ސްޕެނިޝް ލީގު ޗެމްޕިއަން، ބާސެލޯނާގެ މިޑްފީލްޑަރު ސެސް ޕެބްރިގާސް ގެނައުމަށް އިނގިރޭސި ލީގު ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފެބްރިގާސް ހޯދުމަށް ޔުނައިޓެޑުން ވަނީ 25 މިލިއަން ޕައުންޑުގެ ފީއެއް ބަސާއަށް ހުށަހަޅައިފަ އެވެ. "ދަ މިރާ"ގައި ވާގޮތުން މިހާރު އޮސްޓްރޭލިޔާގެ ސިޑްނީގައި ޕްރީ-ސީޒަން ތަމްރީނުތަކެއް ހަދަމުން ގެންދާ ބާސާއިން ވަނީ ޔުނައިޓެޑުގެ ހުށަހެޅުން ބަލައިގަތަކަން ކަށަވަރު ކޮށްދީފަ އެވެ.

އާސެނަލްގެ ކުރީގެ މިޑްފީލްޑަރު ފެބްރިގާސް ހޯދުމަށް، ޔުނައިޓެޑުން 25 މިލިޔަން ޕައުންޑުގެ ފީއެއް ހުށަހަޅާފައި ވީ ނަމަވެސް ބާސާއާއި އާސެނަލްއާ ދެމެދު ހަދާފައިވާ އެއްބަސް ވުމުގެ ދަށުން ފެބްރިގާސް އެހެން ޓީމަކަށް ވިއްކައިލާނަމަ، އޭނާ ގަތުމުގެ ފުރުސަތު ފުރަތަމަ އޮންނާނީ އާސެނަލް އަށެވެ. އެހެން ކަމުން ބާސާއިން ފެބްރިގާސް ވިއްކާލަން ބޭނުންވި ނަމަވެސް އެހެން ކްލަބަލަށް އޭނާ ގެންދެވޭނީ އާސެނަލްއިން ނޫނެކޭ ބުނެފި ނަމައެވެ.

ބާސާގެ ލަ މެސިއާ އެކަޑަމީން އުފެއްދި ހުނަރުވެރި މިޑްފީލްޑަރު އާސެނަލްއާ ގުޅުނީ އުމުރުން 16 އަހަރުގައި 2003 ވަނަ އަހަރު އެވެ. އަދި ފެބްރިގާސް ވަނީ އާސީން ވެންގާގެ އިރުޝާދުގެ ދަށުން އޭނާގެ ހުނަރު އިތުރަށް ތަރަށްގީކޮށް އެ ކްލަބްގެ އެންމެ މުހިއްމު ކުޅުންތެރިޔާގެ ގޮތުގައި 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާސެނަލްގެ ކެޕްޓަންކަން ހޯދައިފަ އެވެ. އާސެނަލް ދޫކޮށް ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި، ފެބްރިގާސް އަލުން ބާސާއާ ގުޅުނީ 25.4 މިލިޔަން ޕައުންޑުގެ ފީއަކަށް 2011 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.

ފެބްރިގާސް ބާސާއާ ގުޅުނުފަހުން އޭނާ ވަނީ، 2011-12 ސީޒަންގެ ކޮޕާ ޑެލްރޭއާއި 2012-13ގެ ލަލީގާ އެ ކްލަބަށް ހޯދުމަށް އެހީތެރިވެ ދީފައެވެ. އަދި ސްޕެއިންގެ ގައުމީ ޓީމަށް 83 މެޗު ކުޅެފައިވާ ފެބްރިގާސް ވަނީ، އެ ކްލަބާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، ޔޫރަޕިއަން ޗެމްޕިއަންޝިޕް ދެފަހަރު ކާމިޔާބު ކޮށްފަ އެވެ.

ޔުނައިޓެޑަށް ފެބްރިގާސް ގަނެވިއްޖެ ނަމަ އޭނާ ވެގެންދާނީ، ސާ އެލެކްސް ފާގަސަންއަށް ފަހު އެ ކްލަބްގެ ކޯޗު ކަމާއި އަލަށް ހަވާލުވި އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޮއެސްގެ ބެލުމުގެ ދަށުން އެ ކްލަބަށް ގެންނަ އެފަދަ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މިހާރު ހުށަހަޅާފައިވާ އަގަކީ ފެބްރިގާސް ދޫކޮށްލުމަށް ބާސާއިން ގަބޫލު ކުރާނޭ އަގަށްވުރެ މާ ބޮޑަށްވެސް ދަށް އަގަކެވެ. އެހެން ނަމަވެސް އެ އަދަދު ބޮޑު ކުރަން ޖެހިއްޖެ ނަމަވެސް އެކަމަށް ހަރަދު ކުރާނޭ ފައިސާ ދަތި ކަމެއް ނެތި މޮއެސްއަށް ދޫކުރާގޮތަށް ކްލަބްގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް އެޑް ވުޑްވާޑްއާ ހަވާލާދީ އިނގިރޭސި މިޑިއާތައް ބުނެފައިވަނީ، މި ސީޒަންގައި މޮޅު އެއް ކުޅުންތެރިއަކު ޓީމަށް ގެނައުމަށް 60 މިލިއަން ޕައުންޑާއި 70 މިލިއަން ޕައުންޑާ ދޭތެރޭގެ ފީއެއް ހޭދަ ކޮށްލުމަށް އޯލްޑް ޓްރަފޮޑް ކްލަބް އޮތީ ތައްޔާރަށް ކަމަށެވެ.