16 Jul 2013, 17:40
ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު މިއަދު މަޖިލީހަށް ހުށަހަޅުއްވި ވެކޭޝަން ހޯމް ބިލާއި ލާޒިމު ޖޫރިމަނާގެ ޙައްގު ލިބިދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަންފި އެވެ.
ވެކޭޝަން ހޯމް ބިލަކީ ވެކޭޝަން ހޯމްގެ ވިޔަފާރިކުރުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާ އުސޫލުތަކާ، ވެކޭޝަން ހޯމާއި ގުޅޭގޮތުން ކޮންސިއުމަރުންނަށް ލިބިދޭ ޙައްގުތަކާ، ވެކޭޝަން ހޯމް ރަޖިސްޓްރީކުރުމާ އަދި ހިންގުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ޢާންމު އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ބިލަށް ޖުމްލަ 14 މެންބަރުން މިއަދު ބަހުސް ކުރައްވާފައިވެ އެވެ. ވެކޭޝަން ހޯމް ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 39 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ އެ ބިލު މަޖިލީހަށް ބަލައިގަތުމަށެވެ. އެ ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު ދެ މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ. އެ ބިލު ދިރާސާކުރެއްވުމަށް ވަނީ އިޤްތިސާދީ ކޮމިޓީއަށް ފޮނުވިފަ އެވެ.
ލާޒިމު ޖޫރިމަނާގެ ހައްގު ލިބިދިނުމުގެ ބިލަކީ ދިވެހިރާއްޖޭގައި މުދާ ވިއްކާ ފަރާތްތަކަށް ލިބެންޖެހޭ މުދަލުގެ އަގާއި ހިދުމަތްދޭންޖެހޭ ފަރާތްތަކަށް ލިބެންޖެހޭ ހިދުމަތުގެ އަގު، އެއަގު އަދާކުރަންޖެހޭ ދުވަހަށް އަދާ ނުކުރުމުން، އެއަގު އަދާނުކޮށް ފާއިތުވާ ދުވަސްތަކަށް ޖޫރިމަނާއެއްނެގުމުގެ ޙައްގު މުދާ ވިއްކާ ފަރާތްތަކަށާ ޚިދުމަތްދޭ ފަރާތްތަކަށް އުފައްދައިދީ، ކަމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ. މި ބިލަށް މިއަދުގެ ޖަލްސާގައި ދެ މެންބަރުން ބަހުސް ކުރައްވާފައިވެ އެވެ. ލާޒިމް ޖޫރިމަނާގެ ޙައްޤު ލިބިދިނުމުހެ ބިލު ބަލައިގަންފައި ވަނީ 40 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު އެންމެ މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ. އެ ބިލު ދިރާސާކުރެއްވުމަށްވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ.
މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުން ފާސްކުރައްވައި ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު އަލުން ކޮމެޓީއަށް ފޮނުވާފަ އެވެ.