08 Nov 2010, 05:59
ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނެ އުސޫލުތައް ކަނޑައެޅުމަށް އެޖެންޑާކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ)ގެ ބައްދަލުވުމެއް މިއަދު ވެސް ބޭއްވުމަށް ނިންމައިފި އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނެ އުސޫލެއް ކަނޑައެޅުމަށް ބައްދަލުވުމެއް މިއަދު އެޖެންޑާކޮށްފައި އޮތަސް، ނިމޭނެ ގޮތް އަދި އަދި ވިދާޅުވާން ނޭނގޭ ކަމަށެވެ.
"ޖަލްސާ ނިމުނީމާ ދެއްތޯ އިނގޭނީ ކިހިނެއްކަން ހަމަޖެހޭނީ،" އޮފިޝަލް ވިދާޅުވި އެވެ.
ހައިކޯޓަށް އައްޔަން ކުރަން ޖެހޭ ގިނަ އަދަދެއްގެ ފަނޑިޔާރުން އައްޔަންނުކޮށް އޮތުމުން އެ ކޯޓުގެ ގިނަ މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށްވެ އެވެ.
އޮފިޝަލް ވިދާޅުވީ ޖޭއެސްސީގެ އިދާރީ ގަވާއިދު ފާސްކުރުމަށް ކޮންމެ ދުވަހަކު ވެސް އެޖެންޑާ ކުރާކަމަށެވެ. ނަމަވެސް އަދިވެސް އިދާރީ ގަވާއިދު ފާސްކުރެވޭ ގޮތް ވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އީދާރީ ގަވާއިދު ފާސްކުރަމަށް ކޮންމެ ދުވަހަކު ވެސް އެޖެންޑާގައި އޮވޭ. [ނަމަވެސް] އަދިވެސް އެކަން ނުވެ އޮތީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އިދާރީ ގަވާއިދު ފާސްކުރުމަށް ދާދިފަހުން މާލޭން ބޭރުގައި ބާއްވަން އުޅުނު ބައްދަލުވުން ވެސް ކޯރަމް ހަމަނުވެގެން ކެންސަލްވެފައިވާ ކަމަށެވެ.
ޖޭއެސްސީގެ އިއްޔެގެ ޖަލްސާގައި މަޝްވަރާކޮށްފައި ވަނީ ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނާ ގުޅިގެން ކޮމިޝަނުން ކުރަން ޖެހޭ ކަންތައްތައް ލިސްޓް ކުރުމަށް ޓަކައި އުފެއްދެވި ކޮމިޓީ އިން ލިސްޓް ކޮށްފައިވާ ކަންތައްތައް ކުރާނެ ގޮތެއް ކަނޑައެޅުމަށާއި 500 މީހުން ހަމަނުވާ ރަށްރަށުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކާ މެދު ގޮތެއް ނިންމުމަށް ޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ފޮނުވާފައިވާ ސިޓީއަކާ ބެހޭ ގޮތުން ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކާ ގުޅޭ އިތުރު މައުލޫމާތެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.