތުގައި ވަޒީފާ ނުލިބޭނެ ކަމަށް އިގްރާރުވާ ކަމަށެވެ.


ވަޒީފާއިން ވަކި  ކުރި ބައެއް މުވައްޒަފުން ބުނީ ވަޒީފާއިން ވަކިކޮށްފައި ވަނީ މަޖުބޫރު ކަމެއް ނެތި ކަމަށް، ސޮއި ކުރުމަށް އިގްރާރެއް ހުށަހަޅާފައިވާއިރު ވަކިކޮށްފައި ވަނީ ސްޓެލްކޯގެ މެނޭޖްމެންޓުން ގިނަ މުވައްޒަފުންނަށް މަޖޫބުރުކޮށް، އަދި ބައެއް މުވައްޒަފުން ބަކީވާ ގޮތަށް ވަޒީފާގެ މަސްއޫލިއްޔަތަށް ބަދަލުގެނެސް ހެދުމުން ކަމަށެވެ. އަދި  ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި ސްޓެލްކޯގެ ވަޒީފާއަށް ކުރިމަތި ނުލެވޭނެ ކަމަށް އޮންނަ އޮތުމަކީ ކުރިން ބުނެފައިވާ ވާހަކައެއް ނޫން ކަމަށް ވެސް އެ މީހުން ބުނެ އެވެ.


‹ސްޓެލްކޯއިން މިކަމުގައި އެއްވެސް ފޮރުވުމެއް، އަދި މަޖުބޫރު ކަމެއް ވެސް ނުގެންގުޅޭ›


ވަކި ކުރި މުވައްޒަފުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނިމާލު ބުނީ ވަކި ކުރި ގިނަ މުވައްޒަފުންނަކީ މަޖޫބޫރުކޮށްގެން ޕެކެޖްގައި ބައިވެރި ކުރުވި މީހުން ކަމަށާއި އޭނާ ވަޒީފާއިން ވަކި ކުރީ ވެސް މެނޭޖްމެންޓުން މަޖުބޫރު ކުރުވައިގެން ކަމަށެވެ.


"އަޅުގަނޑަކީ މާކެޓިން ދާއިރާއިން ކިޔަވައިގެން އައިސް ހުރި މީހެއް. އަޅުގަނޑާ މަސައްކަތް ހަވާލު ނުކޮށް  ބެހެއްޓުމަށް ފަހު ފޮނުވަލީ ތިލަފުށީ އިންޖީނުގެއަށް. އެއާއެކު މެނޭޖްމަންޓުން އެންގި ޕެކެޖްގައި ބައިވެރިވެ ވަޒީފާއިން ވަކިވުމަށް،" ޑިޕިއުޓީ މެނޭޖަރު ގްރޭޑް އެކެއްގެ މަގާމުގައި ހުރި ނިމާލު ބުންޏެވެ.


ޕެކެޖްގެ ދަށުން ވަކި ކުރި ބައެއް މުވައްޒަފުން ބުނީ މި މައްސަލައިގައި ސްޓެލްކޯއިން އޮޅުވައިލުންތަކެއް ގެންގުޅެފައިވާތީ އެކަމާ ބެހޭ ގޮތުން ޝަރުއީ މަރުހަލާއަކަށް ދިއުމަށް ވިސްނާ ކަމަށެވެ.


"އަޅުގަނޑު ވެސް މިދަނީ ގާނޫނީ ވަކީލުންނާ މިކަމުގައި ވާހަކަ ދައްކަމުން،" ނިމާލު ބުންޏެވެ.


ސްޓެލްކޯގެ ޑިޕިއުޓީ މެނޭޖަރު އަބަދުﷲ ނާޒިރު މިއަދު ވިދާޅުވީ ޕެކެޖްގެ ދަށުންވީ ވަކިވާ މީހުންގެ ތެރެއިން ބައެއް ފަރާރަތަކުން އިގްރާމެދު ހިތްހަމަ ނުޖެހުންތަކެއް އުޅޭކަމަށް އެނގިވަޑައިގެންފައިވާ ކަމާށާއި އެހެން ނަމަވެސް ރިޑަންޑަންސީ ޕެކެޖްގައި އެއްވެސް މުވައްޒަފު ބައިވެރިކޮށް ވަޒީފާއިން ވަކި ކުރުމަށް އެއްވެސް ވަރަކަށް މަޖޫބޫރުކޮށް ޕެކެޖްގެ އެއްވެސް ކަމެއްގައި އޮޅުވައިލާފައި ނުވާނެ ކަމަށެވެ.


"މިއަކީ ވަކި ބަޔަކަށް ވަކި ލެވެލަށް ތައާރަފު ކުރި ކަމެއް ނޫން. މީގައި ބައިވެރިވި ގްރުޖްއޭޓުން ވެސް. މަތީ މަގާމުތަކުގެ ބޭފުޅުން ވެސް. ސްޓެލްކޯއިން މިކަމުގައި އެއްވެސް ފޮރުވުމެއް، އަދި މަޖުބޫރު ކަމެއް ވެސް ނުގެންގުޅޭ،" ނާޒިރު ވިދާޅުވި އެވެ.


ސްޓެލްކޯގެ ރިޑަންޑަންސީ ޕެކޭޖްގެ ދަށުން ވަކިވާ މުވައްޒަފުންނަށް އެ ޕެކޭޖުން ލިބޭނީ މުޅިން ވެސް ފައިސާގެ އިނާޔަތްތަކެވެ.  އެއީ އެ މީހަކު ވަޒީފާ އަދާކުރި މުއްދަތާއި އެ މީހަކު މިހާރު ހުރި މަގާމުން ލިބޭ މުސާރައިގެ މައްޗަށް ބިނާވެފައިވާ ޕެކޭޖެކެވެ.