17 Jul 2013, 00:08
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމަށް އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ނިންމައިފި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިރޭ 12 ޖެހި އިރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން "އެންމެ ހަރުދަނާ" ކެމްޕެއިނެއް ކުރަނީ އެ ޕާޓީން ކަމަށް ވާތީ ކަމަށެވެ.
އަދި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ގައުމުގެ އެންމެ މަތީ މަސްލަޙަތުތައް ޙިމާޔަތް ކުރުމަށް ޓަކައި ބޭރުގެ ނުފޫޒުތަކުން އެއްކިބާވެގެން މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ބޭފުޅަކީ ވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ކަމަށް އިމްރާން ވިދާޅުވި އެވެ.
"މި މުހިއްމު ބުރަ ޒިންމާ އަދާކުރުމަށް މިހާރު ކުރިމަތި ލައްވައިގެން ތިއްބެވި ކެންޑިޑޭޓުންނަށް ބަލާއިރު އެންމެ ފުރިހަމަ އަށް ތައްޔާރުވަމުންދާ އަދި މި އިންތިޚާބު ކާމިޔާބު ކުރެވޭ ފަދަ ހަރުދަނާ ކެމްޕޭނެއް ހިންގަވާ އަދި ކާމިޔާބުވެއްޖެ ނަމަ ގައުމުގެ އެންމެ މަތީ މަސްލަޙަތުތައް ޙިމާޔަތް ކުރުމަށް ޓަކައި ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ، މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ފަރާތަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮންރަބްލް ޤާސިމް އިބްރާހީމް ކަމުގައި ޢަދާލަތު ޕާޓީ އަށް ޤަބޫލުކުރެވޭތީ ޖުމްހޫރީ ޕާޓީއާ އެކު 2013ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަންހަދަން ނިންމައިފީމެވެ." މީޑިއާގެ ކުރިމަތީގައި އަދާލަތު ޕާޓީގެ ބަޔާން އިއްވަމުން އެ ޕާޓީގެ ރައީސް އިމްރާން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައި ވަނީ ކިތައް މެންބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި ކަމެއް އަދި ކިތައް މެންބަރުންގެ އަގުލަބިއްޔަތުން ކަމެއް އިމްރާން މިރޭ ވިދާޅެއްނުވެ އެވެ. އަދި ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތެއް ވެސް ދީފައެއްނުވެ އެވެ.
މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އަދާލަތުން ފުރަތަމަ ކޯލިޝަން ހެދީ ރައީސް ޑރ. މުހައްމަދު ވަހީދު ލީޑްކުރައްވާ "ގައުމާއިގެން ކުރިއަށް" ކޯލިޝަނާ އެވެ. ނަމަވެސް "އަޑިނޭނގޭ" ކަންތައްތަކެއް އެ ކޯލިޝަން ތެރޭގައި ހިނގާ ކަމަށް ބުނެ އަދާލަތުން ވަނީ އެ ކޯލިޝަނުން ވަކިވެފަ އެވެ.
ދެ ހާސް އަށް ވަނަ އަހަރު ޖުމްހޫރީ ޕާޓީ އާ އެކު ކޯލިޝަން ހެދި އިރު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ގާބިލުކަން ސިފަކުރައްވައި އަދާލަތު ޕާޓީގެ އޭރުގެ ތަރުޖަމާން އަދި މިހާރުގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "ހަތަރު އަނބިން ކޮންޓްރޯލްކުރެވޭ މީހަކު ގައުމު ކޮންޓްރޯލްކުރެވޭނެ" ކަމަށެވެ.