16 Jul 2013, 17:01
އަބޫސަޢީދުލް ޚުދްރިއްޔު ރަޟިޔަﷲ އަންހު ރިވާކުރައްވައިފައި ވެއެވެ. އިސްލާމުދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ރަމަޟާން މަހުގެ އިންތައް ދަނެގަނެ، ރަމަޟާންމަހު ރައްކާތެރިވާން ޖެހޭ ކަންތައްތަކުން ރައްކާތެރިވެ ހުރެ ރޯދަ ހިފި މީހާގެ ރޯދަ އޭނާގެ ކުށްފާފަތައް ޢަފޫކުރެއްވުމުގެ ސަބަބަކަށްވެއެވެ." (އަޙްމަދު: ޖިލްދު 3)
ޙަޤީޤަތުގައި ރަމަޟާން މަހަކީ ތިމާގެ ނަފުސު ޙިސާބުކުރުމުގެ މަހެކެވެ. ރޯދަ ހިފަންވީ ގޮތުގައި ހިފާރޯދަ އިންސާނާގެ ކިބައިގައި މުޙާސިބާކުރުމުގެ ނަފްސިއްޔާތު ހޭލައްވައެވެ. އޭނާ އޭނާގެ ވެދިޔަތަނާއި، ހިނގަމުންދާ ދުވަސްތަކުގެ ހާލަތާ މެދު ވިސްނައި ފިކުރުކުރެއެވެ. ރޯދަ ކުރާ އެއްކަމަކީ ތިމާއަކީ މަރުވާނެ މީހެއްކަން އިންސާނާއަށް ވަރުގަދަޔަކަށް ހަނދާން ކޮށްދިނުމެވެ. މަރުވުމަށްފަހު މާތްﷲ ގެ ޙަޟުރަތަށް ޙާޒިރުވާން ޖެހޭނެކަން ހަނދާންކޮށްދިނުމެވެ. އެއިޙްސާސް އޭނާގެ ހިތުގައި އުފައްދާ އެދުމަކީ ޤިޔާމަތް ދުވަހުގެ ޙިސާބު ބެއްލެވުމަށް ހުށަހެޅުމުގެ ކުރިން ތިމާ އަމިއްލަޔަށް ތިމާގެ ނަފްސުގެ އަރަނި ދަރަނި ސާފުކޮށްލައި އަޅައިކަނޑައިލުމުގެ އެދުމެވެ. ޤިޔާމަތް ދުވަހުން މާތްﷲ ގެ ޢަޒާބުން މިންޖު ވުމަށްޓަކައެވެ.
ޝައްކެއް ނެތެވެ. ރަމަޟާން މަހު ރޯދަހިފުމަކީ ރޯދަވެރިޔާގެ ފާފަތައް ފުއްސަވާ ކަމެކެވެ. ނަމަވެސް ފާފަތައް ފޮހެވިގެން ދިޔުމަކީ ރަމަޟާން މަހުގެ ދުވަސްތަކަށް އިރުއަރައި އޮއްސޭފަދައިން އިންސާނާގެ ބައިވެރިވުމެއްނެތި އަމިއްލަޔަށް ހިނގާ ކަމެއް ނޫނެވެ. ފާފަތައް ފޮހެވޭނީ އިންސާނާގެ ޤަޞްދު އެކަންކަމުގައި އެކުލެވިފައިވާ ޢަމަލުތަކެއްގެ ވަސީލަތުންނެވެ. ރޯދަވެރިޔާ އޭނާގެ ނަފްސު ހިސާބުކޮށް ފާފަ ފުއްސަވާފަދަ ޢަމަލުތަކެއް ކުރުމުންނެވެ. ފާފަ ފުއްސެވުން އެދޭ މީހާ އޭނާގެ ފާފަތަކުގެ މަތީން ހަނދާންކޮށް މާތްﷲ ގެ ޙަޟުރަތުގައި އެކަންކަން ޢަފޫކޮށްދެއްވުން އެދި ދަންނަވާން ޖެހެއެވެ. ދީނީ ބަހުރުވައިން ދަންނަވާ ނަމަ ފާފަތަކާ މެދު ދެރަވެ ހިތާމަކޮށް ތައުބާވާން ޖެހެއެވެ. ތިމާގެ ކުށް އިޙްސާސުކޮށް ލޮލުން ފައިބާ ކަރުނައާ އެކުގައެވެ.
ޙަޤީޤަތުގައި މާތްﷲ ގެ ރަޙްމަތާއެކު ރޯދަވެރިޔާގެ އިސްވެދިޔަ ފާފަތައް ދޮވެދެނީ އޭނާ ފާފަކުރެވުނު ކަމާމެދު ދެރަވެ ލަދުވެތިވެ އޮހޮރާ ކަރުނައިންނެވެ. އިސްވެދިޔަ ޙަދީޘް ފުޅުން އެނގޭގޮތުގައި ފާފަތައް ޢަފޫކުރައްވަނީ ރޯދައިގެ އިންތަކުގެ ތެރޭގައި ހުރެ ރޯދައިގެ ޙައްޤު އަދާވާގޮތަށް ހިފާ ރޯދައިންނެވެ. އަހަރަކު އެއްފަހަރު ކުރާ މޫސުމީ ކަމެއްގެ ގޮތުގައި ރޯދައިގެ ރޫޙެއް ނެތި ނުކައިނުބޮއި ހުންނަ ހުރުމަކުން ނޫނެވެ. އަޅުކަމެއްގެ ބޭރުފުށުގެ ސިފަ ދައްކައިލުމާއި ޙަޤީޤީ ރޫޙުގައި ކުރާ އަޅުކަމާ ހުންނަ ފަރަގު އެނގޭ އެތައް އެތައް ދަލީލުތަކެއް އިސްލާމީ ނަޞުތަކުގައިވެއެވެ.
އަނަސުބިން މާލިކު ރަޟިޔަަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ.
ޞަޙާބީންގެ ތެރެއިން ތިންބޭކަލަކު އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހިވަސައްލަމަގެ އަނބިއަނބި ކަނބަލުންގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އެބޭކަލުން އިތުރު ސާހިބާގެ އަނބިއަނބި ކަނބަލުންގެ އަރިހުގައި އިތުރު ސާހިބާގެ އަޅުކަން ކުރެއްވުން ހުންނަގޮތާމެދު ސުވާލު ދެންނެވިއެވެ. އިތުރުސާހިބާގެ އަޅުކަންކުރެއްވުމާމެދު އެބޭކަލުންނަށް މަޢުލޫމާތު އެރުވުނު ހިނދު އެބޭކަލުންނަށް އިތުރު ސާހިބާ އަޅުކަންކުރައްވާލެއް މަދުކަމުގައި ޚިޔާލުފުޅު ކުރެއްވުނު ކަހަލައެވެ. އެބޭކަލުން ވިދާޅުވިއެވެ. އަހަރެމެންނާއި، ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ އާ އެއްފަދަވެގެންވާނީ ކޮންފަދަޔަކުންހެއްޔެވެ؟
އަރަހުށި މާތްﷲ ވަނީ އެކަލޭގެފާނުގެ އިސްވެދިޔަތަނާއި، އަންނާން އޮތްތަނުގެ ހުރިހާ ފާފަތަކެއް ޢަފޫކޮށްދެއްވައިފައެވެ. އޭގެތެރެއިން އެއްބޭކަލަކު ވިދާޅުވިއެވެ. އަހަރެން ރޭގަނޑު ހަތަރުދަން ހޭދަކުރާނީ ނަމާދުކުރުމުގައެވެ. އަނެއް ބޭކަލަކުވިދާޅުވިއެވެ. އަހަރެން ކޮންމެ ދުވަހަކު ހުންނާނީ ރޯދަޔަށެވެ. ތިންވަނައަށް ހުންނެވި ޞަޙާބީ ވިދާޅުވިއެވެ. އަހަރެން އަބަދަށްޓަކައި ހުންނާނީ އަންހެނުންނާ ދުރުހެލިވެގެންނެވެ. ދުވަހަކުވެސް ކާވެންޏެއް ނުކުރާނަމެވެ. އެބޭކަލުން އެގެކޮޅުގައި ތިއްބަވަނިކޮށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ގެކޮޅަށް އެނބުރި ވަޑައިގެންފިއެވެ.
އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ. ތިޔަބޭކަލުން އެވެނި މިވެނި ގޮތްގޮތަށް ވާހަކަ ދައްކައިފީމެއްނޫންހެއްޔެވެ؟ މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިޔައިގެތެރެއިން މާތްﷲ ގެ ރަސްކަންފުޅަށް އެންމެ ބިރުވެތިވެ ވަޑައިގަންނަަވަނީ ތިމަންކަލޭގެ ފާނެވެ. އެންމެ ބޮޑަށް ތަޤުވާވެރިވެ ވަޑައިގަންނަވަނީވެސް ތިމަންކަލޭފާނެވެ. އެކަމަކު ތިމަންކަލޭފާނު ރޯދަވެސް ހިއްޕަވަމެވެ. ރޯދަ ދޫކޮށްވެސް ލައްވަމެވެ. ރޭއަޅުކަންވެސް ކުރައްވަމެވެ. ރޭގަނޑު އަވަހާރަފުޅުވެސް ލައްޕަވަމެވެ. އަންހެނުންނާ ކާވެނިވެސް ކުރައްވަމެވެ. ތިމަންކަލޭގެ ފާނުގެ ސުންނަތް ދޫކޮށްލައިފިމީހަކީ ތިމަންކަލޭފާނުގެ މީހެއްނޫނެވެ. (ބުޚާރީ: ކިތާބުއް ނިކާޙި)
މިޙަދީޘްފުޅުން ދޭހަވާ އެއްފިލާވަޅަކީ އަޅުކަމުގައި އެންމެ މުހިންމުކަމަކީ އެކަމެއްގެ ރޫޙާއެއްގޮތަށް އަޅުކަންކުރުންކަމެވެ. އަޅުކަމުގެ ނަމުގައި ކުރާ ޢަމަލުގެ ގިނަމަދުމިނެއް ނޫންކަމެވެ. ރޯދައާމެދުވެސް ކަންހުރީ މިގޮތުގެ މަތީންނެވެ. މާތްﷲ ގެ ޙަޟުރަތުގައި އެންމެ މުހިންމު ކަމަކަށްވާނީ ރޯދަހިފަންވީ ގޮތަށް ރޯދައިގެ ރޫޙާ އެއްގޮތަށް ރޯދަހިފުމެވެ. ރޯދައިގެ ވައްތަރު ދައްކައިލުމެއްނޫނެވެ.