16 Jul 2013, 19:09
މެންޗެސްޓާ ޔުނައިޓެޑުން ބިޑްކޮށްފައިވާ ބާސެލޯނާގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ބޭނުންވަނީ އެ ކްލަބްގައި މަޑުކުރަން ކަމަށް ބާސާގެ ކޯޗް ޓިޓޯ ވިލަނޮވާ ބުނެފި އެވެ.
ވިލަނޮވާ ބުނީ ފެބްރިގާސް ގެންދިއުމަށް މެންޗެސްޓާ ޔުނައިޓެޑުން 25 މިލިޔަން ޕައުންޑުގެ ފީއެއް ހުށަހަޅާފައިވީ ނަމަވެސް ބާސާ ދޫކޮށް އެހެން ކްލަބަކަށް ދާން ބޭނުން ނުވާކަމަށް އުމުރުން 26 އަހަރުގެ އާސެނަލްގެ ކުރީގެ ކެޕްޓަން ބުނެފައިވާ ކަމަށެވެ.
"އަހަންނަށް އެނގޭ އެހެން ޓީމުތަކުން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން،" ވިލަނޮވާ ބުންޏެވެ. "އެކަމަކު ސެސް ބުނެފައިވަނީ އޭނާ ބޭނުންވަނީ ބާސާގައި މަޑުކުރަން ކަމަށް. އޭނާ އަހަރެން ކައިރީ ބުނީ ބާސެލޯނާގައި ހުރުމަކީ އޭނާގެ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށް."
"އޭނާ [ފެބްރިގާސް] ބޭނުމެއް ނުވޭ ފައިސާއަށްޓަކައި ނުވަތަ މި ކްލަބްގައި ކުޅެން ފުރުސތު ލިބޭ މިންވަރަށް ބަލާފައި އެހެން ކްލަބަކަށް ދާކަށް. އޭނާ ގަބޫލުކުރޭ މި ކްލަބްގައި ފުރުސަތު ހޯދުމަށް ވާދަވެރިކަން އޮންނާނޭ ކަން. އެކަމަކު އޭނާގެ ނިންމުމަކީ މިތަނުގައި މަޑުކުރުން. އެވަރުން އަހަރެން ހިތްހަމަ ޖެހޭ،" ވިލަނޮވާ އިތުރަށް ބުންޏެވެ.
ފެބްރިގާސް ގެނައުމަށް ޔުނައިޓެޑުން ބިޑްކޮށްފައިވާ 25 މިލިޔަން ޕައުންޑަކީ ބާސާ ހިތްހަމަޖެހޭ އަގަށްވުރެ ކުޑައަގެއްނަމަވެސް ޔުނައިޓެޑުން އިންތިޒާރު ކުރަމުން ގެންދަނީ ބާސާއިން އެކަމުގައި ރަސްމީ ޖަވާބެއް ދޭނޭ އިރަކަށެވެ.
"އަހަރުމެންގެ ކުޅުންތެރިން ހޯދުމަށް އެހެން ކަލްބަތަކުން ޝައުގުވެރިކަން ފާޅުކުރުމަކީ ރަނގަޅު ފާލެއް،" ވިލަނޮވާ ބުންޏެވެ. "އޭގެ މާނައަކީ އަހަރެމެންގެ ތެރޭގައި އެބަތިއްބޭ އެހެން ކްލަބްތަކުން ބޭނުންވާ ކުޅުންތެރިން. އެކަމަކު ފެބްރިގާސް ބޭނުމީ މަޑުކުރަން."
ސްޕެއިންގެ ގައުމީ ޓީމަށް 2010ގެ ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕް ދެފަހަރު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި، ހުނަރުވެރި މިޑްފީލްޑަރު ފެބްރިގާސް އަކީ ބާސާގެ އެކަޑަމީއިން އުފެއްދި ކުޅުންތެރިއެކެވެ. އޭނާ އާސެނަލްއަށް ދިޔައީ 2003 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ.
އޯގަސްޓް 2011ގައި 25.4 މިލިޔަން ޕައުންޑުގެ ފީއަކަށް ބާސާއަށް އެނބުރިއައި ފެބްރިގާސް ވަނީ އާސެނަލްގައި އޭނާ ހޭދަކުރި އަށް އަހަރު ދުވަހުގެ ތެރޭގައި އެ ކްލަބަށް 303 މެޗު ކުޅެ 57 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި ފަހުން ބާސާއާ ގުޅުނުފަހުން އެ ކްލަބަށް ކޮޕާ ޑެލްރޭ 2011-12 އަދި ލަލީގާ 2012-13 ހޯދައި ދިނުމުގައި ފެބްރިގާސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.