16 Jul 2013, 22:12
ސިޔާސީ ގޮތުން ދިވެހި މުޖްތަމަޢު ހުޅުވާލެވުނު ފަހުން ބާއްވާ ދެވަނަ ރިޔާސީ އިންތިޚާބު އޮނާނީ މިހިނގާ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢްލާންކޮށްފަ އެވެ. އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢްލާންކުރައްވާފައިވާ ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ ޓީމްތަކުން ފެނަނީ ވަރަށް ތަފާތުކަން ބޮޑު މަންޒަރުތަކެވެ. ބައެއް ކެންޑިޑޭޓުން ކެމްޕޭނު މެކުހަށްޖައްސަވާފައިވާ އިރު އަނެއްބައި ކެންޑިޑޭޓުން ހެއްދެވި ކޯލިޝަން ރޫޅި، އިންތިޚާބަށް ނިކުންނަވާނެ ޕްލެޓްފޯމް ހަމަޔަކަށް ނޭޅިގެން އުޅޭ މަންޒަރެވެ.
ރިޔާސީ އިންތިޚާބަށް ނިކުންނަވާކަން އިޢްލާން ކުރައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތަފާތު ކެމްޕޭނެއް ކުރައްވަނީ ރައިސް ވަޙީދެވެ. އިންތިޚާބު އަތްފޯރާފަށަށް ގާތްވެ، އިންތިޚާބުގެ ބެރުގެ އަޑުގަދަވެފައިވާއިރު އަދިވެސް އެމަނިކުފާނުގެ ކެމްޕޭން ފެންނަނީ މާބޮޑު ފޯރިއެއް ނެތް ގޮތަކަށެވެ. މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގެ ފާރުތަކުން ކެމްޕޭނުގެ ކުލަތަކުގެ ވާދަވެރިކަން ހާމަވެ، މަގުތަކުގެ ހުރަހަށް ކެމްޕޭނު ފޮތިތައް ދަމާ، ޕޯސްޓަރުތަކާއި ބިލް ބޯޑުތަކުން މަގުތައް ފުރެމުން ދާއިރު މިފަދަ ކަންކަމާ ގުޅޭ ގޮތުން ރައީސް ވަޙީދު ވިދާޅު ވަނީ "ފިހި ހިފައިގެން ނިކުމެ ތޮށިގަނޑުގައި ދަވާދުލިޔަކަސް ޒުވާނުން ނުސިހޭނެ" ކަމަށެވެ. އެއްގޮތަށް ވުރެ ގިނަގޮތުން އެމަނިކުފާނު އެވިދާޅުވި ވާހަކަފުޅަކީ ހަރުދަނާ ވާހަކަފުޅެކެވެ.
ނަމަވެސް ދިވެހި މުޖުތަމަޢު މިހާރު ބައްޓަންވެފައި އޮތްގޮތާއި، ސިޔާސީ ވާދަވެރިކަން ހިނގާފައިވާމިންވަރާއި، ވޯޓުލާ އާބާދީގެ ބޮޑު އިންސައްތަޔަކީ ޒުވާނުން ކަމުގައި ވާހިނދު ޒުވާނުންގެ ޝައުޤުވެރިކަން ހުންނަކަންކަމާއި މިފަދަ އެތައްކަމަކަށް ރިޢާޔަތްކުރާ ހިނދު އިންތިޚާބު ކާމިޔާބު ކުރެވޭނެ މަގަކީ ކޮބައިތޯ ސުވާލު ކުރެވިދާނެ އެވެ. ހަމައެއާ އެކު "ނާތަހުޒީބު" ކަމަށް އެމަނިކުފާނު އެވިދާޅުވާ ކަންކަމުގެ މުޤާބިލުގައި ކުރައްވަނީ ކޮންކަމެއްކަން ސާފުވާން ވެސް ޖެހެ އެވެ.
ރައީސް ވަޙީދުގެ ކެމްޕޭން ޙަރަކާތްތައް މިމޭރުމުން ހިނގަމުންދާ އިރު، އެމަނިކުފާނަށް ރައްޔިތުންގެ ވޯޓު ކަށަވަރުކުރުމުގެ ފުރުޞަތު އެންމެ ބޮޑަށް ފަހިވަނީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ ތެރެއިންނެވެ. ރިޔާސީ ވަޢުދުތަކުގެ ތެރެއިންނެވެ. އެހެނަމަވެސް އެމަނިކުފާނުގެ ސިޔާސަތުތަކުގެ ތެރެއިން މިހާތަނަށް ފެންމަތިވެފައިވާ ސިޔާސަތުތަކަށް ބަލާއިރު އޮތީ ޢާންމު ވާހަކަތަކެއް ދެކެވިފަ އެވެ. ތިމަން މަނިކުފާނު އިންތިޚާބު ވެއްޖެ ނަމަ އެވެނި މިވެނި ކަންކަން ކުރައްވާނަމޭ ސީދާ ސާފު ޢިބާރާތުން ވިދާޅުވެފައި އޮތީ ވަރަށް ވެސް މަދުންނެވެ. ވާދަވެރި އެހެން ކެންޑިޑޭޓުން ވެވަޑައިގަންނަވަމުންދާ ވަޢުދުތަކާ ގާތަށް ވެސް ރައީސް ވަހީދަށް ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަން ހާމައެއްނުކުރެވެ އެވެ. އަދި ހާމަކުރެއްވި ސިޔާސަތުތައް ރައްޔިތުންނަށް ވިއްކުމުގެ މަސައްކަތެއް ވެސް ނުކުރެވެ އެވެ. މި ދަންނަވަނީ އިންތިޚާބުގައި އެންމެ މޮޅުމީހަކީ އެންމެ ގިނަ ވަޢުދުވާ މީހާއެކޭ ނޫނެވެ. ނަމަވެސް ރިޔާސީ ރޭހުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަވެގެންދާއިރު އެ ބޭފުޅުން ރައްޔިތުންނަށް ކޮށްދެއްވާނީ ކޮންކޮން ކަންކަމެއްކަން ވަރަށް ސާފު ކޮށް ހާމަވާން ޖެހޭނެ ވާހަކަ އެވެ.
ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އަދިވެސް އޮތީ އަތޮޅުތެރޭގެ ކުދިކުދި ރަށްރަށަށް ބެހިފަ އެވެ. ރިޔާސީ ރޭހަށް ނިކުންނަވާ ކެންޑިޑޭޓުންނަށް ވެސް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ދުވިސައްތައެއްހާ ރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނަށް ތަޢާރަފުވެވަޑައިގެން އެހެން ކެންޑިޑޭޓުންގެ މައްޗަށް އެބޭފުޅަކު އިންތިޚާބު ކުރަންވީ ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވުމެވެ. ވޯޓުލާ ޢުމުރުފުރާގެ ކޮންމެ ރައްޔިތަކަށް ވެސް އެ ބޭފުޅެއްގެ ސިޔާސަތު އޮޅުންފިލައިފިކަން ކަށަވަރު ކުޅައުމެވެ. ވަގުތާއި ޚަރަދާއި އިންސާނީ ވަޞީލަތުގެ ގޮތުން ވެސް މިއީ ވަރަށް ބޮޑުކަމަކަށް ވާނެކަން ކަށަވަރެވެ.
ރިޔާސީ ރޭހަށް ނިކުންނަވައިގެން ތިއްބެވި ކެންޑިޑޭޓުން ވަރަށް ފޯރީގައި މިމަސައްކުރައްވަމުން އެބަގެންދަވަ އެވެ. ގަދަކަނޑުތަކުގައި، ހޫނު އަތްވާއި ބޯ ވިއްސާރައާ ހަނގުރާމަކުރައްވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަރައިވަޑައިގެން، ގޭގެއަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާ ބައްދަލުކުރެއްވުން މެދުކެނޑުމެއްނެތި ދަނީ ހިނގަމުންނެވެ. މާލޭގައި ރައީސް ވަޙީދުގެ ކެމްޕޭންގެ މާބޮޑު ފޯރިއެއްނެތް ހިނދު، ކެމްޕޭން 'ޖާރޒީ'ގައި އެމަނިކުފާނަށް ވަޑައިގެންނެވުނީ ދެއަތުގެ އިނގިލިތަކުން ގުނައިލެވޭހައި މަދު ރަށްތަކަށެވެ. އަދި ގިނަރަށްރަށަށް ދަތުރުކުރެއްވުމުގެ ބަދަލުގައި އެއްރަށްތަކަކަށް ތަކުރާރުކޮށް ދަތުރުކުރައްވާކަން ވެސް ފާހަގަކުރެވެ އެވެ. ރިޔާސީ ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ރައީސް ވަޙީދަށް ރާއްޖޭގެ ބައެއް ރަށްތަކަށް ނޭރުއްވޭނެ ކަމަށް ބުނާފަރާތްތަކުގެ ބަހަށް އެކަމުން ބާރުލިބެ އެވެ. އެހެންކަމުން އެމަނިކުފާނުގެ ރިޔާސީ އެޖެންޑާ އަދި އޮތީ ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ނުފޯރަ އެވެ.
ދެން އޮތްކަމަކީ ރިޔާސީ އިންތިޚާބުގެ ފޯރި ސޯޝަލް މީޑިޔާގައި ގަދަވެ، ހޫނު 'ހަނގުރާމަ' ހިނގަމުންދާ އިރު، ރައީސް ވަޙީދުގެ އަޑު ސޯޝަލް މީޑިޔާގައި ފަނޑުކަމެވެ. ސޯޝަލް ނެޓްވާރކްތަކުގެ ޙަރަކާތްތަކަކީ އަމިއްލަ ޒާތުގައި އުފެދޭ ޙަރަކާތްތަކެއް ނޫނެވެ. ސޯޝަލް ނެޓްވާކްތަކުގެ ޙަރަކާތްތައް އަވަސްވެގަންނަނީ އުފެދޭ ޚަބަރަކާ ގުޅިގެންނެވެ. ރައީސް ވަޙީދުގެ ކެމްޕޭން ޙަރަކާތްތައް މަދުވާ ނަމަ އެމަނިކުފާނުގެ އަޑު ސޯޝަލް މީޑިޔާގައި ފަނޑުވާނެ އެވެ. އެއީ ޠަބީޢީ ކަމެކެވެ. ސޯޝަލް ނެޓްވާރކް ތަކުގައި ނެގިފައި ހުރި ޕޯލްތަކުން ވެސް މިކަމުގެ ޙަޤީޤަތް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތެވެ. ސޯޝަލް މީޑިޔާ ބޭނުންކުރުމުގައި ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކަށް ވުރެ މާބޮޑަށް ވެސް ކުރީގައި އުޅޭ ޤައުމެކެވެ. ޒުވާނުންނަކީ ރެޔާއި ދުވާލު ސޯޝަލް ނެޓްވާރކްތަކުގައި ވަގުތު ހޭދަކުރާ ބަޔަކަށް ވާހިނދު މިހުރިހާ ކަމެއްގެ އަސަރު ޒުވާނުންނާއި އަދި ސޯޝަލް މީޑިޔާގައި ޙަރަކާތްތެރިވާ އެހެން ފަރާތްތަކަށް ވެސް ކުރާނެކަން ކަށަވަރެވެ. މިހުރިހާ ކަމެއްގެ އިތުރުން ރައީސް ވަޙީދުގެ ވެރިކަމުގައި ކުރައްވާފައި ހުރި މުހިންމު ކަންތައްތަކުގެ މަންފާ ރައީސް ވަޙީދުގެ ކެމްޕޭނުން ނަގަނީ ކިހާމިންވަރަކަށްތޯ ވެސް ސުވާލުކުރެވޭނެ އެވެ.
މި ހުރިހާ ކަމަކާ އެކު ރައީސް ވަޙީދު ރިޔާސީ ރޭހަށް ނިކުންނަވަން އުފެއްދެވި "ޤައުމައިގެން ކުރިއަށް" ކޯލިޝަން މިހާރު އޮތީ ރޫޅުމުގެ މަގުމަތީގައި ކަމަށް މަޢުލޫމާތު ލިބެ އެވެ. ނިމިދިޔަ ހަފްތާގައި ޢަދާލަތު ޕާޓީ ވަނީ ކޯލިޝަނުންވަކިވާން ނިންމައި އެކަން ރަސްމީކޮށް އިޢްލާންވެސް ކޮށްފަ އެވެ. ރައީސް ވަޙީދުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރީވެސް، މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން ރައީސަށް އެންމެ ވަފާތެރީ ވެސް، އަދި އަމިއްލަޔަށް އިސްނަގައިގެން ރައީސް ވަޙީދު ވެރިކަމަށް ގެނައުމަށްޓަކައި ކޯލިޝަން ހަދަން ނިންމީ ވެސް ޢަދާލަތު ޕާޓީކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އަދި ޚުދު ރައީސް ވަޙީދު ވެސް އެކި މުނާސަބަތުތަކުގައި އެކަން ފާހަގަކުރައްވައިފައި އެބަހުއްޓެވެ. ގިނަބައެއްގެ ނަޒަރުގައި ޢަދާލަތަކީ ރައީސް ވަޙީދުގެ "ޤައުމައިގެން ކުރިއަށް" ކޯލިޝަންގައި ހިމެނޭ އެންމެ ނުފޫޒު ގަދަ އަދި ރައްޔިތުންގެ މަޤްބޫލުކަން ވެސް އެންމެ ބޮޑު ޕާޓީ އެވެ. ކޮންމެ އަކަސް ޢަދާލަތުން ރައީސް ވަޙީދަށް ދެމުން އައި އެއްބާރުލުން ހުއްޓާލުމުގެ ސަބަބުން ލިބޭ ގެއްލުމަކީ މިހާރު އޮތް ހާލަތުގައި ރައީސް ވަޙީދަށް ފޫބެއްދޭނެ ގެއްލުމެއްކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. އަދި އެއީ ފޮރުވަން އުޅުނަސް ފޮރުވޭނެ ކަމެއް ކަމަށް ވެސް ނުބެލެވެ އެވެ. ރައީސް ވަޙީދުގެ ކޯލިޝަން ތެރެއިން އިތުރު ބައިވެރިން ގެއްލިދާނެކަމުގެ އަޑުތައް މިހާރު ވެސް ވަނީ ފެތުރެން ފަށައިފަ އެވެ.
ފާހަގަކުރަންޖެހޭ އަނެއް ކަމަކީ ޢަދާލަތުން ރައީސް ވަޙީދުގެ "ޤައުމާއިގެން ކުރިއަށް" ކޯލިޝަނާ ވަކިވުމުގެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިކުރީ ކެމްޕޭން ކުރިޔަށްނުދާ ކަމުގެ ޝަކުވާ އުފުލަމުން ކަމެވެ. ކެމްޕޭންގެ ދޯހަޅިކަމުގެ ވާހަކަ ދައްކަމުންކަމެވެ. ފެންނަން ހުރި ޙަޤީޤަތްތަކަށް ނަޒަރުހިންގާލުމުން ކަށަވަރުވަނީ ޢަދާލަތުގެ ޝަކުވާތަކަކީ އޭގައި އަސްލެއްނެތް ޝަކުވާތަކެއް ކަމުގައި ނިންމާނެ ޖާގައެއް ނެތްކަމެވެ. ޢަދާލަތު އިސްވެ އުފެއްދި ކޯލިޝަންގެ ކެމްޕޭން ކުރިޔަށް ނުދިޔުމުގައި ޢަދާލަތުގެ އިޙްމާލެއް އޮތްތޯ ނުވަތަ ނޫން ތޯ އެއީ ކުރިޔަށް އޮތްތަނުގައި ދެފަރާތުގެ ދެމެދުގައި ހިނގާ 'އަރައިރުން' ތަކުގެ ތެރެއިން ޖަވާބު ލިބޭނެ ސުވާލެކެވެ.