ބުރުޒުމަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި އަލިފާން ރޯވެއްޖެ އެވެ.

ހެންވޭރު ބުރުޒުމަގު "ކެފޭ ތާސީރު 2"ގެ ބަދިގޭގައި އަލިފާން ރޯވީ މިއަދު ހަވީރު 5:30 އެހާކަންހާއިރު އެވެ. އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރުމުގެ ކުރިން އެ ކެފޭގައި މަސައްކަތް ކުރާ ބިދޭސީންނާއި އެމްއެންޑީއެފްގެ ފަޔާއިން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރިއިރު، ބަދިގޭގައި ގެންގުޅޭ ބައެއް އެއްޗެއްސާއި ބަދިގޭގެ ސީލިންގާއި ހުޑުވެސް ވަނީ އަނދާފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ކެފޭ ތާސީރުގައި މަސައްކަތް ކުރާ މީހަކު ކިޔައިދިން ގޮތުގައި ބަދިގޭގައި އަލިފާން ރޯވާން ދިމާވީ އުދުން މައްޗަށް އުދާފައި ހުރި ތެޔޮ ތެއްޔެއް ހޫނުވެގެން ގޮސް އަލިފާން ރޯވީ ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވުމަށްޓަކައި އެތަނުގައި މަސައްކަތް ކުރާ ބިދޭސީން ވެލިގެނެސްގެން ބަދިގެ ތެރެއަށް ޖަހާފައިވާ ކަމަށެވެ.