ޤާހިރާ (ޖުލައި 16): މިސްރުގެ އައު ސަރުކާރުގެ ބޮޑުވަޒީރާއި ކެބިނެޓްގެ މެންބަރުން މަޤާމުގެ ހުވާކުރައްވައިފި އެވެ.

މަޤާމުގެ ހުވާކުރެއްވީ ވަގުތީ ރައީސް ކަމުގެ މަގާމު އަދާކުރައްވާ ދަސްތޫރީ ކޯޓުގެ އިސްފަނޑިޔާރު ޢަދްލީ މަންސޫރުގެ ކުރިފުޅުމަތީގައި ކަމަށް މިސްރުގެ ރިޔާސަތުން ބުނެ އެވެ. މިއީ، މަޤާމުން ދުރުކޮށްފައިވާ ރައީސް ޑރ. މުޙައްމަދު މުރުސީގެ ސަރުކާރު އުވާލައި މިސްރަށް އިންތިޤާލީ މަރްޙަލާއެއް ގެނައިކަން ސިފައިން އިޢްލާން ކުރުމަށް ފަހު އުފެއްދި އިންތިޤާލީ ސަރުކާރެކެވެ. މިސަރުކާރުގެ މައިގަނޑު މަޤްސަދަކީ މިސްރުގައި އުފެދިފައި ސިޔާސީ ގަޑުބަޑުތައް ނިމުމަކަށް ގެނަސް ވާދަވެރި ސިޔާސީ ފަރާތްތަކުގެ މެދުގައި ދާޚިލީ ސުލްޙައެއް ޤާއިމް ކުރުމާއި ހީނަރުވަފައިވާ އިޤްތިސާދު އަލުން ކޮޅަށް ޖެހުން ކަމަށް ޚަބަރުލިބެ އެވެ.

މިސްރުގެ އައު ސަރުކާރުގެ ކެބިނެޓްގައި 35 ވަޒީރަކު ހިމެނޭއިރު މީގެތެރޭގައި މަޤާމުން ދުރުކޮށްފައިވާ ރައީސް ޑރ. މުރުސީގެ ސަރުކާރުގައި ހިމެނޭ ހަތް ވަޒީރަކާއި ހުސްނީ މުބާރަކްގެ ދުވަސްވަރުގެ ވަޒީރަކު ވެސް ހިމެނޭ ކަމަށްވެ އެވެ. މިސްރުގެ އައު ސަރުކާރުގެ ބޮޑުވަޒީރަކީ އިޤްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ ޑރ. ޙާޒިމް އަލް ބިބްލާވީ އެވެ.
އައު ސަރުކާރުގައި ބޮޑުވަޒީރުގެ ތިން ނައިބުން ތިއްބަވާއިރު މީގެ ތެރޭގައި މުރުސީގެ ސަރުކާރުގެ ވެސް ދިފާޢީ ވަޒީރަކަށް ހުންނެވި ސިފައިންގެ ކޮމާންޑަރު ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ ހިމެނިވަޑައިގަންނަވަ އެވެ. މުރުސީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހުންނެވީ ޖެނެރަލް އައްސީސީ އެވެ. (އަލްޖަޒީރާ)