ދަގަނޑުބުރިތަކާއި ލަކުޑިބުރިތަކުން ހަމަލާދީ ލ. ގަން ތުނޑި ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލާފައިވާތީ ޖެންޑާ، ފެމެލީ އެންޑް ހިއުމަންރައިޓްސް މިނިސްޓްރީން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ޖެންޑާ، ފެމެލީ އެންޑް ހިއުމަންރައިޓްސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނިޒާރު މަރާލި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް އެ މީހުންނަށް ހައްގު އަދަބު ކަށަވަރު ކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މިނިސްޓްރީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ދިވެހީންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުގެ މަތިން ދިރިއުޅެމުންދާ އުޚުވަތްތެރި މުޖުތަމައުއަކަށްވީހިނދު އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާ ފަރާތްތަކުގެ މިފަދަ އަމަލުތައް ހުއްޓުވުމަށް ސަރުކާރާއި އާންމު ފަރުދުން ގުޅިގެން ހުއްޓުމެއް ނެތި މަސައްކަތް ކުރުމަކީ ކުރިމަގުގައި އަޅުގަނޑުމެންގެ މުޖުތަމައުއަކީ ހަމަޖެހޭ ސުލްހަވެރި، އުފާވެރި މުޖުތަމައަކަށް ހެދުމަށް ކޮންމެހެން މުހިންމުކަމެއް ކަމުގައި އެ މިނިސްޓްރީން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އިންސާނިއްޔަތާ ޚިލާފު އެފަދަ އަމަލުތަކަށް ފުރުސަތު ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި އެކަމުގައި އެއްބާރުލުން ދިނުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

އުމުރުން 31 އަހަރުގެ އަހްމަދު ނިޒާރު މަރާލި މައްސަލައިގެ ތުހުމަތުގައި 21 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ލ. ގަމުން ހައްޔަރުކޮށްފަ އެވެ.