ހުޅުމާލޭ ފްލެޓަކުން 4،500ރ. ވަގަށް ނަގައި އެ ފައިސާތައް ދިރުވައިލި މީހާގެ ހާލު ރަނގަޅުވުމުން އަތޮޅުވެއްސަށް ބަދަލުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފައިސާތައް ދިރުވާލި މީހާ ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިހާރު އަތޮޅުވެއްސަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ފްލެޓަކުން ހޮނިހިރު ދުވަހުގެ ރޭ 4،500ރ. ވަގަށްނެގި އެމީހާ މާލޭ ޖަލަށް ލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރިނަމަވެސް އެއީ ދޮގެއް ކަމަށެވެ.

"އެމީހާ މާލޭ ޖަލަށް ބަދަލުކުރިކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައި. އެހެންނަމަވެސް އެއީ ދޮގެއް. އޭނާ ބަދަލުކުރީ އަތޮޅުވެއްސަށް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނޫ އަސާސީގެ ދަށުން އެއްވެސް މީހަކު ޖަލަށް ލެވޭނީ ޝަރުއީ ކޯޓަކުން ކުރާ ހުކުމަކާއި ގުޅިގެންނެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ދިރުވައިލި ފައިސާގެ ތެރެއިން ހޮޑުލައިގެން ބޭރުކުރި 800ރ.ގެ ފަހުން އިތުރު ފައިސާއެއް ބޭރުނުވާ ކަމަށެވެ.

އޭނާ ފައިސާތައް ދިރުވާލިކަން އެނގުނީ އެކަމަށް އަމިއްލައަށް އިއުތިރާފުވުމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނެގި އިރު ބަނޑު ތެރޭގައި ފައިސާތައް ހުއްޓާ ފެނުމުންނެވެ.

ފައިސާތައް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރާއި 26 އަހަރުގެ ދެ މީހުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެ ފްލެޓަކުން ސެމްސަންގް އެސް3 ފޯނަކާއި 4،500ރ. ގެއްލިގެން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ގެއްލުނު ފޯނު އަދި ފެނިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.