16 Jul 2013, 22:43
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފާއިތުވި ތިން މަސްދުވަހު 21 އެކައުންޓެއް ފްރީޒްކޮށްގެން 6.8 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ބުނެފި އެވެ.
ދައުލަތުގެ އާމްދަނީއާ ބެހޭ އިދާރާ އިން އާއްމުކުރި މިދިޔަ ތިން މަހު ރިޕޯޓުގައިވާ ގޮތުން އެކި ފިޔަވަޅުތައް އަޅައިގެން މިދިޔަ މަހުގެ ނިޔަލަށް 58.7 މިލިއަން ރުފިޔާ އެކި ފަރާތްތަކުން ހޯދައި ޖަމާކޮށްފައިވާ ކަމަށެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޓޯލްމަންޓް ޕްލޭންގެ ދަށުން 28 ޓެކްސްޕޭޔަރެއްގެ އަތުން 7.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މުއްދަތު ފާއިތުވި ފަހުން 452 ޓެކްސް ޕޭޔަރެއްގެ އަތުން 1.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ އިތުރުން އެކްޝަން ޕޮލިސީ ދަށުން 215 ޓެކްސް ޕޭޔަރުންގެ އަތުން 2.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 753 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ ތިން މަސް ދުވަހުގެ ނިޔަލަށް މީރާ އިން ވަނީ ހޯދައިފަ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބީޕީޓީގެ 22 އޮޑިޓް، ވިތު ހޮލްޑިން ޓެކްސް 10 އޮޑިޓް، ޖީއެސްޓީ 72 އޮޑިޓް، ޓީޖީއެސްޓީ ދެ އޮޑިޓް އަދި ޓޫރިޒަމް ޓެކްސް 455 ރިވިއު ހަދާފައިވެ އެވެ.
އެ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 1.6 މިލިއަން ޑޮލަރު އަދި 258،000ރ. އަށް ވުރެ ގިނަ ފައިސާ ހޯދާފައިވެ އެވެ.