ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަބްދުﷲ ރިޔާޒު އައްޔަން ކުރެއްވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު "ލިޔެކިޔުމުގެ ޖަރީމާއެއް" ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލާގައި ޖަމީލު ކޮމެޓީއަށް ހާޒިރު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ދެކޮޅު ހަދައިފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ޖަމީލު ހާޒިރު ކުރަން ވޯޓަށް އެހުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ކޮމެޓީގެ މެންބަރުންނަށް "ސިއްރުން" އިލްތިމާސެއްކޮށްފަ އެވެ. އެހެން ވިދާޅުވުމުން ކޮމެޓީގައި ތިއްބެވި އެމްޑީޕީގެ އެއްވެސް މެންބަރަކު އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ނަމަވެސް ޖަމީލު ކޮމެޓީ އަށް ހާޒިރު ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، އަދި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒެވެ.

އެ ވޯޓަށް އެހުމުގެ ކުރިން އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެއްވެސް ރިޔާސީ ކެންޑިޑޭޓަކު އަދި ރަނިންމޭޓަކު ކޮމެޓީ އަށް ހާޒިރުކޮށްގެން ސިޔާސީ ކަންކަން ހިންގުމަކީ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށެވެ. ނަމަވެސް ކޮންމެހެން ހާޒިރު ކުރަންޖެހިއްޖެ ހާލަތެއްގައި ފިޔަވައި ޑރ. ޖަމީލު ކޮމެޓީއަށް ހާޒިރު ނުކުރުމަށް އިބޫ ވިދާޅުވި އެވެ.

ސީޕީގެ މަގާމަށް ރިޔާޒު އައްޔަން ކުރައްވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވަނީ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

އިބްރާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ސީޕީގެ މަގާމަށް ގާނޫނާ ހިލާފަށް ރިޔާޒު އައްޔަން ކުރުމުގައި ކުރީގެ ހޯމް މިނިސްޓަރު ޖަމީލު ގާނޫނުގައި ބަޔާން ކުރާ މަކަރާއި ހީލަތް ހެދުމުގެ ކުށް ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަރަށް މައުލުމާތު ލިބިފައިވާ ކަމަށެވެ.

ކޮމެޓީ އަށް ފޮނުވި ސިޓީއެއްގައި އިބްރާ ވިދާޅުވެފައި ވަނީ ސީޕީގެ މަގާމަށް ރިޔާޒު އައްޔަންކޮށްފައި ވަނީ އެ މަގާމަށް އައްޔަން ކުރެވޭނެ މީހުން ކަމަށް ގާނޫނުގައި ބުނާ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ނުވަަތަ އެއަށް ވުރެ މަތީ މަގާމެއްގައި ހުންނަވަނިކޮށް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަން ކުރެއްވުމަށް ފަހު އެކަން އެއީ ސައްހަ ކަމެއް ކަމަށް ހެއްދެވުމަށް އޭރުގެ ހޯމް މިނިސްޓަރު ވަނީ ލިޔެ ކިޔުމުގެ ޖަރީމާއެއް ހިންގަވާފައި ކަމަށް އިބުރާ ތުހުމަތުކޮށްފައިވެ އެވެ.

އެގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ރިޔާޒު ވަކިކޮށްފައި ހުއްޓާ، އެމާގާމަށް އިޔާދަ ކުރުމަށް "ހަމަޖެހިފައިވާ" ކަމަށްވިދާޅުވެ، ޑރ. ޖަމީލު ސޮއިކުރައްވައި އަބްދުﷲ ރިޔާޒަށް ފޮނުވި ސިޓީގައި ޖައްސަވާފައިވާ ތާރީހަކީ ފެބްރުއަރީ 8، 2012 ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. ޖަމީލު އައްޔަން ކުރެއްވީ ފެބްރުއަރީ 8، 2012 ވަނަ ދުވަހުގެ ރޭ 8:00ގައި ކަމަށް އިބްރާގެ ސިޓީގައިވެ އެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރިޔާޒު އައްޔަންކޮށްފައި ވަނީ ފެބްރުއަރީ 9، 2012ގަ އެވެ.

"އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ދިރާސާ ކުރުމުން، އަބްދުﷲ ރިޔާޒު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވުމުގައި އަބްދުﷲ ރިޔާޒާއި ޑރ. މުހައްމަދު ޖަމީލު އަހުމާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ގުޅިގެން ޖިނާއީ ކުށެއް ހިންގާފައިވާ ކަަމަށް ތުހުމަތު ކުރެވެ އެވެ. އަދި މިކަން ވަންހަނާ ކުރުމުގައި އެޓާނީ ޖެނަރަލް އާޒިމާ ޝުކޫރު ބައިވެރިވުން އޮތް ކަމަށް ވެސް ގަބޫލު ކުރެވެ އެވެ،" ކޮމެޓީ އަށް އިބްރާ ހުށަހެޅުއްވި ސިޓީގައިވެ އެވެ.

މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީގައި ނިންމާފައި ވަނީ މާދަމާ ރޭ 9:30ގައި ބާއްވާ ކޮމެޓީގެ ބައްދަލުވުމަށް ރިޔާޒާއި ޖާބިރާއި އިބްރާ ހާޒިރު ކުރުމަށެވެ.