ޖުމްހޫރީ ޕާޓީގެ ދެވަނަ ގައުމީ ކޮންފަރެންސް މިރޭ ފަށައިފި އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ކޮންފަރެންސްގައި 35 ގޮތްޕެއްގެ މަންދޫބުންނާ އެކު މުޅި އެކު 399 މަންދޫބުން އެ ކޮންފަރެންސްގައި ބައިވެރިވާ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީ ކޮންފަރެންސް ފެށުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ކޮންފަރެންސްގެ ޗެއާޕާސަން ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އެ ޕާޓީ އަށް އަލަށް ގުޅިފައިވާ މެންބަރުން އިލެކްޝަންސް ކޮމިޝަނުގައި އަދި ރަޖިސްޓްރީ ކޮށްފައި ނުވާތީ އަލަށް އުފައްދާފައިވާ ގާތްގަނޑަކަށް 250 ގޮފި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ނުކުރެވުނު ކަމަށެވެ. އެހެން ކަމުން މިރޭ ފެށި ކޮންފަރަންސްގައި އެ ގޮފިތަކުން ބައިވެރިނުވާ ކަމަށާއި އަލަށް އުފެއްދި ގޮފިތަކުގެ މަންދޫބުން ހިމަނައިގެން މިއަހަރު ތެރޭގައި ގައުމީ ކޮންފަރެންސެއް އަދި ބާއްވަން މަސައްކަތް ކުރައްވާކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މިރޭ ފެށި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ އަސާސީ ގަވާދު އިސްލާހު ކުރުމާއި އެ ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުން އިންތިހާބު ކުރުމެވެ. އެ ޕާޓީގެ އަސާސީ ގަވާއިދަށް 40 އިސްލާހެއް ހުށަހެޅިފައިވާ އިރު ލީޑަރު ކަމަށް އެއް ބޭފުޅަކު އަދި ނައިބު ލީޑަރު ކަމަށް ނުވަ ބޭފުޅަކު ވަނީ ކުރިމަތި ލައްވާފަ އެވެ.