ޗެލްސީގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑްގެ ހުނަރުވެރި ފޯވަޑް ވޭން ރޫނީ އަކީ އެ ކްލަބަށް ވަރަށް މުހިއްމު ކުޅުންތެރިއަކަށް ވާނޭ ކަމަށް ޗެލްސީގެ ޒުވާން މިޑްފީލްޑަރު އެޑިން ހަޒާޑް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ އިނގިރޭސި ފޯވަޑް ވަނީ ހުސްވި މޭމަހުގައި ޔުނައިޓެޑް ދޫކޮށް ދާން ބޭނުން ކަމަށް ބުނެފަ އެވެ.
އެހެން ނަމަވެސް ޔުނައިޓެޑްގެ އާ ކޯޗް ޑޭވިޑް މޮއެސް ބުނެފައިވަނީ، އެ ކްލަބުން ރޫނީ ދޫކޮށް ނުލާނޭ ކަމަށެވެ.

"ވޭން ރޫނީ ވިއްކައެއް ނުލާނަން. އޭނާއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިއެއް. އަދި ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދެމި ހުންނާނެ،" ރޫނީއާ ބޭހޭ ގޮތުން ޑޭވިޑް މޮއެސް ކުރިން ބުނެފައިވެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު ތައިލެންޑްގައި ޕްރި-ސީޒަން ތަމްރީނުތައް ކުރިއަށް ގެންދާ ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯވެސް ވަނީ ރޫނީ ހޯދުމުގެ ޝައުގު ވެރިކަން ފާޅުކޮށްފަ އެވެ. އަދި ޔުނައިޓެޑުން ރޫނީ ދޫ ނުކުރާނެ ކަމަށް ބުނި ކަމުގައިވިޔަސް އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީއިން ހުއްޓައިލާނޭ ކަމުގެ އެއްވެސް އިޝާރާތެއް މޮރީނިއޯ ދީފައެއް ނުވެއެވެ.

ޗެލްސީއަށް ކުޅޭ އުމުރުން 22 އަހަރުގެ ބެލްޖިއަމް މިޑްފީލްޑަރު ބުނީ، ރޫނީއަކީ އަދިވެސް މޮޅު ތަޖުރިބާހުރި، ޒުވާން ކުޅުންތެރިއެއް ކަމަށެވެ.

"ރޫނީ ގެނެވިއްޖެ ނަމަ އޭނާ ވެގެންދާނެ ޗެލްސީއަށް ވަރަށް މުހިއްމު ކުޅުންތެރިއަކަށް. އޭނާއަކީ ހުނަރާއި ތަޖުރިބާހުރި ޒުވާން މޮޅު ކުޅުންތެރިއެއް،" ހަޒާޑް ބުންޏެވެ. "އެކަމަކު އޭނާ ގެނައުމަކީ އަހަރެންގެ އަތްމަތީގައި އޮތް ކަމެއް ނޫން."

ހަޒާޑް ބުނީ ޗެލްސީގެ ކޯޗްކަމަށް މޮރީނިއޯ އެނބުރި އައުން ވެގެން ގޮސްފައިވަނީ، ކްލަބްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މި ސީޒަންގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ހުރިހާ ކުޅުންތެރިން ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ، ޗެލްސީއަށް ގިނަ ކާމިޔާބު ތަކެއް ހޯދޭނޭ ކަމަށް ގަބޫލް ކުރާ ކަމަށް ހަޒާޑް ބުންޏެވެ.