ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ވެރިކަމެއްގައި 65 އަހަރުން މަތީގެ މީހުންނަށް މިހާރު ދެމުންގެންދާ ފައިސާގެ އިނާޔަތުގެ އިތުރުން ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތަކުން އެމީހުންނަށް ލުޔެއް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ދީނާއި ގައުމިއްޔަތުގެ ސިޔާސަތު އިފްތިތާހު ކުރުމަށް މިރޭ ކ. ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އަޅާލާނެ މީހަކު ނެތިފައި ތިބި އުމުރުން ދުވަސްވީ މީހުން ހޮސްޕިޓަލްތަކުގައި އެބަތިބި ކަމަށާއި ކޯލިޝަންގެ ވެރިކަމެއްގައި އެމީހުންނަށް އަޅާލާނެ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ހުރިހާ ޚިދުމަތަކުން ލުޔެއް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ހޯދުމަށް އަންނަ އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭނެ ނިޒާމެއް ގާއިމްކޮށް ފީ ނަގައިގެން ދޭ ޚިދުމަތްތަކުން އުމުރުން ދުވަސްވީ މީހުންނަށް ލުއިގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޯލިޝަންގެ ސަރުކާރުގެ އަމާޒަކީ ސުލްހަވެރި އަމާން ގައުމެއް ބިނާކުރުން ކަމަށާއި އެހެންކަމުން އެލަނޑުދަނޑި ހާސިލްކުރުމަށް ޓަކައި ގާނޫނަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނަށް ކިޔަމަންވާ މުޖުތަމައުއެއް ބިނާކުރައްވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ މީހުންނަކީ އިހްތިރާމް ލިބޭ ބަޔަކަށްވާންޖެހޭނެ ކަމަށާއި އެގޮތުން ފުލުހުންނާއި ސިފައިން އަދި ޓީޗަރުން ފަދަ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް އިހްތިރާމް ކުރާ މުޖުތަމައުއެއް ބިނާ ކުރައްވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި ގާނޫނު އަސާސީ ނަގަހައްޓައި ރާއްޖޭގައި ގާނޫނީ ހުކޫމަތު ދަމަހައްޓާނެ ކަމަށާއި އެމަނިކުފާނަކީ ޗާޓުން ބޭރުން ގާނޫނު އަސާސީގެ މައްޗަށް ވެރިވެގަންނާނެ ބޭފުޅެއް ނޫން ކަމަށެވެ.

ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކަކީ މިނިވަންތަނެއްގެ ގޮތުގައި ބާއްވާނެ ކަމަށާއި ކޯލިޝަންގެ ވެރިކަމެއްގައި ޝަރުއީ ކޯޓުތަކަށާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"ޑިމޮކްރެސީގެ އާދަކާފަތައް ސުކޫލް ކުދިންނަށް ކިޔަވައިދޭނަން. ސަރުކާރާ އެކިއެކި މުއައްސަސާތަކުގައި ޑިމޮކްރެސީގެ އާދަކާދަތައް ގާއިމް ކުރާނަން." ވަހީދު ވިދާޅުވި އެވެ.

ދިވެހީންގެ ދީނީ އަގީދާ ވަރުގަދަ ކުރުމަށްޓަކައި ސްކޫލްތަކުގައި އިސްލާމް މާއްދާ ކިޔަވައިދޭ އުސޫލު ބަދަލުކޮށް ޓީޗަރުންނަށް އިތުރު ތަމްރީނު ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި ޓީޗަރުންނަށް ކިޔަވައިދޭ ދީނީއިލްވުވެރީންނަށް ވެސް ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުގައި އިތުރަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށް ރިސާޗްހެދޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.